ދުނިޔެ

ނިއު ޒީލެންޑު: ހުކުރު ނަމާދުގެ ބަންގި ލައިވްކޮށް ސުކޫތެއް ގެންނަނީ

Mar 21, 2019
1

ކްރައިސްޓްޗާޗު (މާޗް 21) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ހަމަލާދީ 50 މީހުން މަރާލި ހާދިސާ އަށް ފަހު އަންނަ ފުރަތަމަ ހުކުރު ނަމާދުގެ ބަންގި އެގައުމުގެ ގައުމީ ޓީވީންނާއި ރޭޑިއޯ އިން ލައިވްކޮށް ދެ މިނިޓުގެ ސްކޫތެއް ގެންނަން ނިންމާފައިވާކަމަށް ބޮޑު ވަޒީރު ޔަސިންޑާ އާޑާން އިއުލާނުކުރައްވައިފި އެވެ.

"ހަމަލާ އަށް ފަހު މުސްލިމުން ފުރަތަމަ ހުކުރު ނަމާދަށް ދާއިރު އެ މީހުންނާ އެކު އެންމެން ވާކަން ހާމަކޮށްދޭން ބޭނުންވާ އެތައް ބަޔަކު ތިބޭނެ،" އާޑާން ވިދާޅުވި އެވެ. "އެކަން ހާމަކުރުމަށްޓަކައި މާދަމާ ދެ މިނިޓުގެ ސްކޫތެއް ގެނެވޭނެ. އަދި ހުކުރު ނަމާދުގެ ބަންގި ނިއު ޒީލެންޑުގެ ގައުމީ ޓީވީ އާއި ރޭޑިއޯ އިން ލައިވް ކުރާނެ."

ހަމަލާގައި މުސްލިމުންނަށާއި ގައުމަށް ލިބުނު ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ވީހާ ވެސް ގިނަ އަންހެނުން މާދަމާ ބޯނިވާކޮށް، ބުރުގާ އަޅައިގެން ތިބުމުގެ ހަރަކާތެއް އިންތިޒާމް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވުމުންނެވެ.

ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް 50 މީހުން މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ނިއު ޒީލެންޑުގައި ހިންގި އެންމެ ނުރައްކާތެރި ހަމަލާ އެވެ.

ޕޯސްޓްމޯޓަމަށްފަހު މަރުވި މީހުންގެ ހަށިގަނޑުތައް އާއިލާއާ ހަވާލުކުރެވުންދާއިރު، އިއްޔެ ވަނީ ދެ މީހެއްގެ ޖަނާޒާ ބާއްވައިފަ އެވެ. އޭގެ ތެރޭގައި މީގެ ހަ މަސް ކުރިން ސީރިއާ އިން ހިޖުރަކުރި ދެ ބަފައިން ކަމުގައިވާ 15 އަހަރުގެ ހަމްޒާ މުސްތަފާ އާއި އޭނާގެ ބައްޕަ ޚާލިދު، 44 މިއަދުގެ ވަގުތެއްގައި ފަސްދާނު ލެވޭނެ އެވެ. އެ ހަމަލާގައި ހަމްޒާގެ ކޮއްކޮ ޒައިދު، 13 ވެސް ވަނީ ޒަހަމްވެފަ އެވެ.

އެ ޖަނާޒާތަކުގައި ބައިވެރުވުމަށް އެކި ސަރަހައްދުތުކަން މީހުން ވަނީ ޖަމާވެފައި އެވެ. އާޑާން ވިދާޅުވި ގޮތުގައި، އެ ހަމަލާގައި މަރުވި ހުރިހާ މީހުން މިހާރު އައިޑެންޓިފައިކޮށް ނިމިފައިވާކަމަށާއި، މިއަދުގެ ވަގުތެއްގައި އެ މީހުންގެ ހަށިގަނޑުތައް އާއިލާތަކާއި ހަވާލުކުރާނެ ކަމަށެވެ.

އެ ހަމަލާއާ ގުޅިގެން، އޮސްޓްރޭލިއާއަށް ނިސްބަތްވާ 28 އަހަރުގެ ބްރެންޓަން ޓަރަންޓް ވަނީ ހައްޔަރުކޮށްފަ އެވެ. ބްރެންޓަންއަށް ވަނީ ގަސްދުގައި މީހަކު މަރާލުމުގެ އެއް ދައުވާކޮށްފަ އެވެ.

ފުރަތަމަ ދުވަހު ކޯޓަށް ހާޒިރުކުރިއިރު، ބްރެންޓަންގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.