ހަބަރު

ގާސިމް ނަޝިދަށް: ފުރިފައި ހުރި އެެއްޗެއް ގުޑުގުޑެއް ނާޅާނެ

ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ ކަމަށާއި، "މަޖިލީހުގެ ހަ ގޮނޑި ލިބޭނީ އެމްޑީޕީއަށް ކަމަށްވެސް ވެދާނެ" ކަަމަށް ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ހުޅުމާލެ ދާއިރާގެ ކެންޑިޑޭޓް އަލީ ނިޔާޒްގެ ކެމްޕެއިން ޖަލްސާގައި ރޭ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ. ނަޝީދު ރޭ ވިދާޅުވީ، ވީ ވައުދުތަކާއި ދެކޮޅު ހަދާނަމަ އެހެން ކަންކަމާމެދު ވެސް ޝައްކު އުފެދޭ ކަމަށާއި، މިހާރު ފެންނަމުންދާ މަންޒަރުތަކުން އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެނަމަ ވައުދުތައް ފުއްދިގެންދާ މަންޒަރު ނުފެންނާނެ ކަމަށެވެ. އަދި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަޑައިގަންނަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އިއްތިހާދެއް ވެވަޑައިގެން އެ ދެޕާޓީގެ މެންބަރުން މަޖިލީހަށް ހޮއްވަވަން މަސައްކަތް ކުރަން ކަމަށެވެ.

"ވަޑައިގަންނަވާ އަޅުގަނޑުމެންނަށް އެނގޭ ނުހޮވޭނެކަން، ޕީޕީއެމާއެކުގައި އިއްތިހާދެއް ވެގެން ރަނގަޅު ހަ ގޮނޑި މި 87 ގޮނޑީގެ ތެރެއިން ނުނެގޭނެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދުގެ ވާހަކަތަކަށް ގާސިމް ރައްދު ދެއްވީ އދ. ދިގުރަށުގައި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ ކެމްޕެއިން ޖަލްސާއެއްގައި މިއަދު އެވެ. ގާސިމް ވެސް ވިދާޅުވީ ރައީސް ޔާމީނާއި ގުޅިގެން އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނީ 6 ގޮނޑި ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށާއި އެކަމަކު "އެއާ ދޭތެރޭ އެއްޗެއް ދަންނަވާކަށް ނެތީން" ކަމަށެވެ.

"ރައްޔިތުން ނިންމީމާ ނަތީޖާ އިނގޭނެތާ ދެއްތޯ. ހައެއް ތޯ، ތިނެއްތޯ ދޭކަށް ވެސް ވެދާނެ. އަޅުގަނޑުވެސް ނޮހޮވި ހިނގައިދާނެ. ސުމަކަށްވެސް ވެދާނެ ދެއްތޯ. އެކަމު އެހިސާބުންތާ އެކަން އިނގޭނީ! އެކަމަކު މިއަދު އަޅުގަނޑަށް ހީވާ އެއްޗެއް ވަރަށް ޔަގީން ކުރެވޭ އެއްޗެއް ދަންނަވާލަފާނަން. ފުރިފައި ހުންނަ އެއްޗެއް ގުޑުގުޑެއް ނާޅާނެ! އެފާޑަށް އެ ވިދާޅުވަނީ ޔަގީންކަން ނެތީމަ! އެމްޑީޕީހެން ހީވަނީ ހަ ގޮނޑި ހޯދާނީ... އަޅުގަނޑު އެމްޑީޕީއާ ދިމާލަށް އެއްޗެއް ބުނާކަށެއްނޫން" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މަޖިލީހަށް ހޮވާނެ ބަޔަކާއި ނޮހޮވާނެ ބަޔަކު ނިންމާނީ ރައްޔިތުން ކަމަށާއި، އެއީ ރައްޔިތުންގެ މަސްސޫލިއްޔަތެއް ކަމަށެވެ. ރައްޔިތުން ގޮތެއް ނިންމީމާ އެ ނަތީޖާ ފުރިހަމަޔަށް ގަބޫލު ކުރަން ޖެހޭނެ ކަމަށެވެ.