ރެއާލް މެޑްރިޑް

ބޮޑުއަގު ހުށަހެޅީ ބާސާއިން، ރެއާލްގެ ޕްލޭން މާރަނގަޅު

ރެއާލް މެޑްރިޑަށް ވުރެ ބޮޑު އަގެއް ބާސެލޯނާއިން ހުށަހެޅި ކަމަށާއި، ނަމަވެސް އޭނާ ދާން ބޭނުންވީ، ރެއާލް މެޑްރިޑަށް ކަމަށް، ބްރެޒިލްގެ ޒުވާން ފޯވަޑް ވިނީސިއުސް ޖޫނިއާ ބުނެފި އެވެ.

އޭނާ ބުނީ، ރެއާލްއަށް އޭނާ ބަދަލުވީ، އެ ޓީމުގައި އޮތް ރަނގަޅު ސްޕޯޓިން ޕްރޮޖެކްޓްގެ ސަބަބުން ކަމަށެވެ. ރެއާލް އާއި ބާސާއިން ހުށަހެޅުން އައުމުން، އޭނާ އާއި އޭނާގެ ބައްޕަ، ދެ ކުލަބަށް ވެސް ޒިޔާރަތްކޮށް ބެލި ކަމަށެވެ.

"އަހަރެމެން ޒިޔާރަތް ކުރުމުން ދެ ކުލަބުގައި ހުރި ކަންކަމަށްވެސް އަހަރެން ޝައުގުވެރިވި،" ސްޕެއިންގެ ރޭޑިއޯ ޗެނަލަކަށް ދިން އިންޓަވިއުގައި ވިނީސިއުސް ބުންޏެވެ. "ބާސެލޯނާ އޮތީ ބޮޑު އަގެއް ދޭން ހުށަހަޅާފަ، ނަމަވެސް އަހަރެން ބޭނުންވީ ރަނގަޅު ސްޕޯޓިން ޕްރޮޖެކްޓެއް އޮތް ޓީމަކަށް ދާން، މާސެލޯ [ވިއޭރާ] އާއި [ކާލޯސް] ކަސެމީރޯ އަހަންނަށް އެހީވި ނިންމުން ނިންމަން."

މި ސީޒަންގައި، ރެއާލްއާ ގުޅުނު ވިނީސިއުސް ފުރަތަމަ ފުރުސަތު ލިބުނީ ރެއާލްގެ ބީ ޓީމަށެވެ. ސީޒަންގައި ފުރަތަމަ ރެއާލްއަށް އިރުޝާދު ދިން ހުލެން ލޮޕެޓެގީ، ވިނީސިއުސްއަށް ފުރުސަތު ދިނީ މަދު ވަގުތު ކޮޅެއްގަ އެވެ. އޭރު ބީ ޓީމަށް ކޯޗު ކޮށްދެމުން ގެންދިޔައީ، މިދިޔަ ހަފުތާގައި ރެއާލްގެ ކޯޗް ކަމުން ދުރު ކުރި ސެންތިއާގޯ ސޮލާރީ އެވެ.

"ސޮލާރީ އަހަރެން ކައިރީ ބުނީ ޖޫނިއާ ޓީމުގައި އަހަރެން ކުޅޭ ގޮތަށް ސީނިއާ ޓީމަށް ވެސް ކުޅެވޭނެޔޭ، ދެން ސޮލާރީ ސީނިއާ ޓީމާ ހަވާލުވެ، އޭނާ ގަވާއިދުން އަހަންނަށް ފުރުސަތު ދޭން ފެށީ." ވިނީސިއުސް ބުންޏެވެ.

މި މަހު، އޭނާއަށް ލިބުނު އަނިޔާއާ ގުޅިގެން، މިހާރު އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ. ރެއާލްގެ ސީނިއާ ޓީމަށް އޭނާ ކުޅުނު 33 މެޗުގައި، އޭނާ ވަނީ ހަތަރު ލަނޑު ޖަހާފަ އެވެ. އަދި ލަނޑު ޖަހާނެ 13 ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.