(19 މާރިޗު 2019 އާ ގުޅޭ)
އޮއްސެމުން އައި އިރާއެކު ތުނޑިއަށް ވަރުގަދަ ބާރެއް ފައިބައިފިކަން އެނގި ރައުލްއާއި އޭނާގެ ބައިވެރިން ސަމާލުކަމަށް އައެވެ. ކިހިނެއްކަން މިވަނީ ނޭނގޭތީ ރައުލް އަވަހަށް ޖެހިލީ އީޝަލްގެ ގާތަށެވެ. ދެންތިބި މެންބަރުން އީޝަލް ވަށައިލައިފިއެވެ. ނަމަވެސް ލުގަލްބަންދާ ހުރި ގޮތުން އޭނާއަށް އެވީ ކިހިނެއްކަން އެނގޭ ކަހަލައެވެ.
"ރައުލް... ބައްޕަ... އަހަރެންގެ ބައްޕަ" ރައުލްއަށް ގޮވާލަމުން އޭނާގެ ކަންފަތް ދޮށުގައި އީޝަލް މަޑުމަޑުން ބުނެލިއެވެ. ދެންތިބި ބައިވެރީންނަށް އީޝަލް އެބުނި އެއްޗެއް ރައުލް އަންގާލިއެވެ. އެއާއެކު މާޙައުލަށްވެރިވި ނުތަނަވަސްކަމުގެ އަސަރު ކުޑަވެ އެންމެންހެން ހަމަޖެހިލައިފިއެވެ. އެ މީހުން މަޑުކޮށްގެން ތިއްބާ އެތަނަށް ފާޅުވީ މީކާޢިލްއާއި ޖޫދާއެވެ. ކުރިން ދުވަހު ޒިޔަޒެލްގެ ގޭތެރެއިން އަންހެނަކާއެކު ފެނުނު ފިރިހެން މީހަކީ ޖޫދާކަން ރައުލްއަށް ވަގުތުން އެނގުނެވެ. އެންމެންނާ ބައްދަލުކުރަން ބޭނުންވާކަމާއި ޒިޔަޒެލްގެ ގެއަށް އައުމަށް މީކާޢިލް ބުންޏެވެ. އަދި އީޝަލްއާއި ލުގަލްބަންދާއަށް މީކާޢިލްއާއެކު އައުމަށް އޭނާ ބުންޏެވެ. ދާން އުޅެފައި ޖޫދާ ފަސްއެނބުރި ދެފަހަރަކު ބަލާލިއެވެ. މީކާޢިލް ގޮވާލުމުން ޖޫދާ އެ މީހުނާ އެއްވަރުކުރިއެވެ.
"އެއީ ކާކު؟ އެ މީހުންގެ ތެރެއިންވާ ޖިންނިއެއް އެއީ؟ އެކަމަކު މީގެ ކުރިން ނުދެކެން" މީކާޢިލްމެން ގެއްލުމުން ރާވިން ވާހަކަދެއްކިއެވެ.
"ނޭނގެ، އީޝަލްއާ ގުޅުމެއްވޭ... އެކަމަކު އެއީ ކާކުކަމެއް އީޝަލް ނުބުނޭ، އެ ޢާއިލާގެ މިހެއް އެވެސް" ރައުލް ބުންޏެވެ.
"މީކާޢިލްގެ ދުލުން އަހަރެމެންނާމެދު ނުރުހުން ފާޅުކުރިޔަސް އޭނާގެ ފުށުން ނުރައްކަލެއްނެތް، އެނގޭ އޭނާގެ ދަރިފުޅަމާދު ކަންބޮޑުވެގެންކަން އެފަދަ އެއްޗެހި ކިޔަނީ، އެކަމަކު މީކާޢިލްގެ ގާތުގައި ދެން އެ ހުރި ޖިންނި ތަފާތު" ސޭމެސް އަދިވެސް ހުރީ މީކާޢިލްމެން ދިޔަ ދިމާއަށް ބަލަހައްޓައިގެންނެވެ. އެންމެ ފުރަތަމަ ޖޫދާ ފެނުނު ވަގުތު ވެސް ރައުލްއަށް ތަފާތު އިހްސާސެއް ކުރެވުނެވެ. ސޭމެސްގެ ވާހަކައިން އޭނާއަށް އިތުރަށް އެކަމާ ވިސްނާލެވުނެވެ.
"އަހަރެމެން ލަސްވެގެން ކަމަކުނުދާނެ، ހިނގާ ދަމާ" ރައުލް ބުންޏެވެ.
ބެރެބެދި ގަހުގެ ތެރެއިން އަލިގަދަ ވޮށެއް ދިއްލިފައި ހުރި ފަދައެވެ. ދުރަށް އެ އަލި ފެތުރިފައި އޮތެވެ. ރައުލްމެންނަށް އެހިސާބަށް އާދެވުމުގެ މާ ކުރީން އެ އަލިކަން ފެނުނެވެ. ނަމަވެސް އެ މީހުން އައިސް އެ ގަހުގެ ތެރެއަށް ވަންނަން އުޅެ ވަދެވޭ ގޮތެއް ނުވިއެވެ. ލޮލަށް ނުފެންނަ ގަދަފަދަ ބާރަކުން އެ މީހުންނަށް ހުރަސް އަޅާ ކަހަލައެވެ.
"އެ މީހުންގެ ހުއްދަ ނުލިބެ ނުވަދެވޭނެ" ކުރިއަށް ޖެހިލައި ރައުލް ބުނެލިއެވެ. އެވަގުތު ގޭތެރެއިން ޒިޔަޒެލް ނުކުތްތަން ފެނުނެވެ. އޭނާއާއެކު މިޒަރެން ހުއްޓެވެ. އެ މީހުން ގެނައި ފެންކަންވާރު އެއްފަރާތުގައި މިޒަރެން ބެހެއްޓިއެވެ. އަދި އޭގައި އޮތް ރަންވަން ލޮއިގެ ބޯތަށްޓަކުން ފެން ނަގައި ޒިޔަޒެލްއަށް ދިއްކޮލުމުން އޭނާ އެ ތަށި ހިފައިގެން ގާތްވެލީ އެންމެންގެ ކުރިއަށް ނުކުމެ ހުރި ރައުލްއާއެވެ.
