ދުނިޔެ

ތޫފާނަށްފަހު އެފްރިކާގެ ގިނަ ބަޔަކު ގަސްތަކުގައި ތާށިވެފައި

ދެކުނުއިރުމަތީ އެފްރިކާއަށް އެރި ވަރުގަދަ ތޫފާނުގެ ސަބަބުން ފެން ބޮޑުވެ އަޑިއަށް ގޮސްފައިވާ ސަރަހައްދުތަކުން މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ގަސްތަކާއި ފުރާޅުތަކުގެ މަތީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ ބުރަ މަސައްކަތް ކުރަމުން ނެވެ.

އަންގާރަ ދުވަހު ގަޑިއަކު 170 ކިލޯމީޓަރުގެ ބާރުގަދަ ވަޔާއެކު ބެއިރާއަށް އެރި މި ތޫފާން ވަނީ އެއްގަމަށް އަރައިގެން ގޮސް ޒިމްބާބްވޭ އާއި މަލާވީގެ އެތައް ސަތޭކަ މީހުންގެ ފުރާނަ ގެއްލި، އެތައް ހާސް ބައެއް ވަނީ ހާލުގައި ޖެހިފަ އެވެ.

މޮޒެމްބީކް ގައި މަދުވެގެން 200 މީހުން މަރުވެފައިވާއިރު ޒިމަބާބްވޭގައި 98 މީހުން މަރުވެފައިވާ އިޑާއީ ތޫފާނަކީ ދުނިޔޭގެ ދެކުނަށް މިހާތަނަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމުގައި އދ. އިން ބުނެފައި ވެއެވެ.

މޮޒެމްބީކްގެ ރައީސް ފިލީޕް ނިޔޫސީ އެގައުމުގައި ކުއްލި ހާލަތު އިއުލާނު ކޮށްފައި ވާއިރު މިތޫފާނުގައި މަރުވި މީހުންގެ އަދަދު 1،000 އަށް އަރާފާނެ ކަމުގެ ބިރު އޮތްކަމުގަ އެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކޮރޮސް އިން ހާމަކުރާ ގޮތުގައި ބެއިރާ ސިޓީގެ 90 ޕަސެންޓާ އެކު ވަށައިގެންވާ ސަރަހައްދުގެ ބޮޑުބައެއް އޮތީ ފަނާވެފައި ކަމަށެވެ.

ފެންގަނޑު ތެރޭ އޮތް ގަހެއްގައި ހިފަހައްޓައިގެން އޮއްވާ ސަލާމަތް ކޮށްފައިވާ ޖޮސިއާސް އިލިޔާސް ބުނެފައި ވަނީ އޭނާ ދިރިއުޅުނު އަވަށް އެއްކޮށް އޮތީ ފެނުއަޑީގައި ކަމަށާއި އެތަނަށް އަނބުރާ ދިއުމުގެ އެއްވެސް ބޭނުމެއް ނެތްކަމުގަ އެވެ.

އަންގާރަ ދުވަހު ހެލިކަޕްޓަރުގެ ބޭނުންކޮށްގެން ބެއިރާގެ ސަރަހައްދުން 167 މީހުން ސަލާމަތް ކޮށްފައި ވާއިރު، ބުދަ ދުވަހު ވެހުނު ވާރޭގެ ސަބަބުން ފަސް ލައްކަ މީހުން ދިރިއުޅޭ ރަށުގައި ތިބި މީހުން ސަލާމަތްކޮށް އެހީ ފޯރުކޮށްދިނުމުގައި ވަނީ ދަތިތަކަކާއި ކުރިމަތިވެފަ އެވެ.

