ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަގަށް ޓްރާންސްފާކުރި މައްސަލައިގައި ހިމެނޭ ސަރުކާރުގެ އިންވެސްޓްމަންޓް ފަންޑުގެ އޮފީސް އިއްޔެ ބަލައި ފާސްކޮށްފި އެވެ.
ވެރިރަށް ކުއާލަ ލަމްޕޫރުގައި ހުންނަ ވަންމެލޭޝިއާ ޑިވެމޮޕްމަންޓް ފަންޑު (ވަންއެމްޑީބީ)ގެ އޮފީހަށް ފުލުހުން އިއްޔެ ވަދެގަނެފައި ވަނީ މި މައްސަލައިގައި މިހާރު ފަށާފައިވާ ހާއްސަ ތަހުގީގުގަ އެވެ. އެ އޮފީހުގައި އެތައް އިރެއް ފުލުހުން ހޭދަކުރިއިރު، ގިނަ އަދަދެއްގެ ލިޔެކިއުން ހެކީގެ ގޮތުގައި ގެންގޮސްފައިވެ އެވެ.
މީގެ އިތުރުން، ތަހުގީގު ޓީމުން އެދިގެން ވަންއެމްޑީބީގެ ހަ އެކައުންޓެއް ވެސް އިއްޔެ ވަނީ ފްރީޒްކޮށްފަ އެވެ. އެކަމަކު، އޭގެ ތެރޭގައި ބޮޑުވަޒީރާ ގުޅުން ހުރި އެކައުންޓެއް ނުހިމެނެ އެވެ.
ވަންއެމްޑީބީން ބުނީ ތަހުގީގަށް ފުރިހަމަ އަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.
މެލޭޝިއާގެ ބޮޑުވަޒީރާ ގުޅުން ހުރި މި ބޮޑު ކޮރަޕްޝަންގެ އަމަލު ފެންމަތި ކުރީ މިދިޔަ ހަފުތާގައި އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް ނޫހުންނެވެ. އެ ނޫހުން ބުނި ގޮތުގައިދަރަނިވެރިވެފައި އޮތް ވަންއެމްޑީބީން ހިއްސާވާ ކުންފުނިތަކެއްގެ އެކައުންޓްތަކުން ބޮޑުވަޒީރުގެ އަމިއްލަ އެކައުންޓްތަކަކަށް އެކި ފަހަރު މަތިން 700 މިލިއަން ޑޮލަރަށް ވުރެ ގިނައިން ޓްރާސްފާކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ޓްރާންސްފާކޮށްފައި ވަނީ، އެ ނޫހުން ބުނި ގޮތުގައި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގަ އެވެ. އެއީ 681 މިލިއަން ޑޮލަރެވެ.
އެކަން ފަޅާއަރާފައި ވަނީ، ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައިވާ ގޮތުގައި، ވަންއެމްޑީބީގެ ދަރަނި 11 ބިލިއަން ޑޮލަރަށް އެރި ގޮތް ތަހުގީގުކުރަމުންދާ ސަރުކާރުގެ ޓީމަކުން ވަކިވަކިން ހިންގި ހަތަރު ތަހުގީގެއްގެ ތެރެއިންނެވެ. އެ ނޫހުން ބުނީ އެ ތަހުގީގުތަކާ ބެހޭ ލިިޔެކިއުންތަކެއް ލިބިފައިވާ ކަމަށެވެ.
މެލޭޝިއާގެ އެޓާނީ ޖެނެރަލް ވެސް ވަނީ އެފަދަ ތަހުގީގެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފަހުން އެއްބަސްވެވަޑައިގެންފަ އެވެ. އަދި ބޮޑުވަޒީރަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ބޮޑުވަޒީރު ރައްޒާގު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އެ މަނިކުފާނުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެއީ ބޮޑުވަޒީރާ ދެކޮޅަށް ބަޔަކު އަޑީގައި ތިބެގެން ހިންގަމުން ގެންދާ ސިޔާސީ ދެކޮޅުވެރިކަމުގެ ކެމްޕޭނެއްގެ ބައެކެވެ. އަދި އެ އޮފީހުން ސިފަކުރި ގޮތުގަިއ އެއީ މެލޭޝިއާގެ އިގްތިސާދު ފުނޑާލައި ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް އިންތިހާބުވެފައިވާ ސަރުކާރެއްގެ ނަމަށް ހުތުރު އެރުވުމަށް ކުރި ތުހުމަތެކެެވެ.
މީގެ އިތުރުން، ބޮޑުވަޒީރު ރައްޒާގު ޗެއާމަންކަން ކުރައްވާ ވަންއެމްޑީބީން ވެސް ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ. އަދި އެ ކުންފުނިން ވެސް ވަނީ ބޮޑުވަޒީރުގެ ދިފާއުގައި ވާހަކަދައްކާފަ އެވެ.
