އުނގޫފާރު

އުނގޫފާރު ސްކޫލް: ފޮތާއި ދެލިގަނޑުގެ ބޭރަށް!

ރ. އުނގޫފާރުގެ ސްކޫލްގެ ވިސްނުން މުޅީން ތަފާތެވެ؛ އެ ސްކޫލްގައި ފޮތާއި ދެލިގަނޑު އެއް ފަރާތުގައި ބާއްވާފައި އޭގެ ބޭރުން ދަރިވަރުންނަށް ވޮކޭޝަނަލް ތަމްރީން ޕްރޮގްރާމްތައް ފުޅާކޮށް ރާވައިދީ ހިންގަނީ އެވެ. ހުނަރުގެ އާ ޖީލަކަށް ކުދީން މުޅީން ބަދަލުކޮށްލައި ދެނީ އެވެ. މައިގަނޑު މަގްސަދަކީ ކުދިންގެ އުފެއްދުންތެރިކަމާއި ހުނަރާއެކު މުޖުތަމައުގެ އާންމު އަހުލާގު ވެސް ހިފެހެއްޓުމެވެ.

އުނގޫފާރު ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވި ގޮއި އެ ސްކޫލްގެ އަށްވަނަ ގްރޭޑުން މަތީ ދަރިވަރުންނަށް އަމާޒުކޮގެން ހިންގާ ހުނަރުގެ ކޯސްތަކުގެ އަމާޒަކީ ކުދިންގެ ހުނަރު ތަރައްގީ ކުރުމާއެކު ހުނަރުވެރި އާ ޖީލެއް ފައްކާ ކުރުމެވެ.

ސްކޫލުން ގަބޫލު ކުރަނީ ކުދިންގެ މުސްތަގުބަލަކީ ހުނަރާއި އުފެއްދުންތެރިކަން ކަމަށް. މުސްތަގުބަލަކީ ފޮތް އެކަނި ނޫން ކަމަށް،
ޕްރިންސިޕަލް | އުނގޫފާރު ސްކޫލް

"ސްކޫލުން ގަބޫލު ކުރަނީ ކުދިންގެ މުސްތަގުބަލަކީ ހުނަރާއި އުފެއްދުންތެރިކަން ކަމަށް. މުސްތަގުބަލަކީ ފޮތް އެކަނި ނޫން ކަމަށް. ހުރިހާ ކުދިންނަކީ އެކަޑަމިކަލީ މޮޅު ބަޔަކަށް ނުވޭ، އެހެންކަމުން ހުނަރު ތަރައްގީކޮށް އުފެއްދުންތެރިކަން އިތުރު ކުރުމަށްޓަކައި ވޮކޭޝަނަލް ކުލާސްތައް ކުރިއަށްގެންދަނީ،" ޕްރިންސިޕަލް ވިދާޅުވި އެވެ.

ވަޑާމަށް ހާއްސަ ރ. އަތޮޅުގެ މި ސްކޫލްގައި ޒަމާނީ ވަސީލަތްތަކާއި މެޝިނަރީޒް އެބަހުއްޓެވެ. އެ ވަސީލަތްތަކާއެކު އުނގޫފާރު ސްކޫލްގެ ދަރިވަރުނަަށް ވަޑާމާއި ކައްކާ ކުލާސްތައް ހިންގަ އެވެ. އަދި ސްކޫލުން ވަނީ ފަހަށާއި މާޖަހަން ބެނުންވާނެ ހުރިހާ އާލާތަކާއި މެޝިން ވެސް ހޯދައި ސްކޫލްގައި ސެޓަޕްކޮށްފަ އެވެ. ކޮމްޕއިޓާ ކޯޑިން އާއި ގުރެފިކް ޑިޒައިނިން އާއި ޕޮޓޯގްރެފީގެ ހުނަރަށް ސްކޫލް ވަނީ ފައްކާކޮށްފަ އެވެ.

ސްމާޓް ސްކޫލެއްގެ ތަސައްވުރުގައި ތ. އަތޮޅު ކިނބިދޫ ސްކޫލް މުޅި ރާއްޖޭގައި ވިދާފައިވާ ފަދައިން ފަހަރެއްގައިި އުނގޫފާރު ސްކޫލަކީ ރާއްޖޭގެ މަސައްކަތު ހުނަރުގެ ވަސީލަތްތައް މިފެންވަރުގައި ތަރައްގީކޮށް ވޮކޭޝަނަލް ތަމްރީނު ދޭ، އަދި އެއަށްވުރެ ދުރަށް މިސްރާބު ޖަހާފައިވާ ހަމައެކަނި ދިވެހި ސްކޫލަށް ވެސް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އެ ސްކޫލްގެ ދަރިވަރުން މިހާރު ވެސް ރިޒޯޓެއްގެ ދެ ޕްރެޖެކްޓެއްގެ މަސައްކަތް ކުރެ އެވެ. ޕްރިންސިޕަލް ވިދާޅުވި ގޮތުގައި އުނގޫފާރު ސްކޫލްގެ އެ ޕްރޮގުރާމްގެ ނަތީޖާ އުނގޫފާރަށާއި އަތޮޅަށް ވަރަށް ފޮނިވާނެ އެވެ.

"ދަރިވަރުން މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ވަރަށް ޝައުގުވެރިވޭ. ސްކޫލުން ދަސްކޮށްދޭ މިފަދަ އަމިއްލަ މަސައްކަތްތަކަކީ ކުދިންގެ އަމިއްލަ ދިރިއުޅުމުގައި ވެސް މި ހުނަރުތައް ކުދިންނަށް ބޭނުން ކުރެވެނޭ ކަންކަން" އޭނާ ވިދާޅުވި އެވެ.

ސްކޫލުން ބުނި ގޮތުގައި އެކި ފަރާތްތަކުގެ އެހީއާއެކު އުނގޫފާރުގެ ސްކޫލުގެ މާހައުލަށް ގެނައި މި ބޮޑު ބަދަލަށް އެ ސްކޫލްގެ ބެލެނިވެރިންނާއި ޓީޗަރުން އަދި ދަރިވަރުން އޮތީ ވަރަށް ޝައުގުވެރިވެފައެވެ. މި ބަދަލުގެ ސަބަބުން ދިހިން އަތުން ގެއްލެމުންދާ ހުނަރާއި މަސައްކަތުގެ އަހުލާގު އަލުން އުފަންވާ ނާސަރީއަކަށް އުނގޫފާރު ސްކޫލް ވާނެ އެވެ.