ހަބަރު

އަވަސްގެ އެޑިޝަން "އައްޑިހަ އަށްވަނަ ގޮނޑި" ލޯންޗްކޮށްފި

Mar 24, 2019

އަންނަ އޭޕްރީލް މަހު ބާއްވާ ރާއްޖޭގައި ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކަވަރޭޖް ގެނެސްދޭން "އަވަސް" އިން ތައްޔާރުކުރި ހާއްސަ އެޑިޝަން، "އައްޑިހަ އައްވަނަ ގޮނޑި" މިއަދު ލޯންޗްކޮށްފި އެވެ.

ނޫސް މެދުވެރިކޮށާއި ފޭސްބުކް ލައިވް ވެސް ހިމަނައިގެން "އައްޑިހަ އަށްވަނަ ގޮނޑި" މި އެޑިޝަންގައި ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކަވަރޭޖް ގެނެސްދޭނެ ހާއްސަ މައިގަނޑު ނަމަކީ، މި އިންތިހާބާ ގުޅުވައި ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ "މަޖިލިސް 19" އެވެ.

މި ކަވަރޭޖްގެ ތެރެއިން ވަކިވަކި ކެންޑިޑޭޓުންގެ މައުލޫމާތުތަކާއި އެ މީހުންގެ އިންތިހާބީ ހަރަކާތްތަކުގެ ހަބަރާއި އިންތިހާބު އޮންނަ ދުވަހު ލައިވްކޮށް ނަތީޖާ ގެނެސް ދޭނެ އެވެ. އެ މަސައްކަތުގެ ފަހުގެ ތައްޔާރީތައް އަވަސް އިން ވަނީ ވެފައެވެ.

އަވަސްގެ ޗީފް ކްރިއޭޓްވި އެޑިޓަރު އިސްމާއީލް ޒާހީ ޒާހިދު ވިދާޅުވީ އާންމު އިންތިހާބާ ގުޅޭ މި އެޑިޝަން މެދުވެރިކޮށް ކޮންމެ ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުންނާއި އެ މީހުންގެ ފޮޓޯ މިހާރު ފެންނާނެ ކަމަށެވެ. އަދި ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުންގެ އަދަދާއި މިވަގުތު މަޖިލިސް އޮތް ގޮތް ވެސް އެޑިޝަންގެ މިހާރު އާންމުކޮށްފައިވާ ބައިގައި ހިމަނާފައި ވާނެ ކަމަށެވެ.

މީގެ އިތުރުން އޭޕްރީލް ހަވަނަ ދުވަހުގެ ކަވަރޭޖާއެކު ލައިވް ރިޒަލްޓް ގެނެސްދޭ މި އެޑިޝަންގައި ހިމެނޭ އެހެން ބައިތައް ކުރިޔަށް އޮތް ދުވަސްތަކުގައި އާންމު ކުރަމުން ގެންދާނެ އެވެ.

އަވަސްގެ ޗީފް ކްރިއޭޓްވި އެޑިޓަރު އިސްމާއީލް ޒާހީ ޒާހިދު ވިދާޅުވީ "ބަލައިލަން ފަސޭހަ ގޮތަކަށް މި އެޑިޝަންގެ ތެރެއިން މަޖިލިސް އިންތިހާބުގެ ހުރިހާ މައުލޫމާތުތަކެއް ފެންނާނެ ހަމަ އެންމެ އިންޓަރެކްޓިވްކޮށް،" ޒާހީ ވިދާޅުވި އެވެ.

ޒާހީ ވިދާޅުވީ އަވަސް އިން މިއަދު ތައާރަފް ކުރި އެޑިޝަނަކީ އިންތިހާބާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިމެނޭ އަދި ކަވަރޭޖްގެ އަޕްޑޭޓްސްތައް ފަސޭހައިން ލިބޭނެ ބަލައިލަން ފަސޭހަ އެޑިޝަނަކަށް ވާނެ ކަމަށެވެ. އަދި ވިދާޅުވީ މިފަހަރު ވެސް ވީ އެންމެ އަވަހަކަށް ނަތީޖާ ގެނެސް ދިނުމަށް އަވަސް އިން ތައްޔާރުވެފައިވާ ކަމަށެވެ.

"ތަފާތު އަދި ވަކި ފަރާތަކަށް ނުޖެހޭ ފުރިހަމަ، އަވަސް ކަވަރޭޖެއް ގެނެސްދިނުމަށް އަޅުގަނޑުގެ ޓީމް އަންނަނީ ތައްޔާރުވަމުން،" ޒާހީ ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ގެނެސްދިނުމަށް ވެސް އަވަސް އިން ހާއްސަ އެޑިޝަންއެއް ތައާރަފްކުރި އެވެ. އަދި އެ ފަހަރު އޮންލައިންކޮށް އެންމެ އަވަހަށް ނަތީޖާ ގެނެސްދިން ނޫހަކީ ވެސް އަވަސް އޮންލައިން އެވެ.

އަވަސްގެ އެޑިޝަން، "އައްޑިހަ އަށްވަނަ ގޮނޑި" މިއަދު ދޫކޮށްލި އިރު އިތުރަށް ބުނެފައި ވަނީ މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑެޓުންނަށް ހާއްސަ ކޮށް އަވަސް އިން ނެރުނު ޕްރޮމޯޝަނަލް ޕެކޭޖް ގަތުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށާއި ވަރަށް ގިނަ ކެންޑިޑޭޓުން އެ ފުރުސަތުގެ ބޭނުން ކޮށްފައިވާއިރު ކެމްޕޭނުގެ ފަހު ހަފުތާތަކަށް ހާއްސަ ޕްރޮމޯޝަނަލް ޕެކޭކްތައް މިހާރު ތައްޔާރުކޮށްފައިވާ ކަމަށެވެ.