ދުނިޔެ

ލަންކާ: ޖަލަށް ޑްރަގު ވެއްދިކަމަށް ތުހުމަތުކުރި ބުޅާ ފިލައިފި

Aug 3, 2020
1

ކޮލޮމްބޯ (އޯގަސްޓް 3) - ސްރީލަންކާގެ މައި ޖަލަށް މަސްތުވާތަކެތި އެތެރެކުރަން ބޭނުންކުރިކަމަށް ތުހުމަތުކޮށް ހިފަހައްޓާފައިވާ ބުޅަލެއް، މިހާރު ފިލައިގެން ގޮސްފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

މިދިއަ ހޮނިހިރު ދުވަހު، ވެލިކަޑަ ޕްރިޒަންގެ ޖަލު އޮފިސަރުންނަށް ޝައްކު ކުރެވިގެން، އެ ބުޅާ ހިފެހެއްޓިއިރު، އެ ބުޅަލުގެ ކަރުގައި އައްސާފައިވާ ޕެކެޓެއްގެ ތެރެއިން ދެ ގްރާމް ހެރޮއިން އާއި، ދެ ސިމް ކާޑާއި، މެމޮރީ ކާޑެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި، ޖަލަށް މަސްތަކުވާތަކެތި ފަދަ މަނާތަކެތި އެތެރެކުރަން އެ ބުޅާ ވަނީ ޓްރެއިންކޮށްފަ އެވެ.

ނަމަވެސް، ޖަލުގެ ކޮޓަރިއެއްގެ ތެރޭގައި ހިފަހައްޓާފައިވަނިކޮށް، އެ ބުޅާ އިއްޔެގެ ވަގުތެއްގައި ފިލާފައިވާކަމަށް ލަންކާގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ޖަލުގެ ފާރުމަތިން މަސްތުވާތަކެއްޗާއި، މޯބައިލް ފޯނާއި ސިމް ކާޑު އެއްލައިގެން، ގައިދީންނާ ހަމައަށް ފޯރުކޮށްދޭން މަސައްކަތްކުރާކަމުގެ ގިނަ މައްސަލަތައް ދާދި ފަހުން ވަނީ އިތުރުވެފަ އެވެ.

އަދި ކަމާގުޅޭ އިދާރާތަކުގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތިވެސް އަލުން އަނބުރާ ވިއްކަމުންދާކަމުގެ ތުހުމަތުތަކެއްވެސް ވަނީ ކުރެވިފަ އެވެ.

މިދިއަ ހަފްތާގައިވެސް ކޮލޮމްބޯ ތެރޭގައި މަސްތުވާތަކެތި ސަޕްލައިކުރަން ބޭނުންކުރާކަމަށް ތުހުމަތުކޮށް، ބާޒެއްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.