ހަބަރު

"ދާއިރާއަށް ކޮށްދޭން އޮތް ކަމަކީ ރައީސްގެ ވައުދުތައް ފުއްދަން އެހީވުން"

ދާއިރާއަށް އަމާޒުކޮށް ކޮށްދޭނެ ވަކި ކަމެއް ނެތް ކަމަށާއި ކޮށްދޭން އޮތް ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް އެހީތެރިވުމާއި ސަރުކާރު ޒިންމާދާރު ކުރުން ކަމަށް ހެންވޭރު އުތުރު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

ދާއިރާގެ ރައްޔިތުންނަށް އަލްހާންގެ ފަރާތުން ވަނީ މިރޭ ޖާފަތެއް ދެއްވާފަ އެވެ. ޖާފަތް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ، ރައްޔިތުންނާއި ބައްދަލުވުމުން އެންމެ ގިނައިން ކުރިމަތިވާ އެއް ސުވާލަކީ ދާއިރާއަށް ކޮށްދެއްވާނީ ކޮންކަމެއްތޯ އެވެ. އެކަމަށް ދޭން އޮތް ޖަވާބަކީ ދާއިރާއަށް ކޮށްދޭނެ އެއް ކަމެއްވެސް ނެތް ކަމަށް އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ، ގާނޫނުގެ މަގްސަދަކީ އެއްވެސް ހާލެއްގައި ވަކި ރަށެއް ވަކި އަތޮޅެއް ވަކި ބަޔަކު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކޮށްގެން އެއަވަށްތަކާއި އެރަށްތަކަށް ކުރިމަތިލާ މެންބަރެއްގެ ވިސްނުމާ އެއްގޮތައް ކަންކަން ކުރުން ނޫން ކަމަށެވެ.

"ދާއިރާގައި ހިމެނޭ ފަސް ހާސް ރައްޔިތުން ތަމްސީލު ކުރަން މި ނިކުންނަނީ، އެހެން ކަމުން އެ ފަސް ހާސް ރައްޔިތުންނަށް ދިވެހި ދައުލަތުން ފޯރުކޮށްދޭ އެންމެހާ ކަންތައްތަކަކީ އެއީ އެރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ކަންތައްތައް، ދާއިރާއާ ގުޅޭގޮތުން ކުރަން މިހާރު މި އޮތް ސަރުކާރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފައިވާ ކަންތައްތަކަކީ ދާއިރާއަށް ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުން ކޮށްދޭން ހުރި ކަންކަމަކީ،" އަލްހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން މަޖިލީހަށް ހޮވޭ މެންބަރުންނަކީ ވަކި ޕާޓީއަކަށް މިނިވަން މެންބަރެއް ކަމުގައިވީ ނަމަވެސް ސަރުކާރު ޒިންމާދާރު ކުރުވުމަށް މަޖިލީހަށް ހޮވޭ މެންބަރުން ކަމަށެވެ. ކޮންމެ ޕާޓީއަކުން އައި ނަމަވެސް އެމަސްއޫލިއްޔަތު އަދާކުރައްވަންޖެހޭނެ ކަމަށެވެ.

އަލްހާން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ އެޖެންޑާ 19ގައި އެންމެ ފުރަތަމަވެސް ވަނީ ވެރިކަން ހިންގާ ނިޒާމް ބަދަލު ކުރުން ކަމަށާއި އެކަން ކުރިޔަކަ ނުދޭނެ ކަމަށެވެ. ނިޒާމްގެ މައްސަލައެއްނެތް ކަމަށާއި މައްސަލަ އޮތީ މަޖިލީހަށް ހޮވޭ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ރަނގަޅު އަމާޒަށް ކަންކަން ނުގެންދިއުން ކަމަށްވެސް އަލްހާން ވިދާޅުވި އެވެ.

"އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކޮށްދެއްވައިފިއްޔާ އަޅުގަނޑު މި ތަމްސީލް ކުރާ ފަސް ހާސް ރައްޔިތުން ކަންކަން ގާތުން ބަލަމުން ގެންދާނަން،" އަލްހާން ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ވަފާތެރިވާނެ ކަމަށާއި ސަރުކާރަށް އެއްބާރުލުންދޭނެ ކަމަށެވެ. އަދި މަސައްކަތް ކުރަމުން ގެންދަނީ ރައީސް ސޯލިހުގެ ތާއީދާއެކު ކަމަށްވެސް އަލްހާން ވިދާޅުވި އެވެ.

ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުުގެ މައްސަލަ ކަމަށެވެ. ހޮވިއްޖެނަމަ ދާއިރާގެ ބޯހިޔާވަހިކަމުގެ ކަންކަން ބެލުމަށް ވަކިން އޮފީހެއް ހުޅުވައިގެން ބަލާނެ ކަމަށެވެ، ފްލެޓް ލިބެންޖެހޭ މީހަކަށް ލިބިފައިވޭތޯ ނުވަތަ ނުވޭތޯ ބަލާނެ ކަމަށް އަލްހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބޯހިޔާވަހިކަން އެންމެ ހައްގީ ދަފްތަރުގައި ޖެހިފައިވާ މީހުނަށް ކަމަށާއި އެމީހުންނަކީ ދުނިޔޭގެ މިނެކިރާ މިންގަނޑުތަކަށް ބަލާއިރު ރެފިއުޖީން ކަމަށެވެ. އިންތިހާބުގެ ކުރިން ދަފްތަރުގައި ޖެހިފައިވާ ބޭފުޅުންނަށް ގޯތި ދިނުމަށް ރައީސް ސޯލިހަށް ގޮވާލާ ކަމަށްވެސް އަލްހާން ވިދާޅުވި އެވެ.