ހަބަރު

ކުރީ ސަރުކާރުން އެޅީ ދިރިއުޅެން ހެޔޮވާވަރު ފްލެޓެއް ނޫން: ރައީސް

Mar 22, 2019
12

ކުރީ ސަރުކާރުން އަޅާފައިވާ ފްލެޓްތަކަކީ ރައްޔިތުން އަތް ފޯރާ ފަށުގައި ހުރި ތަންތަނެއް ނޫން ކަމަށާއި އެތަންތަނަކީ ރައްޔިތުން ދިރިއުޅެން ހެޔޮވާވަރުތަންތަނެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހުޅުމާލެ ދާއިރާގެ ކެންޑިޑޭޓް އަލީ ނިޔާޒްގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ، ހުޅުމާލެ ތަރައްގީ ކުރަން ފެށި މަގުސަދު ހާސިލް ނުވާ ކަމަށާއި ހުޅުމާލެ ތަރައްގީ ކުރުމުގެ މަގުސަދު ގެއްލޭ ގޮތަށް ވޭތުވެދިޔަ ސަރުކާރުން އެތައް ކަމެއް ކޮށްފައިވާ ކަމަށެވެ. ހުޅުމާލެ ހިއްކައި ތަރައްގީ ކުރަން ފެށީ މާލެގެ ދިރިއުޅޭ ރައްޔިތުންނަށް ލުޔެއް ދިނުމަށް ކަމަށެވެ. އޭގެ ހައްލު ހުޅުމާލެ ފޭސް ދޭކަށް ދިޔަ އިރުވެސް ލިބިފައިނުވާ ކަމަށް ރަައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ އާބާދީގެ ތިން ބައި ކުޅަ އެއްބައި ދިރިއުޅެނީ މާލެގައި، ގްރޭޓާ މާލެ ސަރަހައްދުގައި، މިގޮތަށް ކުރިއަށްދާ ކަމަށްވަންޏާ ކުރިއަށް އޮތް 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދިރިއުޅޭނެ ތަނަކީ މިއީ [މާލެ ސަރަހައްދު] ކަމަށް ދިރާސާތަކުން އެބަ ދައްކާ، ހަމައެކަނި ހުޅުމާލޭގައިވެސް 50،000 ރައްޔިތުން ދިރިއުޅޭ، މާލެ ސަރަހައްދަށް ލުޔެއް ހޯދުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް ކަމަކީ ބޯހިޔާވަހިކަން ކަމަށާއި މިހާތަނަށް ބޯހިޔާވަހިކަން ބޭނުންވާ ރައްޔިތުންގެ އަދަދު ހޯދިފައިނުވާ ކަމަށެވެ. ނަމަވެސް މިހާރު އެމަސައްކަތް ނިމުމަކާއި ހަމައަށް ގޮސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެއަށް ބޯހިޔާވަހިކަން ބޭނުންވެފައި ތިބި އަދަދާއި ސަރަހައްދުތައް ދެނެގަނެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ލިބޭ އާންމުދަނީއާ އެމީހުންނަށް ސަރުކާރުން ފޯރުކޮށްދޭ ބޯހިޔާވަހިކަމާއި ގުޅެން ޖެހޭ ކަމަށެވެ.

"ވޭތުވެދިޔަ ސަރުކާރުން ސޯޝަލް ހައުސިންގެ ނަމުގައި އެބަހުރި ފްލެޓްތަކެއް އަޅާފަ، އެހެން ނަމަވެސް އެއަކީ އެފަދަ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ހުރި ތަންތަނަކަށް ނުވޭ، އަދި އޭގެ އިތުރުން ނިމިދިޔަ ސަރުކާރުން އިމާރާތް ކުރަން ފަށާފައި ހުރި ތަންތަނަކީ ރައްޔިތުން ދިރިއުޅެން ހެޔޮވާވަރު ތަންތަނެއް ނޫން، އަދި ފްލެޓްތަކަށް ގުރުލައިގެންނާއި ގުރުނުލާ އަދި ބަހާފަ ހުރި ތަންތަނުގެ ތެރޭގައި ވުޖޫދުގައި ނެތް ފްލެޓްތައް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ހުރިހާ ރައްޔިތުންނަށް މި ފަސް އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދަށް އަމާޒުކޮށް ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު ކުރިއަށް އޮތް ދެ ހަފްތާ ދުވަހުގެ ތެރޭގައި އިފްތިތާހު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އޭގެ ތެރޭގައި މި ސަަރަހައްދުގައި، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ފްލެޓްތައް އެޅި މިހާރަށްވުރެ ހެޔޮ އަގުގައި ރައްޔިތުންނަށް އަތްފޯރާ ފަށުގައި ލިބޭނެ ގޮތް ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މީގެ ކުރިން ދީފައިވާ ފްލެޓްތައް ބޮޑު އަގުގައި ދީފައިވާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަމަކީ ސަރުކާރުން ހައްލު ކޮށްދޭން ޖެހޭނެ ކަމެއް ކަމަށެވެ. އަދި އެކަންކަން ބަލައި ހައްލު ހޯދައި ދޭނެ ކަަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ވެރިކަމަށް އައީ ކޯލިޝަންގެ ތެރެއިން ކަމަށާއި އެކަން ހަނދާން ނައްތާ ނުލާނެ ކަމަށެވެ. އަދި އެއްވެސް ޕާޓީއަކަށް ދެރަގޮތެއް ނުހައްދަވާނެ ކަމަށާއި ކުރައްވާ މަސައްކަތްތަކުގައި އެއްވެސް ޕާޓީއެއް އެކަހެރި ނުކުރައްވާނެ ކަމަށެވެ.

"ވެރިކަމަށް އައީ އެހުރިހާ ބޭފުޅުންނާއެކު ވަރަށް ގިނަ ވައުދުތަކަކާވެސް އެކު، އެވައުދުތައް ފުއްދުމަކީ އަޅުގަނޑާއި ބައިވެރިން ކުރަން ޖެހިފައިއޮތް ކަމެއް، ރައްޔިތުންނަށް އަޅުގަނޑުމެންވީ ވައުދުތަކެއް އެއީ، އަޅުގަނޑުގެ ޒިންމާއެއް، ވާޖިބެއް އެއީ އެވައުދުތައް ފުއްދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން،" ރައީސް ވިދާޅުވި އެވެ.

މަޖިލިސް ތެރޭގައި ކަންކަން ކުރެވޭނީ ސަރުކާރުން ސިޔާސަތުތައް ފުއްދުމަށް އެއްބާރުލުންދޭ މީހުން މަޖިލީހަށް ހޮވައިގެން ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.