"މީ ކުރިން ފަހަރު ކުރި ކަހަލަ ކަމެއް، މިކަމުން ގެއްލުމެއްނެތް" ޒިޔަޒެލް ބުންޏެވެ. ރައުލް އަނގައިން ބުނުމުގެ ބަދަލުގައި ބޯޖަހާލީއެވެ. އެއާއެކު ޒިޔަޒެލްގެ އެ ލޮއި ތަށީގައި ހުރި ފެން ރައުލްގެ ފައިތިލަ އަޅައިފިއެވެ. ފޮނުތަކެއް ރައުލްގެ ފައިތިލަ ދަށުން ފާޅުވެލުން ފިޔަވައި އިތުރުކަމެއް ނުފެނުނެވެ. ޒިޔަޒެލް ހަމަ އެފަދައިން ދެންތިބި މެންބަރުންގެ ފައިތިލަކަށް ފެންއަޅައިފިއެވެ. ނަމަވެސް އެއިން ކޮންމެ މީހެއްގެ ފައިދަށުން ފޮނުއެރިވަރު ތަފާތެވެ. އެންމެ ގިނައިން ފޮނުއަރާތީ ފެނުނީ ރާވިންގެ ފައިތިލައިންނެވެ. ފޮނުތައް ހިނދުމުން ޒިޔަޒެލް އެ މީހުންގެ ގާތު އެންމެން އެކުގައި ގޭތެރެއަށް ވަނުމަށް ބުންޏެވެ. ޒިޔަޒެލް ގޭތެރެއަށް ވަނީ އެ މީހުން ތިބި ދިމާ ވެލިގަނޑަށް ފެންޖެހުމަށްފަހުއެވެ.
ކުށްވެރިއަކު ފަދައިން ލުގަލްބަންދާއާއެކު ފެންޑާގެ އެއްފަރާތުގައި ހުރި ގޮނޑިއެއްގައި އީޝަލް އިނެވެ. މެނދުގައި ވަށްބުރެއްހެން ޖަހާފައި ހުރި ގޮނޑިތަކުގައި ތިން އަންހެނުންނާއި ދެ ފިރިހެނުން ތިއްބެވެ. ރައުލް އެ އެންމެންނަށް ވަކިވަކިން ބަލާލިއެވެ. ހުސްކޮށް ހުރި ގޮނޑިތައް ދައްކާލަމުން އެނާ ގާތު އިށީނުމަށް މީކާޢިލް ބުންޏެވެ. އަދަބުވެރިކަމާއެކު ރައުލް އައިސް ގޮނޑީގައި އިށީނެވެ. އޭނާގެ ފަހަތުގައި ރާވިންއާއި ސޭމެސްގެ އިތުރުން ހަތޯރާއި ދާރިއުސް މަޑުކޮށްލިއެވެ.
"މީތަ ބޭރީތުގެ ދަރިއަކީ؟" ފާޑެއްގެ ހިންޏެއް އައިސްފައި އިނދެ ތިން އަންހެނުން ކުރި އެކަކު އެއްސެވެ. އޭނާ ބަލާލީ އެތަނަށް އައި ޒިޔަޒެލްއަށެވެ.
"މީނާ ނޫނީ ދެން އެތިބީ ހުސް ވެސް ބޭރީތުގެ ދަރީން" ރާވިންއަށް އިޝާރާތްކުރުމަށްފަހު ޒިޔަޒެލް ބުންޏެވެ. އަދި އޭނާ އިށީންނަމުން އެ މީހުންނަށް ވެސް އިށީނުމަށް ދަޢުވަތު ދިނެވެ. އެ އެންމެން ބަލާލީ ރައުލްއަށެވެ. ޒިޔަޒެލްގެ ދަޢުވަތު ޤަބޫލުކުރާށޭ ބުނާ ފަދައިން ރައުލް ބޮލުން އިޝާރާތްކޮށްލިއެވެ. އެއާއެކު އެ ހަތަރު މީހުން އައިސް ރައުލްއާ ޖެހިގެން ވައަތްފަރާތަށް ހުރި ގޮނޑިތަކުގައި އިށީނދެއްޖެއެވެ. މަޖިލިސް ފެށުނީ ދެނެވެ.
