ދުނިޔެ

ކޮލަމްބޯ މަސައްކަތު މީހުންގެ 80 ޕަސެންޓް ޑްރަގަށް އެޑިކްޓް ވެފައި

ސްރީލަންކާގެ ކޮލަމްބޯގެ ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 80 ޕަސެންޓު މީހުންނަކީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުން ކަމަށް ބުނެފި އެވެ.

ލަންކާގެ ޕްރެޒިޑެންޝަލް ޓާސްކް ފޯސް އޮން ޕްރިވެންޝަން އޮފް ޑްރަގްސްގެ ޑިރެކްޓާ ޑަކްޓަރު ސަމަންތާ ކުމާރަ ކިތަލަވާރައްޗި އިއްޔެ ވިދާޅުވީ އެކި ސައިޓުތަކުގައި 10،000 މީހުން މަސައްކަތް ކުރާ ކަމަށައި އޭގެ ތެރޭގައި އެހެން ގައުމުތަކުގެ މަސައްކަތު މީހުންވެސް އެބަތިބޭ އިރު އެ އެންމެންގެ 80 ޕަސެންޓް މީހުންނަކީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހުން ކަމަށެވެ.

އަދ ވިދާޅުވީ މިކަން ހާމަވެފައި ވަނީ އިންޓެލިޖަންސުން މިފަހުން ކޮށްފައިވާ ދިރާސާއެއްގެ މައުލޫމާތުގެ އެހީން ކަމަށެވެ.

"މިތަނުން އެކަކު ޑްރަގް އެޑިކްޓު ވުމަށްފަހު އޭނަގެ ކޮންމެސް އެކުވެރިއަކަށް މަސްތުވާން ބާރު އަޅާނެ. މިހެން ވަނީ ފުރަތަމަ އެޑިކްޓުވީ މީހާގެ އަތުން ފައިސާ ހުސްވާ ހިސާބުން. އަދި އެކުވެރިޔާ މަސްތުވާން ފަށާ ހިސާބުން ދެމީހުން އެކަން ކުރާނީ އެކީގަ. ދުވަސްކޮޅެއް ފަހުން ދެން ހުރި މީހާވެސް މިކަމަށް ދެވި ހިފާނެ. މިގޮތުން މި އެޑިކްޝަން ފެތުރިގެން ދޭ"، ޑރ. ސަމަންތާ ސާފުކޮށް ދެއްވި އެވެ.