އެމްޑީޕީގެ ޓިކެޓްގައި ތިނަދޫ އުތުރު ދާއިރާއަށް ކުރިމަތިލާފައިވާ އަބްދުލް މުޣުނީއަށް ބޮޑެތި ތުހުމަތުތަކެއްކޮށް ސޯޝަލް މީޑިއާގެ ތެރެއށް ދޫކޮށްލުމާއެކު އެމްޑީޕީން ވަގުތުން އޭނާއަށް ކުރާ ތާއީދު އަނބުރާ ގެންދިޔަ އެވެ. އެއްވެސް ދިމާއަކަށް މޫނު އަނބުރާވެސް ނުލައި ނިންމީ އެވެ. ގިނަ ބަޔަކު އެކަމަށް މަރުހަބާ ވެސް ކިޔެވެ.
ގެވެށި އަނިޔާކުރި ކަމުގެ ތުހުމަތުތަކެއް މުޣުނީގެ ބޯމައްޗަށް ވައްޓާލައި އެންމެ ފުރަތަމަ ދައްކަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު ހިސާބުގައި އޭނާގެ ކުރީގެ އަންހެނުންނެވެ. އޭނާ ބުނާ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އަނިޔާ ތަހައްމަލު ކުރުމަށްފަހު މުޣުނީ ކައިރިން ވަރިވެ އޭނާގެ މިހާރު އޮތީ އެހެން ދިރިއުޅުމެކެވެ. އަދި އެ ތުހުމަތުތަކަށް ބާރު ލިބޭ ގޮތަށް އެހެން މީހުން ވެސް ސޯޝަލް މީޑިއާގައި އެ ވާހަކަ ދެއްކި އެވެ.
އެ ތުހުމަތުތަކާއެކު، އެމްޑީޕީ އިން ވަރަށް އަވަހަށް ފިޔަވަޅު އެޅި މަންޒަރު ފެނިގެންދިޔަ އެވެ. މުޣުނީގެ ކެމްޕެއިންގެ އެއްވެސް ހަރަކާތެއްގައި އެ ޕާޓީގެ އެއްވެސް ބޭފުޅަކު ދެން ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް އިއުލާނުކޮށްލި އެވެ.
އެފަދަ ބޮޑު ފިޔަވަޅެއް އެޅުމުގެ ކުރިން މުޣުނީ އާއި އެއްވެސް ސުވާލެއް ވެސް ނުކުރާކަމަށް އޭނާ އޭރުވެސް ބުނަމުން ދިޔަ އެވެ. އަދި އެފަދަ ފިޔަވަޅެއް އަޅަންވާނީ ހަގީގަތެއްގެ މައްޗަށް ބުރަވެ ހަރުދަނާ ކަމާއެކު އެމްޑީޕީގެ އެތެރޭގެގައި އުފެދިފައި އޮންނަ ކަމާ ގުޅުންހުރި ގުނަވަންތަކަށް ހުށަހަޅާ އެ މައްސަލައެއް ބެލުމަށްފަހު ހަމަޖެހިފައިވާ ގަވާޢިދުތަކާއި، އުސޫލްތަކާއި، ހަމައާއި އިންސާފުން ކަމަށް އޭނާ ތަކުރާރުކޮށް ގޮވާލި އެވެ.
ނުރައްކާތެރި ފާލެއް!
އޭގެ ހަފުތާއެއްހާ ދުވަސް ފަހުން، އެމްޑީޕީގެ އިތުރު ކެންޑިޑޭޓަކަށް މިވަނީ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފަ އެވެ. ތުޅާދޫ ދާއިރާއަށް ވާދަ ކުރައްވާ ގާނޫނީ ވަކީލު ހިސާން ހުސެއިން ލާއިންސާނީ އަމަލުތަކެއް ހިންގި ކަމަށް އާއިލާއަކުން ވަނީ އިނގިލިދިއްކޮށްފަ އެވެ. ބ. ތުޅާދޫ، ހިރިޔާ، އަނަފް އަހުމަދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވާފައިވާ ކަމަށް ބުނާ ދިގު ސިޓީއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދެ އެވެ.
އަނަފް އަހުމަދުގެ އެ ސިޓީގައި ތުހުމަތުކޮށްފައިވާ ގޮތުން މީގެ އަހަރު ތަކެއް ކުރިން އޭނާ އާއި އިތުރު ތިން ކުއްޖަކު މ. ނޫހިރި، ގޭގައި ކިޔަވަން އުޅުނު އިރު ހިސާންގެ ފަރާތުން ބޮޑެތި ލާއިންސާނީ އަނިޔާތައް އެމީހުނަށް ލިބުނެވެ.
އެ ސިޓީގައިވާ ގޮތުން ހިސާން ވަނީ އެމީހުން ކިޔަވަން ތިބި ހިސާންގެ ބައްޕަގެ ގެއިން ފެނާއި ކަރަންޓު ކަނޑާލައި, ނިދާފައި ތިބި ކޮޓަރީގެ ފެންލައިޓުން އެޅިގަލެއް އެއްލާފަ އެވެ. ފެނާއި ކަރަންޓު ކަނޑާލުމުން އެދުވަސްވަރު ގައިން ތާހިރުވީ އާންމު އިސްކުރު ބަރިން ހަންހަމަށް ފެން ފުރައި އުއްބަތި ދިއްލައިގެން ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުން އެ މީހުން ނިދާފައި ތިބި ކޮޓަރީގެ ތަޅު އެތައް ފަހަރަކު ހިސާން ހަލާކު ކުރި ކަމަށް ތުހުމަތުކޮށްފައި ވެއެވެ.