ވާހަކަދައްކަން ފެށީ ޒިޔަޒެލްއެވެ. ތިން އަންހެނުންގެ ތެރެއިން ޝާހީ ލިބާސްކޮޅުގައި ބޯނިވާކޮށްގެން ތިބި ދެ އަންހެނުންނަށް އިޝާރާތްކޮށް އެއީ އީޝަލްގެ ބޮޑުދައިތަ ބަލްޤިސްއާއި މާމަ ބަހީރާކަން ޒިޔަޒެލް ތަޢާރަފްކޮށްދިނެވެ. ދެން އިން އަންހެންމީހާއަކީ ލާމިއާކަމުގައި ބުންޏެވެ. މީކާޢިލްއާއި ޒިޔަޒެލްގެ އިތުރުން އެތަނުގައި ތިބި ދެ ފިރިހެނުން ޒިޔަޒެލް ތަޢާރަފްކޮށްދިނުމުން ޖުދާއާއި އާރަމްއަކީ ކޮންބައެއްކަން ރައުލްއަށް އެނގުނެވެ. އެއިން ކޮންމެ މީހަކާ ސަލާމް ބަދަލުކުރުމުގެ ގޮތުން ރައުލް ބޯޖަހާލައެވެ. ދަތުރަށް ފެށުމަށް އިރުވަރު ކަނޑައަޅައިފައިވާކަން ހާމަކުރީ ވެސް ޒިޔަޒެލްއެވެ. އަދި ދަތުރުގައި އީޝަލްއާއެކު ބައިވެރިވާނީ ޒިޔަޒެލްއާއި އާރަމްގެ އިތުރުން ލާމިއާކަން ޒިޔަޒެލް އޮޅުން ފިލުވައިދިނެވެ. ބޭރީތާ އެކަހެރިކޮށް އެކަކު ވެސް ބައްދަލުނުކުރާނޭކަން ޒިޔަޒެލް ބުންޏެވެ. އެފަދަ ކޮންމެ ވަގިތަކު ޒިޔަޒެލްއާއެކު އާރަމް ހުންނާނޭކަމެވެ. އަދި އީޝަލްއާއެކު ލާމިއާ ހުންނާނޭ ކަމެވެ. އެ ހުރިހާ ކަމަކަށް ރައުލް އެއްބަސްވިއެވެ. އަދި ރައުލްގެ ފަރާތުން އީޝަލްގެ ގާތުގައި ހުރިހާ ވަގުތަކު ޔާފިއާ ހުންނާނޭކަން އޭނާ ބުންޏެވެ. އަދި ޔާފިއާއަކީ ކާކުކަން އެ މީހުންނަށް އޮޅުން ފިލުވައިދިނެވެ. މިވަގުތު އެ މަޖިލީހުގައި ޔާފިއާ ނެތީ ގަނޑުވަރުގެ ކަންކަން ގާތުން ބެލުމަށް ޓަކައި ޔާފިއާ ހުރުން މުހިންމުކަމަކަށް ރައުލްއަށް ފެންނާތީކަމަށް ރައުލް ބުންޏެވެ. އޭނާގެ ވިސްނުމާ އެކަކު ވެސް ދެކޮޅެއް ނުހެދިއެވެ.
ރޭވިފައި އޮތް ހުރިހާކަމަކާމެދު މަޝްވަރާ ކުރެވި ނިމުމާއެކު ބަލްޤިސް ގޮވާލީ މީކާޢިލްއަށެވެ. އެ ދެމެދުގައި އެއްބަސްވެފައި އޮތް ގޮތުގެ މަތިން ރައުލްއާއެކު އެކަނި ވަގިތުކޮޅެއް އޭނާ ބޭނުންވާކަން ހަނދާންކޮށްދިނެވެ. އެކަމާ ނުގަބޫލުވާން ބޭނުންވިޔަސް ބަލްޤިސްގެ ނުރުހުމާ ކުރިމަތިލާން ޖެހިދާނޭތީ މީކާޢިލް ބޯޖަހާލީއެވެ. ރައުލްއަށް ބަލްޤިސް ގޮވާލިއެވެ. އަދި އޭނާއާއެކު އައުމަށް ބުންޏެވެ. ދުރުގައި ހުރިހާކަމެއް ބަލަން އިން އީޝަލްއަށް ކޮޅަށް ތެދުވެވުނެވެ. އެތަން ފެނި ބަލްޤިސްގެ ކަނާއަތް އީޝަލް ދިއްކޮށްލިއެވެ. އީޝަލް ހިނގައިގަތް ވަގުތު ލުގަލްބަންދާ އޭނާގެ ފަހަތުން އަންނަން ފެށުމުން ބަލްޤިސް ލޮލުން އެކަން މަނާކުރިއެވެ. ކުރިއަށް ނަގަނަގާ ހުރި ފިޔަވަޅާއެކު ލުގަލްބަންދާ ހުއްޓުނީއެވެ. އީޝަލްގެ އަތުގައި ހިފައިގެން ބަލްޤިސް އެރީ ގޭގެ މަތީގައިވާ އިރުމަތީ ފެންޑާއަށެވެ. ޖޫދާ އެތަން ބަލަން ހުރުމުން އޭނާގެ ކޮނޑުގައި ޒިޔަޒެލް ހިފަހައްޓާލިއެވެ. އަދި އޭނާ ގޮވައިގެން އެއްފަރާތްވެލިއެވެ. ބަލްޤިސްއާ ދެބަސްވުމުގެ މާނައެއްނެތްކަމުގައި ޖޫދާއަށް ޒިޔަޒެލް ވިސްނައިދިނެވެ. ބަލްޤިސް އުމުރުން ކިތަންމެ ހަގު ނަމަވެސް އޭނާގެ އަތުގެތެރެއަށް ތުއްތު އީޝަލް ލީ ދުވަހުން ފެށިގެން އޭނާގެ މަންމައަށް ބަލްޤިސް ބަދަލުވެއްޖެކަން ޒިޔަޒެލް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އެހެންވެ ބަލްޤިސް ހުއްޓުވަން މަސައްކަތްކޮށްގެން ރަނގަޅު ނަތީޖާއެއް ނުނިކުންނާނޭކަން ޒިޔަޒެލް ބުންޏެވެ. ނަމަވެސް ޖޫދާގެ މޫނުމަތިން ފާޅުވަނީ ނުރުހުމުގެ އަސަރެވެ.
"އަހަރެންގެ ފައިބުޑަށް އެ ބޭރީތު ވައްޓާލައި އަހަރެންގެ ކަނޑިން އޭނާގެ ބޯ ކަނދުރާއާ ވަކިކުރަން ބޭނުންވަނީ، އޭނާއާ ގުޅުން ހުރި ބަޔަކަށް ވެސް ރަހުމުކުރާކަށް ހިތެއް ނޭދޭ... އެ ޒަޚަމްތައް ފަސޭހަވެ ލަކުނަށްވުމުން މިއަދު އެ ލަކުނުތަކުގައި މީހަކު ހިފައި އިރާލައިފި ކަހަލަ... މިހާރު އަހަރެންނަކީ އޭރު ހުރި އާރެއްބާރެއްނެތިފައިވާ ކުޑަކުއްޖާއެއްނޫން، ދުވަހަކު ހިތުގައި ބަޔަކާމެދު ނުކުރާ ނަފުރަތު އަހަރެން އެ މީހުންނަށްކުރަން" ޖޫދާގެ ހިތުގައިވާ ޝުޢޫރުތައް އޭނާއަކަށް ނުހިފެއްޓުނެވެ.
