ދައުލަތުގެ މުސާރަ އާއި އިނާޔަތް ހަމަހަމަ ކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ބޭރުގެ މާހިރުންގެ އެހީގައި ދެނެގަނެ، އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ނޭޝަނަލް ޕޭ ކޮމިޝަނުން ފަށައިފި އެވެ.
ނެޝެނަލް ޕޭކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ބޭރުގެ މާހިރުންގެ އެހީގައި ދައުލަތުގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގެނެވިފައިވާ ކަމަށާ، މުސާރައިގެ ސިޔާސަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ހާސިލުކުރުމަށްޓަކައި އެ ކޮމިޝަނުން ގިނަ މަސައްކަތްތަކާއި ދިރާސާ ތަކެއް މިހާތަނަށް ކޮށްފައިވާ ކަމަށެވެ.
ޕޭ ކޮމިޝަނުން ބުނެފައިވާ ގޮތުގައި ދައުލަތުގެ ޕްރޮފެޝަންތަކާއި ވަޒީފާތައް ބެހިފައިވާ ގުރޫޕްތައް ހިމެނޭ ގޮތަށް "މޯލްޑިވްސް ޕަބްލިކް ސާވިސް ސްޓޭންޑަޑް ކްލެފިސިކޭޝަން އޮފް އޮކިއުޕޭޝަން" ގެ ނަމުގައި މެނުއަލެއް އެކުލަވާލުމާއި ދައުލަތުގެ ހުރިހާ އިދާރާތަކުގެ މުސާރަތަކާއި ރިޓަޔަމަންޓް އިނާޔަތްތައް ހަމަޖެހފައިވާ ގޮތްތަތަކާއި އެތަންތަނުގެ މެދުގައި ހުރި ތަފާތުތަކާއި އިނާޔަތްތަކަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާކޮށްފައިވާނެ ކަމަށެވެ.
އެ ކޮމިޝަނުން އިތުރަށް ބުނެފައިވާ ގޮތުގައި ދައުލަތުން ނަގާ ލޯނާއި ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއު ތަކުން ހަރަދުކުރާ މަގާމުތަކާއި އެ މަގާމުތަކަށް ހޯދާ މުވައްޒަފުންނަށް ދޭނެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމާ ބެހޭ އުސޫލެއް ވެސް އެ ކޮމިޝަނުން އެކުލަވާލާފައިވާ ކަމަށެވެ.
ދައުލަތުގެ މުސާރައާ ބެހޭ އޮނިގަނޑު މުރާޖައާކޮށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ނޭޝަނަލް ޕޭ ކޮމިޝަންއަކީ ގާނޫނީ ބާރު ލިިބިގެން 2016 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ކޮމިޝަން އެވެ. އަދި ވެރިކަން ބަދަލުވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި ކޮމިޝަނަށް އާމެންބަރުން އައްޔަން ކޮށްފަ އެވެ.