ރެސްކިއު ސައުތު އެފްރިކާ ގްރޫޕުގެ ޓްރެވިސް ޓްރޯވާ އަލްޖަޒީރާ ނޫހަށް މައުލޫމާތު ދެމުން ބުނީ ލޮލުކޮޅަށް ފެންނަން އޮތީ ހުސް ފެން ކަމުގަ އެވެ. "ގަސްތަކުގައި ތާށިވެފައި ތިބި އަންހެނުންތައް އެމީހުންގެ ތުއްތުކުދިން ސަލާމަތް ކުރަން އަހަރެމެން ތިބި ފަލި ބޯޓުތަކުގެ ތެރެއަށް އުކި. އޮޕްރޭޝަން ކެންސަލް ކުރުމުގެ ކުރިން އަހަރެމެންނަށް ސަލާމަތް ކުރެވުނީ އެންމެ 20 ކުދިން. އަދި ފަހުން އެތަނަށް ދިޔައިރު އެތާގަ އެމީހުނެއް ނެތް"، އޭނަ ކިޔާދިނެވެ.

ޔޫއެން ގެ ވޯލްޑް ފުޑް ޕްރޮގްރާމް އެމެޖެންސީ ކޯޑިނޭޓަރު ޕެޑްރޯ މަޓޯޒް ވިދާޅުވި ގޮތުގައި އެ އެންމެން ދުވަސްތަކެއް ވެގެން ދިޔައިރު ބޮމުން ދިޔައީ އިންސާނުންނާއި ޖަނަވާރުން މަރުވެފައި އޮތް ފެންގަނޑުން ކަމުގަ ވާއިރު އެމީހުންގެ ސިއްހީ ހާލަތު ހުރި ގޮތެއް ބުނަންވެސް ނޭނގޭކަމުގަ އެވެ.

އަލްޖަޒީރާގެ ފަހްމިދާ މިލާ މީހުން ބޯހިޔާވަހިކަން ހޯދުމަށް ވަދެ ތިބި ސްކޫލެއްގެ ތެރެއިން ރިޕޯޓު ކުރާގޮތުގައި ބެއިރާގެ ރައްޔިތުން ތިބީ ފެނާއި ކާނާ އަދި ބޭހަށް ބޭނުން ވެފަ އެވެ.

ޔޫއެން އިން ބުނަމުންދަނީ މި ތޫފާނުގެ އަސަރު 2.6 މިލިއަން މީހުންނަށް ކޮށްފައި ވާއިރު މަލާވީގައި އެކަނިވެސް 920،000 މީހުން ތިބިކަމުގަ އެވެ.

އެހީގެ ގޮތުގައި ފޮނުވަމުންދާ ތަކެތި ހުރިހާ ފަރާތަކުންވެސް ދަނީ އިތުރު ކުރަމުން ކަމުގައި އދ. އިން ފާހަގަކޮށްފައި ވެއެވެ.

ޔޫރަޕިއަން ޔޫނިއަނުން ވަނީ ހާލުގައި ޖެހުނު މީހުނަށް އެހީގެ ގޮތުން 3.9 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާކޮށްފަ އެވެ. އަދި އިނގިރޭސި ވިލާތުން ވަނީ 7.9 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާ ކޮށްފަ އެވެ. އެފްރިކަން ޔޫނިަނުން 350،000 ޑޮލަރުގެ އެހީ އަދި ޔޫއޭއީ ވަނީ 4.9 މިލިއަން ޑޮލަރުގެ އެހީ ފޮނުވަން ވަނީ ނިންމާފަ އެވެ. ނޯވޭ އިން ބުނެފައިވަނީ 700،000 ޑޮލަރުގެ އެހީ އިއުލާންކޮށްފަ އެވެ.

މީގެ އިތުރުން ޓެންޒޭނިއާގެ ފަރާތުން 238 ޓަނުގެ ކާބޯތަކެއްޗާއި ބޭސް ފޮނުވާފައި ވާއިރު އިންޑިއާއިން ވަނީ އެގައުމުގެ tިން ކަނޑުމަތީ ބޯޓު އެސަރަހައްދަށް އެހީތެރިވުމަށް ފޮނުވާފަ އެވެ.