"ޖޫދާ... ދަރިފުޅާ... ކަލޭގެ ރުޅި މައިތިރިކުރޭ، މީކާޢިލްއާއި ކަލޭގެ އަނބިމީހާގެ އިޙްސާސްތަކާމެދު ވިސްނާލަބަ، އެ މީހުންނަށް މި ނިންމުންތަކަކީ ފަސޭހަ ނިންމުންތަކެއްކަމަށް ކަލޭ ހީކުރަނީތަ؟... ކަލޭގެ އެކުވެރިޔާގެ ހަމަޖެހުން ގެއްލިފައިވާވަރު ނުފެނޭތަ، ކަލޭގެ ވާހަކަތައް އޭނާ އެންމެ ހިނދުކޮޅަކަށް ވެސް ހަނދާންނައްތައެއްނުލާ، އެ ހުރިހާކަމަކީ ޚުދު އޭނާ ކުރިމަތިލީ ކަންތައްތައް ފަދަ، އެކަމަކު އީޝަލްގެ އުފަލާއި ހިތްހަމަޖެހުން މިއިން އެއްވެސް ކަމަކަށްވުރެ މުހިންމު" ޒިޔަޒެލް ބުންޏެވެ. ޖޫދާގެ ނަޒަރު ރައުލްއާއެކު އައިސްތިބި ބައިވެރީންގެ ގާތުގައި އިން މީކާޢިލްއަށް ހުއްޓުނެވެ. އޭރު ބަހީރާ އެ މީހުންނާ ވާހަކަދައްކަނީއެވެ. އެ މީހުންގެ ޚަބަރުތައް ބަހީރާ އޮޅުން ފިލުވަމުންދިޔައެވެ.
"ރައުލް... ކިހިނެއްތަ؟ ވަރަށް ހާސްވެފައި ދޯ ތިހުންނަނީ، ކަންބޮޑުނުވޭ، އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ވާނީ އެންމެ ރަނގަޅަށް، އަހަރެންގެ ބޭބެ އޭނާގެ އުސޫލުތަކުން ބޭރުވި ފުރަތަމަ ފަހަރަކީ އީޝަލްގެ މަންމައާ ބައްދަލުވީ ފަހަރު، އީޝަލްއަކީ ޚާއްޞަ ކުއްޖެއް، އަހަރެންގެ ލޮލުގެ ފިނިކަން، އަހަރެންގެ ހިތުގެ ހަމަޖެހުން... އޭނާއަށް ރައުލް ކަމުދެއޭ ބުނާނީ ރައުލްގެ ފަރާތުން ޚާއްޞަކަމެއް ފާހަގަވެގެންކަން ޔަގީން، އަހަރެން އީޝަލްއަށް ވަޢުދުވިން، ތި ދެކުދީންގެ ދެމެދުގައި ތެދުވެރި ލޯބިވާނަމަ ތި ދެކުދީން ގުޅުވައިދޭން ކޮށްދެގެން ހުރި ކޮންމެ ކަމެއް ކޮށްދޭނަންކަން، އަހަރެމެންނާ ރައުލްގެ ދިރިއުޅުން އުޑާއި ބިމާހާ ތަފާތު، އެހެންވިޔަސް ރައުލް އަހަރެމެންގެ ކަންކަން ޤަބޫލުކުރަން ތައްޔާރަށް ހުރިކަން އެނގުމުން އަހަރެންނަށް އެނގުނު އީޝަލްދެކެ ރައުލް ލޯބިވަނީ ކިހާ ވަރަކަށްކަން، ޖިންނީންނަށް އެ މީހުންގެ ދީނާއި ސަޤާފަތާއި އެ މީހުންގެ ޤަބީލާތައް ދޫކޮށްލުމަކީ އަމިއްލައަށް މަރުވުން ފަދަ ކަމެއް، ރައުލް!... ކަލޭމެންގެ ތެރޭގައި މި ގުޅުމަށް ހުރަސް އަޅާނޭ ބަޔަކު ތިބެދާނޭކަން ހަނދާންކުރާތި، އީޝަލް ކިތަންމެ ކުޅަދާނަވިޔަސް ކަލޭގެ އެހީތެރިކަމަށް އޭނާ ބޭނުންވާނޭކަން ދަންނާތި، އޭނާ ރައްކާތެރިކުރާތި، މިހާރު އެއީ ކަލޭގެ އަނބިމީހާ، މީކާޢިލް ކަލެއަށް ހިބަކޮށް ދީފިންކަމުގެ ލަފުޒު އެ ދުލުން ބޭރުކުރި ވަގުތުން ފެށިގެން އޭނާ އެއިނީ ރައުލްގެ ބެލުމުގެ ދަށުގައިކަން ޤަބޫލުކުރޭ، އޭނާގެ ހަޤީޤަތް ކަލެއަށް އެނގޭ... އެ ހަޤީޤަތް ކަލޭގެ އަޖަލު ހަމަވެގެންދާއިރު ވެސް ސިއްރުކުރާތި، އަހަރެންގެ ފިރިމީހާއަކީ ބޭރީތުގެ އަނިޔާވެރިކަން ދުށް ޖިންނިއެއް، އެ އަނިޔާވެރިކަމުގެ ލަކުނު އޭނާގެ ނަފްސުގައި ދާއިމަށްވޭ، އަހަރެމެންގެ ނަސްލަށް ބޭރީތުގެ ޝައުގުވެރިކަން ވާކަން އޭނާ ބުނޭ، އަދި ތީ އޭނާގެ ފުށުން އައިސް ތިބި ޖާސޫސުން ކަމުގައި އޭނާ ޤަބޫލުކުރޭ، އަހަރެންގެ ނިންމުންތަކާ އޭނާ ދެކޮޅުވަނީ އެހެންވެ، އެކަމަކު އަހަރެން ޤަބޫލުކުރަނީ ރައުލްއަކީ އޭނާގެ އަމިއްލަ ނިންމުންތަކުގެ މައްޗަށް ބުރަވާ އަމިއްލަ އުސޫލުތަކުގެ ވެރިއެއްކަމުގައި، އަހަރެންގެ މި ވިސްނުން ބަދަލުވިޔަ ނުދޭތި، މިހާރު އަހަރެންގެ ފުށުން މިފެންނަ އޯގާތެރިކަމެއް އެ ދުވަހުން ނުފެންނާނޭކަން ރައުލް ހަނދާންކުރާތި" ބަލްޤިސްގެ ވާހަކަތަކަށް ރައުލް ބޯޖަހާލިއެވެ.
