ކްރައިސްޓްޗާޗު (މާޗް 21) - ނިއު ޒީލެންޑުގެ ކްރައިސްޓްޗާޗުގައި ހުންނަ ދެ މިސްކިތަކަށް ހަމަލާދޭން ބޭނުންކުރި ބާވަތުގެ ބަޑި ގެންގުޅުމާއި ވިއްކުން އެގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.
"މިއީ އަޅުގަނޑުމެން ކުރާނެ މަސައްކަތުގެ ފެށުމެއް،" އަސްކަރީ ބާވަތުގެ ސެމީ އޮޓޮމެޓިކް އަދި އެސޯލްޓް ރައިފަލް މަނާކުރިކަން އިއުލާނުކުރައްވަމުން ބޮޑު ވަޒީރު ޔަސިންޑާ އާޑާން ވިދާޅުވި އެވެ.
"އެއީ ގައުމީ މަސްލަހަތުގެ ތެރެއިން އެންމެން ސަލާމަތަށްޓަކައި މުހިންމު ކަމެއް، މިކަހަލަ ޓެރަރިސްޓު ހަމަލާއެއް ތަކުރާރުނުވާނެ ގޮތަކަށް ފިޔަވަޅުތައް އަޅަންޖެހޭ،" ބޮޑު ވަޒީރު އިތުރަށް ވިދާޅުވެފައިވެ އެވެ.
އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އާ ގާނޫނަށް އަމަލުކުރަން ފަށާއިރު، މިހާރު މީހުންގެ އަތުގައި ހުރި އެ ބާވަތުގެ ބަޑިތައް ސަރުކާރުން ގަތުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އާޑާން ވިދާޅުވި އެވެ.
ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް 50 މީހުން މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ނިއު ޒީލެންޑުގައި ހިންގި އެންމެ ނުރައްކާތެރި ހަމަލާ އެވެ.
ޕޯސްޓްމޯޓަމަށްފަހު މަރުވި މީހުންގެ ހަށިގަނޑުތައް އާއިލާއާ ހަވާލުކުރެވުންދާއިރު، އިއްޔެ ވަނީ ދެ މީހެއްގެ ޖަނާޒާ ބާއްވައިފަ އެވެ. އޭގެ ތެރޭގައި މީގެ ހަ މަސް ކުރިން ސީރިއާ އިން ހިޖުރަކުރި ދެ ބަފައިން ކަމުގައިވާ 15 އަހަރުގެ ހަމްޒާ މުސްތަފާ އާއި އޭނާގެ ބައްޕަ ޚާލިދު، 44 މިއަދުގެ ވަގުތެއްގައި ފަސްދާނު ލެވޭނެ އެވެ. އެ ހަމަލާގައި ހަމްޒާގެ ކޮއްކޮ ޒައިދު، 13 ވެސް ވަނީ ޒަހަމްވެފަ އެވެ.
އެ ޖަނާޒާތަކުގައި ބައިވެރުވުމަށް އެކި ސަރަހައްދުތުކަން މީހުން ވަނީ ޖަމާވެފައި އެވެ. އާޑާން ވިދާޅުވި ގޮތުގައި، އެ ހަމަލާގައި މަރުވި ހުރިހާ މީހުން މިހާރު އައިޑެންޓިފައިކޮށް ނިމިފައިވާކަމަށާއި، މިއަދުގެ ވަގުތެއްގައި އެ މީހުންގެ ހަށިގަނޑުތައް އާއިލާތަކާއި ހަވާލުކުރާނެ ކަމަށެވެ.
އެ ހަމަލާއާ ގުޅިގެން، އޮސްޓްރޭލިއާއަށް ނިސްބަތްވާ 28 އަހަރުގެ ބްރެންޓަން ޓަރަންޓް ވަނީ ހައްޔަރުކޮށްފަ އެވެ. ބްރެންޓަންއަށް ވަނީ ގަސްދުގައި މީހަކު މަރާލުމުގެ އެއް ދައުވާކޮށްފަ އެވެ.
ފުރަތަމަ ދުވަހު ކޯޓަށް ހާޒިރުކުރިއިރު، ބްރެންޓަންގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.