ކްރައިސްޓްޗާޗު (މާޗް 22) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ހަމަލާދީ 50 މީހުން މަރާލި ހާދިސާ އަށް ފަހު އައި ފުރަތަމަ ހުކުރު ނަމާދުގެ ބަންގި އަޑުއަހަން އެތަކެއް ހާސް ބަޔަކު އެ ސަރަހައްދަށް ޖަމާވެއްޖެ އެވެ.
ހުކުރު ނަމާދު ބަންގި ގައުމީ ޓީވީންނާއި ރޭޑިއޯ އިން ލައިވްކޮށްފައިވާއިރު، މަރުވި މީހުންގެ ހަނދާނުގައި ގެނައި ދެ މިނެއްޓުގެ ސުކޫތުގައި ނިއު ޒީލެންޑުގެ އެކި ކަންކޮޅުތަކުން މީހުން ވަނީ ކްރައިސްޓްޗާޗަށް ދަތުރުކޮށްފަ އެވެ.
އެންމެ ފުރަތަމަ ހަމަލާދިން އަލް ނޫރު މިސްކިތުގެ ގާތްގަނޑަކަށް 500 މީޓަރު ދުރުގައި ބޭއްވި ރަސްމިއްޔާތުގައި ބޮޑުވަޒީރު ޖަސިންޑާ އާޑާން ވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.
"އެއް ގުނަވަނަކަށް ލިބޭ އަނިޔާއެއް މުޅި ހަށިގަނޑަށް އިހުސާސްކުރެވޭ. މި ހިތާމައިގާ މުޅި ނިއު ޒީލެންޑް ބައިވެރިވޭ. އަހެރެމެން އެންމެން މިއީ އެއް ބައެއް،" ކަޅު ކުލައިގެ ބުރުގާ އެއް އަޅައިގެން ހުންނެވި އާޑާން ވިދާޅުވި އެވެ.
ބޮޑުވަޒީރުގެ އިތުރުން، އެ ސަރަހައްދަށް ޖަމާވި ގިނަ އަންހެނުން ތިބީ ބޯ ނިވާކޮށްގެންނެވެ. ގިނަ ބަޔަކު ބުރުގާ އަޅައިގެން ހަފްލާގައި ބައިވެރިވީ، އަމިއްލަ ދީން ނޫން ނަމަވެސް، މުސްލިމުންނަށް އިހުތިރާމް ކުރުމުގެ ގޮތުންކަމަށް ބުނެފައިވެ އެވެ.
ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް 50 މީހުން މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ނިއު ޒީލެންޑުގައި ހިންގި އެންމެ ނުރައްކާތެރި ހަމަލާ އެވެ.
ޕޯސްޓްމޯޓަމަށްފަހު މަރުވި މީހުންގެ ހަށިގަނޑުތައް އާއިލާއާ ހަވާލުކުރެވުންދާއިރު، މިހާރު ވެސް ވަނީ ދެ މީހެއްގެ ޖަނާޒާ ބާއްވައިފަ އެވެ. މިއަދުގެ ވަގުތެއްގައި އިތުރު 26 މީހެއްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައިވެ އެވެ.
އެ ހަމަލާދިން އަލް ނޫރު މިސްކިތާއި ލިންވުޑް މިސްކިތް ވެސް މާދަމާ އަލުން އާންމުންނަށް ހުޅުވާލާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.