"ލަފުޒުތަކަކުން ހުރިހާ އެއްޗެއް ބުނެދޭނޭ ގޮތެއް ނޭނގޭ... އެކަމަކު އީޝަލްގެ ބޮޑުދައިތައަށް ވަޢުދުވަން، އަހަރެންގެ ފުރާނަ ހުރިހާ ހިނދަކު އީޝަލްއާއި އޭނާގެ ޢާއިލާ ރައްކާތެރިކުރާނަން" ރައުލް ބުންޏެވެ. އޭނާ އީޝަލްއަށް ބަލާލައި ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަދި އިސްޖަހާލައިފައި އިސްއުފުލާލައި ބަލްޤިސްއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އީޝަލްއާއި ރައުލްއާ ދެމެދު އޮތް ލޯބި އެ ކުޑަކުޑަ އިޝާރާތުން ވެސް ބަލްޤިސް ދެނެގަތެވެ. ރައުލްގެ ފުށުން އޮޅުވާލުމެއްނުވާކަން ބަލްޤިސްއަށް ޔަގީންވިއެވެ. ކުރިއަށް ޖެހިލައި ރައުލްގެ ކަނާއަތްތިލަ ނަގައި އީޝަލްގެ ކަނާއަތްތިލައިގެ މަތީ ބަލްޤިސް ބޭއްވިއެވެ. އެ ދެ އަތުގައި ހިފައިގެން ހުރެ އެ މީހުންނަށް އޭނާ ދުޢާކުރުމަށްފަހު އެ މީހުންގެ ދެ ކޮޑަށް ފުމުނެވެ. އީޝަލްގެ ނިތްކުރީގައި ބަލްޤިސް ބޮސްދިނެވެ. އަދި ބަލްޤިސްގެ ލިބާހުގައި އެތެރެ ފަރާތަށް ހުރި ޖީބަކުން ނެގި ރިހި އަނގޮއްޓި ރައުލްއަށް ދިނެވެ. އޭގައިވަނީ "ނަމްރުގެ ލޯ" އޭ ކިޔާ ހިލައެއް ލާފައެވެ. އެއީ އާދައިގެ އަނގޮއްޓިއެއްނޫންކަން ބަލްޤިސް ބުނެދިނެވެ. ރައުލްގެ ރައްކާތެރިކަން ވެސް މުހިންމުކަން ބަލްޤިސް ފާހަގަކުރިއެވެ. އެ އަނގޮއްޓި އޭނާއަށް ސާބިތުކަމާއި ކެރުމާއި ކެތްތެރިކަމުގެ އިތުރުން އޭނާއާ ދިމާވާ ނުރައްކާތަކާ ކުރިމަތިލުމުގައި އެހީތެރިވެދޭނޭކަމުގައި ބަލްޤިސް ބުންޏެވެ. ރައުލްގެ ކުޑަވައި އިނގިލީގައި އަނގޮއްޓި އަޅުވައިދިނީ ބަލްޤިސްގެ އަތުންނެވެ. އީޝަލްއަށް ބަލްޤިސްގެ ގައިގާ ބައްދާލެވުނީ މި ނޫނީ އެކަކު ވެސް ރައުލްގެ ރައްކާތެރިކަމާމެދު ބަހެއްބުނެފައި ނުވާތީއެވެ. ރައުލްއަށްވުރެ ކުރީން އީޝަލް އޭނާގެ ބޮޑުދައިތައަށް ޝުކުރު އަދާކުރިއެވެ.
އެންމެންގެ ތެރެއަށް ރައުލްއާއި އީޝަލް ގޮވައިގެން ބަލްޤިސް އައުމުން ޖޫދާ އަވަސް އަވަހަށް އަނބިމީހާގެ ގާތަށް އައެވެ. ރައުލް އައިސް ރާވިންމެންގެ ގާތުގައި މަޑުކޮށްލީއެވެ. ހޯމަ ދުވަހުގެ ފަތިސް ނަމާދުން ފައިބައިގެން ދަތުރު ފަށަން ހަމަޖެހިފައި އޮތްއިރު އެއީ އެއްދުވަސް ފަހެވެ. ރައުލްއާއި އޭނާގެ ބައިވެރިން އެގެއިން ނުކުމެގެން ދިޔައީ ދެން ބައްދަލުވާނީ ދަތުރަށް ފަށަން އޮތް ދުވަހު އަތިރިމަތިން ކަމުގައި ބުނެފައެވެ.