އަނަފް ވެސް އޭނާގެ ސިޓީގައި އެދެމުންދަނީ އިންސާފަށެވެ. އެމްޑީޕީ އަކީ ވަކި މީހަކަށް ވަކި ގޮތަކަށް އަމަލު ނުކުރާނެ ޕާޓީއަކަށްވާއިރު މި މައްސަލާގައި ހިސާން އާއި މެދުވެސް އަމަލު ކުރަން ވާނީ މުޣުނީ އާ މެދުވެސް އަމަލު ކުރިގޮތަށް ކަމަށް ބުނަމުންނެވެ.
މުޣުނީ އެކޭ އެއްފަދައިން، ހިސާންގެ ފަރާތްޕުޅުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް ކުށްވެރިކޮށްފަ އެވެ. ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް ކޮށް އަބުރު ނަގާލަން މަސައްކަތް ކުރުމަކީ ކެމްޕެއިން ކުރުމުގެ ހަރުދަނާ އުސޫލުތަކާއި ހިލާފު ގާނޫނީ ގޮތުން ކަނޑައެޅިފައިވާ އިންތަކާ ބޭރުން ހިންގާ އަމަލެއް ކަމަށް ހިސާންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ނަމަވެސް، މުޣުނީ އާ ހިލާފަށް ހިސާންގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ ބައެއް އިސްވެރިންވެސް ވަނީ ތެދުވެފަ އެވެ.
އެއް ކަމެއްގައި ދެގޮތެއް!
މައްސަލަ ފެންމަތިވަނީ އެ ހިސާބުންނެވެ. އެއްކަމެއްގައި ދެގޮތެއް ހަދަމުންދާ މަންޒަރު ފެނުމުންނެވެ. ގެވެށި އަނިޔާ ނޫން ނަމަވެސް، ހިސާނަށް ވެސް ކުރެވެނީ ސީރިއަސް ތުހުމަތުތަކެކެވެ. ހުރިހާ ކެނޑިޑޭޓުންނަށް ވެސް އަމަލު ކުރަންޖެހޭނީ އެއް އުސޫލަކުން ކަމަށް ގަބޫލުކުރާ ގިނަ ބަޔަކު އެބަ ތިއްބެވެ.
ހިސާނަށް ކުރާ ތުހުމަތުތަކުގެ ދޮރު ހުޅުވައިދިނީ ސީދާ އެމްޑީޕީ އިންނޭ ބުނުމުގެ ޖާގަ އެބައޮތެވެ. މުޣުނީގެ މައްސަލާގައި އަމަލުކުރި ގޮތަކީ އެއީ ނުރައްކާތެރި ފާލަކަށް ވީމަ އެވެ. -- މީގެ މާނައަކީ މުޣުނީއަށް ކުރެވެނީ ދޮގު ތުހުމަތުތަކެއް ކަމަށް ނިންމީއެއް ނޫނެވެ.
ނަމަވެސް، ޕާޓީގެ ގުނަވަނަކުން އެއްވެސް ވަރަކަށް މައްސަލަ ނުބަލައި، މުޣުނީ އަކީ ކުށްވެރިއެއްކަމަށް ނިންމުމުން ހިސާން އާއެކު އެމްޑީޕީ ވެސް ގޮޅިއަކަށް ފެތުނީ އެވެ. ދޮގު ތުހުމަތުތަކެއްކަން ސާބިތު ކޮށްދޭނެ މަގު ހިސާނަށް ވެސް ބަންދުވެފައި ވަނީ އެމްޑީޕީގެ ނިންމުމުގެ ސަބަބުންނެވެ. ވަކި އުސޫލެއްގެ ތެރެއިން މުޣުނީގެ މައްސަލަ ބަލައި، ފިޔަވަޅު އެޅިނަމަ، ހިސާނާއި ހަމައަށް މައްސަލަ ނައުމުގެ ފުރުސަތުވެސް ބޮޑެވެ.
މުޣުނީގެ މައްސަލާގައި އަމަލުކުރި ގޮތުން، އެމްޑީޕީގެ ބާކީތިބި ހުރިހާ ކެންޑިޑޭޓުންނަށްވެސް މިހާރު ބިރުބޮޑެވެ. އެއްވެސް ޒަމާނެއްގައި ކުރެވުނު އަދި ނުކުރެވުނު ކަމެއްގައި ހިފައިގެން، ބަޔަކު ސޯޝަލް މީޑިއާގައި ތުހުމަތުތަކެއްކޮށް ކެންޑިޑަސީ ގެއްލުވާލަން މަސައްކަތް ކުރުމުގެ ފުރުސަތު އެމްޑީޕީން މިވަނީ ރަނގަޅަށް ވެސް ހުޅުވައިދީފަ އެވެ.