ދުނިޔެ

ސިފައިން މެރިކަން ސާބިތުވެ އައިއެސްގެ ބަޔަކު ދަން ޖައްސަން އިރާގުން ހުކުމްކޮށްފި

Jul 9, 2015

އިރާގުގެ ތިކުރީތުގައި އެތައް ސަތޭކަ ސިފައިންނެއް މިދިޔަ އަހަރު މަރާލި ކަމުގެ ތުހުމަތުގައި ދައުވާކުރި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ 24 ހަނގުރާމަވެރިއަކު ދަން ޖައްސައިގެން މަރަން އިރާގުގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.

ތިކްރީތު ކައިރީގައި ހުންނަ ކޭމްޕް ޝްޕޭޝާ އަސްކަރީ ބޭސް މިދިޔަ އަހަރުގެ ޖޫން މަހު ހިފުމަށް ފަހު އައިއެސް އިން ވަނީ 1،700 އަށް ވުރެ ގިނަ ސިފައިން ރަހީނުކޮށް، އެ އެންމެެން މަރާލާފަ އެވެ. އަދި އެ މަންޒަރުތައް ދައްކައިދޭ ފޮޓޯ އާއި ވީޑިއޯ އިންޓަނެޓުގައި ޝާއިއު ވެސް ކުރި އެވެ.

އެ ލާއިންސާނީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އިރާގު ސަރުކާރުން ވަނީ ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފަ އެވެ. އެއީ މިދިޔަ މާޗު މަހު އައިއެސްގެ އަތްދަށުން ތިކުރީތު މިނިވަންކުރުމަށް ފަހު އެވެ.

ވެރިރަށް ބަގުދާދުގެ ކޯޓަކުން އިއްޔެ މަރުގެ ހުކުމް އިއްޔެ އިއްވާފައި ވަނީ އިރާގުގެ 24 ރައްޔިތެއްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލި ކަމުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން އުޅުނު ކަމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާ އަށް އެންމެން ވެސް ޝަރީއަތުގެ މަޖިލީހުގައި ތަކުރާރުކޮށް އިންކާރުކުރި އެވެ. އެ މީހުން ބުނަމުން ދިޔައީ ތަހުގީގުގައި ކުށަށް އިއުތިރާފްވެ ދީފައިވާ ބަޔާން ނަގާފައި ވަނީ އިރާގު ސިފައިން އެ މީހުންނަށް އަނިޔާކޮށް، މަޖުބޫރު ކުރުވައިގެން ކަމަށެވެ.

އެހެން ނަމަވެސް، ޝަރީއަތް ފަށައި މާ ގިނައިރުތަކެއް ނުވެ ފަނޑިޔާރު ވަނީ އެ އެންމެންގެ މައްޗަށް ވެސް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ދަން ޖައްސައިގެން މަރަން ހުކުމްކޮށްފަ އެވެ. އިރާގުގެ ޝަރުއީ ކަންކަމާ ބެހޭ މަތީ މަޖިލީހުން އިއްޔެ ބުނީ އެއްވެސް ޝައްކެތް ނެތް މިންވަރަށް އެ އެންމެންގެ މައްޗަށް ވެސް ދައުވާތައް ސާބިތުވާ ކަމަށެވެ. އެއީ، އެ މަޖިލީހުން ބުނި ގޮތުގައި، ލިބިފައިވާ ގިނަ އަދަދެއްގެ ހެކީގެ މައްޗަށް ބިނާކޮށެެވެ.

ދަށު ކޯޓުގެ އެ ހުކުމް ތަންފީޒުކުރުމަށް ބޭނުންވާ ހުއްދަ ހޯދަން، އެއް މަސްދުވަހުގެ ތެރޭގައި މަތީ ކޯޓަކަށް ހުށަހަޅަންޖެހެ އެވެ.

ތިކުރީތުގައި އައިއެސް އިން ހިންގި މި ލާއިންސާނީ އަމަލަކީ އިރާގުގައި މި ފަހުން އެންމެ ގިނަ އަދަދެއްގެ ބަޔަކު އެފަދަ އަނިޔާވެރި ގޮތަކަށް މަރާލި ފަހަރެވެ.

ތިކުރީތު އަލުން ހިފުމަށް ފަހު ސިފައިން ހިންގި އޮޕަރޭޝަނެއްގައި، ވަކިވަކިން ހުރި ހަތަރު ކަށްވަޅަކުން 470 އަށް ވުރެ ގިނަ ސިފައިންގެ ހަށިގަނޑު ފެނިފައިވެ އެވެ. މީގެ އިތުރުން، އައިއެސް އިން އެ ފަހަރު މަރާލި ސިފައިންގެ ހަށިގަނޑުތައް ކޯރެއްގެ ތެރެއަށް ވެސް އުކާލާފައިވެ އެވެ.

އެ ލާއިންސާނީ އަމަލު ހިންގިކަން ސާބިތުވެ 24 މީހަކު މަރަން ހުކުމްކޮށްފައި ވާއިރު، ފުލުހުންނާއި ސިފައިން ދަނީ އެކަން ކުރި ކަމުގެ ތުހުމަތު ކުރެވޭ އިތުރު 604 މީހަކު އަދިވެސް ހޯދަމުންނެވެ. އެކަމަކު، އެއިގެ ތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ވެސް އަދި ނުވެ އެވެ