"އައިޒަން ގާތު މިހުރިހާ ވާހަކައެއް ބުނާނޭ ގޮތެއް ނޭނގެ" ކަންބޮޑުވެފައި ހުރި ބަހީރާ ވާހަކަދެއްކީ ޒިޔަޒެލްއާއެވެ.
"އަހަރެން އޭނާއާ ވާހަކަދައްކާނީ، މިހާރު މިވަގުތު... ހިނގާ އަހަރެން ގޮވައިގެން، ކަލޭގެ ފިރިމީހާއާ އަހަރެން ދައްކަންޖެހޭ މުހިންމު ވާހަކައެއް އެބައޮތް، ވަގުތެއްނެތް" ޒިޔަޒެލް ބުންޏެވެ.
އެރޭ ބަހީރާއާއި ބަލްޤިސްއާއި ޖޫދާ އެނބުރި އައިޒަންގެ ގަނޑުވަރަށް އައިއިރު އެ މީހުންނާއެކު ޒިޔަޒެލް ވެސް އައެވެ. އަނބިމީހާގެ އިންތިޒާރުގައި ހުރި އައިޒަންއާ ބައްދަލުކުރަން ޒިޔަޒެލް އައުމުން އޭނާއަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. ވަގުތުން ހުރިހާކަމެއް ރަނގަޅުތޯ އައިޒަންއަށް އަހާލެވުނީ މީގެ ކުރީން ދުވަހަކު ވެސް ޒިޔަޒެލް އިސްވެ އެ ގަނޑުވަރަށް އޭނާ ހޯދަން އައިސްފައި ނުވާތީއެވެ. އެކަހެރިކޮށް ދެ މީހުންނަށް ވާހަކަދައްކާލެވޭނޭ ފުރުޞަތެއް ބޭނުންވާކަން ޒިޔަޒެލް ވަގުތުން ހާމަކުރިއެވެ. ހާސްކަން އިތުރުވެފައި ހުރި އައިޒަން އެކަން ހަމަޖެއްސިއެވެ. އެ ދެ މީހުންގެ ދެމެދުގައި ދެކެވުނު ވާހަކައެއް ބަހީރާއަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. ޒިޔަޒެލް އެނބުރި ދިއުމުން ވެސް އެ ދެމެދުގައި ދެކެވުނު ވާހަކައެއް އައިޒަން ނުބުންޏެވެ.
* * * * * *
ހޯމަ ދުވަހުގެ ފަތިހެވެ. އިރުއަރާނޭ އިރެއް އޭރަކު އަދި ނޭނގެއެވެ. ދުނިޔެމައްޗަށް އޮތީ އަނދިރިކަން ފެތުރިފައެވެ. ރަށުގެ ބޮޑުތުނޑީގައި މަޑުކޮށްގެން ރައުލްއާއި އޭނާގެ ބައިވެރިން ތިއްބެވެ. އެ މީހުން ވެސް ތިބީ ގަނޑުވަރުގައި އަޅާއުޅޭ ހެދުމުގައެވެ. ދާރިއުސް ނޫނީ ކޮންމެ މީހަކަށް ޚާއްޞަކޮށްފައިވާ ކަނޑި އެމީހެއްގެ ކަމަރުގައި އޮތެވެ. ދާރިއުސްގެ ކަނޑި ދިގުވެފައި ބިޔައެވެ. އޭތި އަޅުވާފައި އޮތީ އޭނާގެ ބުރަކަށީގައެވެ. ލުގަލްބަންދާ އަންނަތަން ފެނި ގިނައިރެއް ނުވެ ތުނޑީގެ މެދުން ވެލިގަނޑު ބުރައިގެން ގޮސް ނަގޫރޯޅިއެއް އުފެދުނުހެން ހީވެފައި ދެން ފެނުނީ އީޝަލްއާއި އޭނާގެ ޢައިލާ އެތަނުން ފާޅުވިތަނެވެ. ފައިފޮރުވޭވަރުގެ ހުދު ހެދުމެއްގައި ހުރިއިރު އީޝަލްގެ ބޯ ނިވާކުރެވިފައިވަނީ ސިލްކުގެ ފޮތިގަނޑަކުންނެވެ. ބުރުގާއެއް ފަދައިން އޮޅާލެވިފައިވާއިރު އެއްފަރާތު ކޮނޑުމައްޗާއެކު ބައެއް އެލިފައި އޮތެވެ. ދަރިފުޅު ގާތްކޮށްލައިގެން ހުރި މީކާޢިލް އެތައް ފަހަރަކު ދަރިފުޅުގެ ބޮލުގައި ބޮސްދިނެވެ. އެ ދެލޮލުން ފާޅުވަމުންދިޔަ އިންތިހާ ދަރަޖައިގެ ކަންބޮޑުވުން ރައުލްއަށް އުނދަގޫކުރިއެވެ. ދަރިއަކާއި ބަފައެއްގެ ދެމެދު އެފަދަ ލޯތްބެއް ރައުލް ދުށް މީ ފުރަތަމަ ފަހަރެވެ. އެންމެންނާ ކަރާކަރުޖައްސައި ސަލާމްކުރުމުން، އީޝަލް ގެނެސް ޒިޔަޒެލްއާ މީކާޢިލް ހަވާލުކުރިއެވެ. އެ ދެމެދުގައި ބަދަލުކޮށްލި ނަޒަރުގައި އެތައް ވާހަކައެއް ސިއްރުވެފައިވިއެވެ. ބަހީރާގެ ގައިގާ ބައްދާލަމުން ކަންބޮޑުނުވުމަށް ލާމިއާ ބުންޏެވެ. އަދި އޭނާ ވެސް ޒިޔަޒެލްއާ ބައިވެރިވުމަށް ހިނގައިގަތެވެ. ރައުލްއާއެކު މޫދަށް ފައިބަންފެށުމުން އީޝަލް ހާސްވާގޮތްވިއެވެ. އެކަން ރައުލްއަށް އިޙްސާސްވެ ޒިޔަޒެލްއާ ގާތަށް އޭނާ އައެވެ. އަދި އެ މީހުންގެ އަނެއްފަރާތުގައި ދާރިއުސް ބެހެއްޓިއެވެ. ފަހަތުގައި ހަތޯރުއާއި ސޭމެސް ތިއްބެވެ. ރާވިން ހުރީ ކުރީގައެވެ. މޫދަށް އެރެމުން ދިޔައިރު ވައިގެ ބޯޅައެއްގެ ތެރޭގައި އެ މީހުންނަށް ތިބެވުން ކަހަލައެވެ. ލޮނުގެ އެއްވެސް އަސަރެއް އެ މީހުންނަށް ނުކުރެއެވެ. ލޮލުކޮޅަށް އޮބާލަން ދެން މީކާޢިލްއާއެކު އެތަނުގައި މަޑުކޮށްގެން ބަލްޤިސްއާއި ޖޫދާގެ އިތުރުން ބަހީރާ ހުއްޓެވެ.
