ސިޔާސީ ޕާޓީތަކުގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން، މިނިވަން ކެންޑިޑޭޓުން މަޖިލީހަށް ހޮވިދާނެތީ ބިރުން އުޅޭ ކަމަށް، މާފަންނު ދެކުނު ދާއިރާއަށް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރާ އިސްމާއީލް މުޚްތަބާ ވިދާޅުވެއްޖެ އެވެ.
މުޚްތަބާގެ ކެމްޕޭން ޖަގަހައިގައި މިރޭ ބޭއްވި ޑިނާ ނައިޓެއްގައި ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ވާދަކުރާ ކުރީގެ ރައީސަކު އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ނިސްބަތްކޮށް ރައްޔިތުން ބޭނުންވާ އެއްވެސް ކަމެއް ނުކޮށްދެވޭނެ ކަމަށް ވިދާޅުވަމުން ދަނީ ހަގީގަތުގައި، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން ދެކެ ބިރު ގަންނާތީ ކަމަށެވެ.
މުހްތަބާ ވިދާޅުވީ މިފަހަރު މަޖިލިސް އިންތިހާބުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން އަމިއްލަ ގޮތުން މަޖިލިސް އިންތިހާބަށް ވާދަކުރަން ނިންމާފައިވުމުން، އެ ކެންޑިޑޭޓުން މަޖިލީގަށް ނޮހޮވަން އެންޓި ކެމްޕެއިން ކުރުމުންދާ ކަމަށެވެ. އެގޮތުން ޕާޓީތަކުގެ ކެންޑިޑޭޓުން މިނިވަން ކެންޑިޑޭޓުން ނުހޮވުމަށް ޕޯޑިއަމްތަކުގައި ގޮވާލަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
މިރޭ ކެމްޕޭން ޖަގަހައިގައި ވާހަކަ ދައްކަވަމުން މުހްތަބާ އިތުރަށް ވިދާޅުވީ، އޭނާ މަޖިލީހަށް ހޮވިއްޖެއްނަމަ ވަޒީފާގެ ބިރުވެރިކަން ނައްތާލުމަށް މަޖިލިސް ތެރެއިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޑިގްރީއަށް ހިލޭ ކިޔެވޭ ފަދައިން ގުރްއާން ކިޔެވުމުގެ ކަންތައްވެސް ހިލޭ ކޮށްދެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. މީގެ އިތުރުން 65 އަހަރުން މަތީގެ މީހުނަށް ސަރުކާރުން ލިބޭ އިނާޔަތް އެމީހުނަށް ލިބޭތޯ ބެލުމުގެ މަސައްކަތް މަޖިލިސް ތެރެއިން އޭނާ އަށް ކުރެވެން ހުރި ވަރަކުން ކުރާނެ ކަމަށެވެ.
މުހްތަބާގެ މިރޭ ބޭއްވި ހާއްސަ ޑިނާ ނައިޓުގައި ގިނަ އަދަދަކަށް އޭނާގެ ސަޕޯޓަރުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ގިނަ ޒުވާނުން ހިމެނެ އެވެ. މިރޭގެ ޑިނާ ނައިޓް މުހްތަބާގެ ކެމްޕޭން ޖަގަހައިގައި ކުރިއަށް ގެންގޮސްފައިވަނީ ދަންމާނު ބޮޑު ބެރު ގްރޫޕޫގެ ހާއްސަ ލަވަތަކުންނެވެ. މިލަވަތަކުގައި މުހްތާބަ ހާއްސަ ކޮށްގެން ކިޔަފައިވާ ލަވަ އެއްވެސް ހިމެނެ އެވެ.
މާފަންނު ދެކުނު ދާއިރާއަށް ވާދަކުރާ މުޚްތަބާ އަކީ ސަރުކާރުގެ ވަޒީފާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެފައިވާ ފަރާތެކެވެ. އެގޮތުން ގައުމީ ބޭންކުގައި އާއްމު ހިއްސާދާރުއެއްގެ ގޮތުގައި ދެ ދައުރު އަދާކުރައްވާފައިވާ ފަރާތެކެވެ. އަދި ސަރުކާރާއި ރައްޔިތުންގެ ކުންފުނިއެއް ކަމަށްވާ އެސްޓީއޯގެ ހަ އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވެ އެވެ.