އެހެން ނަމަވެސް، މި ތުހުމަތުތަަކާ އެކު ބޮޑުވަޒީރު ރައްޒާގުގެ ސަރުކާރަށް ކުރިމަތިވެފައިވާ ސިޔާސީ ފިއްތުންތަކާއި ދެކޮޅު ހަރަކާތްތައް ވަނީ އިތުރަށް ވަރުގަދަ ވެފަ އެވެ. އެ ގޮތުން، އިދިކޮޅު ސިޔާސީ ޕާޓީތަކާއި ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ވެސް ވަނީ ބޮޑުވަޒީރު ކަމުގެ މަގާމުން ރައްޒާގު އިސްތިއުފާ ދެއްވުމަށް އަނެއްކާ ވެސް އިއްޔެ ގޮވާލައްވާފަ އެވެ.
މެލޭޝިއާ އަށް 1957 ވަނަ އަހަރު މިނިވަންކަން ލިބުނީންސުރެ އެ ގައުމުގައި ވެރިކަންކުރަމުން ދަނީ ބޮޑުވަޒީރު ރައްޒާގު ނިސްބަތްވެވަޑައިގަންނަވާ ޔުނައިޓެޑް މެލޭސް ނެޝަލަން އޯގަނައިޒޭޝަން އިންނެވެ. އެކަމަކު، ފާއިތުވެ ދިޔަ ދުވަސްތަކުގައި އެ ޕާޓީ އާއި ސަރުކާރަށް އޮތް ތާއީދު ވަރަށް ބޮޑަށް ވަނީ ކުޑަވެފަ އެވެ.
އެއާ އެކު، އިދިކޮޅު ފަރާތްތަކުގެ މެދުގައި ވެސް ވަކި މައްސަލަތައް ކުޑައެއް ނޫނެވެ. އެ ގޮތުން، އިސްލާމީ ޝަރީއަތް ގާއިމްކުރުމާ ގުޅޭ ގޮތުން އުފެދުނު މައްސަލަތަކެއް ހައްލު ނުކުރެވި އިދިކޮޅު ކޯލިޝަން ވަނީ މިދިޔަ މަހު ރޫޅާލާފަ އެވެ.
އެންމެ ބޮޑު އިދިކޮޅު ތިން ޕާޓީ ގުޅިގެން އުފެއްދި ކޯލިޝަން، ޕީޕަލްސް އެލަޔަންސް (ޕީއޭ) ރޫޅުނީ އެ އިއްތިހާދުގައި ހިމެނުނު ޕޭން މެލޭޝިއަން އިސްލާމިކް ޕާޓީ (ޕީއޭއެސް) އިން އިސްލާމީ ޝަރީއަތުގައި ހިމެނޭ ހުދޫދުގެ އުސޫލު ތަންފީޒުކުރަން މަސައްކަތް ފެށުމުންނެވެ. އެ ހުށަހެޅުމާ، އެ ކޯލިޝަންގައި ހިމެނުނު ލިބަރަލް ހިޔާލުގެ، ޑިމޮކްރެޓިކް އެކްޝަން ޕާޓީ (ޑީއޭޕީ)ން އައީ ފާޅުގައި ދެކޮޅު ހަދަމުންނެވެ.
ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރުގެ ނައިބު އަންވަރު އިބްރާހިމްގެ ޕާޓީ، ކީދިލާން ރަކުއަތު (ޕީކޭއާރު)ން އިސްވެ އޮވެ ހެދި ގުޅުން ރޫޅިފައި ވަނީ އޭނާގެ މައްޗަށް ދަށު ކޯޓުގައި ސާބިތުވެފައިވާ އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވާ ކަމަށް އެ ގައުމުގެ އެންމެ މަތީ ކޯޓުން ކަނޑައަޅައި، ޖަލަށްލީތާ މާ ގިނަ ދުވަސްތަކެއް ނުވެ އެވެ.
އަންވަރުގެ މައްޗަށް ސާބިތުވެފައި ވަނީ އޭނާއާ އެކު އުޅޭ ފިރިހެނަކާ އެކު ޖިންސީ ގުޅުން ހިންގުމުގެ ކުށެވެ. އަންވަރު އަދިވެސް އިންކާރު ކުރައްވާ މި އަމަލާ ގުޅިގެން ހުކުމް ކޮށްފައި ވަނީ ފަސް އަހަރަށް ޖަލަށް ލުމަށެވެ. ނަމަވެސް ފަހުން، ހައި ކޯޓުން ވަނީ 2012 ވަނަ އަހަރު އެ ހުކުމް ބާތިލްކޮށްފަ އެވެ. އެކަމަކު، އަނެއްކާ ވެސް މިދިޔަ އަހަރު އިސްތިއުނާފް ކޯޓުން ވަނީ މި ހުކުމް ބާތިލްކޮށް އަންވަރު ފަސް އަހަަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެެވެ.
މެލޭޝިއާގެ އެންމެ މަތީ ކޯޓު ކަމަށްވާ ފެޑެރަލް ކޯޓުން އިސްތިއުނާފް ކޯޓުގެ ހުކުމް ދެމެހެއްޓުމާ އެކު އަންވަރު ވަނީ މިދިޔަ ފެބްރުއަރީ މަހު އަލުން ޖަލަށް ވަޑައިގެންފަ އެވެ.
މެލޭޝިއާގައި ދެން އާއްމު އިންތިހާބެއް ބާއްވާނީ 2018ގަ އެވެ. އެކަމަކު އެ އިންތިހާބުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ވެސް ހޯދިދާނެ ކާމިޔާބީއާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.