ގަނޑުވަރަށް އައުމަށް ދަތުރު ފެށިކަމުގެ ޚަބަރު ރާވިން މެދުވެރިކޮށް ޔާފިއާއަށް ފޮނުވިއެވެ. އަދި އެ ޚަބަރު ލާވީއަށް އެރުވުމަށް ރައުލް އޮތީ އިރުޝާދުދީފައެވެ. ލާވީއަށް އެނގުމަކީ ބޭރީތަށް އެނގުންކަން އެންމެންނަށް ވެސް އެނގެއެވެ. ވަގުތު ޖެހުމުން ރައުލް ވެސް ހުރީ ހިތްއަވަސްވެފައެވެ.
ވަށައިގެން އަލިކަމެއްނުވާ ފުންކަނޑުގެތެރޭގައި ވަގުތުކޮޅެއް ހޭދަވުމަށްފަހު ދިއްލިފައިވާ ގިއްނޯސްއާއި މާވަރުގެ ޢާއިލާގެ ދިރުންތައް ފެންނަން ފެށިއެވެ. ރީތި ކުލަކުލަ އޭގައިވެއެވެ. ދުރަށްފެތުރިފައި އޮތް މުރަކައިގެ ތަރަހަތައް ފެންނަން ފެށިއެވެ. އެތަންތަން އީޝަލް ބޭނުންވިހާ ކައިރިން ބަލާލެވޭނޭ ގޮތެއް ނުވިއެވެ. މަޑުމަޑުން އެކަހެރިކޮށް ހުރި މުރަކައިގެ ތަރަހައެއްގެ ތެރޭގައި އުފުލިފައި ހުރި ފަރުބަދަ ފެނުނެވެ. އޭގެ ވަށައިގެން އުފުލިފައިވާ ބިޔަ ހިރިގާތައް ފެންނަން ހުއްޓެވެ. ހާދަޔާ ޚިލާފަށް އެ ހިސާބުގައި ފިރިޢައުނު މުދަލޭ ކިޔޭ ކަނޑުގެ ދިރުންތައް ގިނައެވެ. މަސް ދަތުރުކުރަނީ އެތަނާ ވަކި ހިސާބެއްގެ ދުރުންނެވެ. އެވެސް ބިޔަ ބޮޑެތި މަހެވެ. ކައިރިވީ ވަރަކަށް ފަރުބަދައިގެ ތެރޭގައިވީ ބޮޑު ގަނޑުވަރު އެންމެންނަށް ފެންނަން ފެށިއެވެ. އެތައްހާސް ފާރަވެރީންނެއް ވަށައިގެން ތިއްބެވެ.
* * * * * *
"އެއީ ކޮންބައެއްކަމެއް އަދިވެސް ނުބުނަމެންނު" ބޭރީތުގެ ގާތުގައި ހުރި ކަސްދިޔާ ވާހަކަދެއްކިއެވެ.
"ރައުލްގެ ހޮވުން އެއީ، އެ މީހުންނަކީ ކޮންބައެއްކަން އެނގިގެން ކުރެވޭނީ ވަކިކޮންކަމެއް، ސަމިއާނާ ކައިވެނިކުރަން ބޭނުންނުވާކަން ބުނެ އެނބުރިދިއުމުން، އަހަރެން ރައުލްއަށް ވަޢުދުވިން އޭނާ ޚިޔާރުކުރާ ބައިވެރިޔާ ގޮވައިގެން އައުމުން ސަމިއާނާއަށް ކީ ފަދަ މަރުޚަބާއެއް އެ މީހުންނަށް ވެސް ކިޔާނަންކަން، އެ ކުއްޖާ ކަމުގޮސްފިނަމަ ކައިވެނީގެ ރުހުން ދޭނަން، މިހާރު އަހަރެން ވެސް މިހުރީ އެ ކުއްޖަކު ދުށުމަށް ވަރަށް ބޭނުންވެފަ، އެ މީހުންގެ ކުރިމަތީ އަހަރެންގެ ޤަދަރު ހިފަހައްޓާތި، ރައުލްއަކީ ކަލޭގެ ދަރިއަކަށްނުވިޔަސް އޭނާއާ މެދު ޢަމަލުތައް ބަހައްޓަންވާނީ ޒަގަންއާއި ހަތޯރާމެދު ކަލޭގެ ޢަމަލުތައް ބަހައްޓާހާ ގާތްކޮށް، ސަމިއާނާ ހުރިއިރު ފެނުނު ފަދަ މަންޒަރެއް ދުށުމަށް އަހަރެން ބޭނުންވަނީ" ބޭރީތު ބުންޏެވެ. ގަނޑުވަރުގައި މެހެމާނުންނާ ބައްދަލުކުރާ ޚާއްޞަ މާލަމުގައި ބޭރީތާއި ކަސްދިޔާގެ އިތުރުން ޢާއިލާގެ އިސް އެހެން މެންބަރުން ތިއްބެވެ. ޒަގަން ބަހެއްނުބުނެ ހުއްޓެއްކަމަކު އޭނާގެ މަންމައާ އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ. އެކަކަށް ވެސް ރައުލް ކައިވެންޏަށް ޓަކައި އަމިއްލައަށް ބައިވެރިއަކު ޚިޔާރުކުރިކަމުގެ ޚަބަރު ލިބިފައި ނެތުމުން އެކަމާ އެންމެ ކަންބޮޑުވަނީ ކަސްދިޔާއާއި ޒަގަންނެވެ. އެކަމާ ގުޅިގެން އެއްވެސް ކަމެއް އޮޅުންފިލާތޯ ކަސްދިޔާ ވަރަށް މަސައްކަތްކޮށްފިނެވެ. ނަމަވެސް ބޭރީތު އެކަމާ ގުޅުވައި މާބޮޑު އެއްޗެއް ނުބުނެއެވެ. އެހެންވެ އޭނާ ވެސް އެ ހުރީ އެ އަންހެންކުއްޖަކީ ދުށުމަށް ކެތްމަދުވެފައެވެ.
"އެ މީހުން ގަނޑުވަރަށް ވަދެއްޖެ، މިތަނަށް އެ އަންނަނީ" ބޭރީތު ގޮނޑިން ތެދުވިއެވެ. އެއާއެކު ކަސްދިޔާ ވެސް ތެދުވެ ބޭރީތުގެ ގާތުގައި ހުއްޓިލިއެވެ.
މާލަމުގެ ދޮރު ހުޅުވި ރައުލްގެ ފަހަތުގައި ތިބެ ވަން މީހުން ފެނި މުޅި މާޙައުލަށް ހިމޭންކަމެއް ވެރިވެގެންދިޔައެވެ. ލާވީއަށް ވެސް ހިންދިރުވާލެވުމާއެކު ބޭރީތަށް ބަލާލެވުނެވެ. ކުއްލިއަކަށް މުޅި މާލަމްތެރޭ ހިތްފުރިއަރާ ފަދަ ހުވަނދެއް ލެވުނު ފަދައެވެ. މީރު ވަހެއް ކޮންމެ މީހެއްގެ ނޭފަތުގައި ޖެހި ހަރުލައިފިއެވެ. ބޭރީތާ ކުރިމަތިވާނޭހެން ހުއްޓި ރައުލް އެއްފަރާތްވެލި ހިނދު އޭނާގެ ފަހަތުން ހުދުކުލައިގެ ދިގު ހެދުމެއްގައި ބޯނިވާކޮށްގެން ހުރި އަންހެންކުއްޖާ ފެނުމާއެކު ކަސްދިޔާގެ ނޭވާ ތާށިވީ ކަހަލައެވެ. އެތެރެ ހަށީގައި ނުބައި ގަނޑުބަޑެއް އުފެދުނު ކަހަލައެވެ. ބަނޑުގައި އަތްއަޅާލެވުމާއެކު މީހާ އަރިއަކަށް ދިޔައެވެ. ކުއްލިއަކަށް ޒަގަން އޭނާގެ މަންމަގެ ގާތަށް ޖެހިލައި ހިފެހެއްޓީ ހުސިޔާރުކަމާއެކުއެވެ. އޭނާއަށް ފެނުނީ ކަސްދިޔާގެ މޫނުން ބިރެއް ފެނިފައި ހުރި ފަދަ ހައިރާންކަމާއި އަންތަރީސްކަން ވެރިވެފައި ވާތީއެވެ.
"ޖިލައްޔާ..." ކަސްދިޔާގެ އަނގައިން ބޭރުވި އާހެއް ފަދައެވެ. ލޮލުގެ ހިމަކޮޅުން ބޭރީތަށް އޭނާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ކުރިއަށް އަޅާލި ފިޔަވަޅު ހުއްޓުމަކަށް އައިސް އެ އަންހެންކުއްޖާއަށް ގެއްލިފައި ބޭރީތު ހުއްޓެވެ. އޭރު އެތައް އަހަރެއް ކުރީން އެ މޫނުން ދުށް ލުއި ހިނިތުންވުމާއި އެ ދެ ލޮލުގައިވީ ދިރިއުން ކަސްދިޔާއަށް ފެނި ނޭނގޭ ބާރުމިނެއްގައި ހިތް ތެޅިގަތެވެ.
"ބައްޕާ... މި ހުރީ އީޝަލް، ދެން މި ތިބީ ޒިޔަޒެލް، އާރަމް، ލާމިއާ... މީ އީޝަލްގެ ޢާއިލާގެ އިސް މެންބަރުން" ކޮންމެ މީހަކަށް އިޝާރާތްކުރަމުން ރައުލް ބުންޏެވެ. އޭނާ ވެސް އަޖައިބުވީ ބޭރީތަށް އީޝަލް ފެނި ވެފައި ހުރި ގޮތުންނެވެ. ލާވީ ކުރިއަށް ޖެހިލައި ބޭރީތުގެ ކޮނޑުގައި އަތްޖައްސާލިއެވެ. އަދި ކަންފަތް ދޮށުގައި ސިއްރުން ވާހަކައެއް ބުނެލިއެވެ. ހުއްޓިފައިވީ ނަޒަރު ތިރިކޮށްލައި ބޭރީތު ބޯޖަހައިލައި ކުރިއަށް ހިނގައިގަތެވެ. އެހިނދު އީޝަލްގެ ގާތަށް ލާމިއާ ޖެހިލައި އެ މީހުންގެ ކުރިއަށް ޒިޔަޒެލްއާއި އާރަމް ނުކުތެވެ.
(ނުނިމޭ)