ހަބަރު

ގާސިމާއި އޭނާގެ ކެމްޕޭން ޝިއާރަށް ނަޝީދު ފާޑު ވިދާޅުވެއްޖެ

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ބޭނުންފުޅު ކުރައްވާ ޝިއާރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.

މި ފަހަރުވެސް ގާސިމް ކުރިމަތިލާފައި ވަނީ އޭނާގެ ރަށް، މާމިގިލި ހިމެނޭ ދާއިރާއަށެވެ. އެ މަނިކުފާނުގެ ކެމްޕޭނުގައި ބޭނުން ކުރައްވަނީ "ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރެވެ. މި ޝިއާރާއެކު ގާސިމްގެ ކެޕްމެއިން އދ. މާމިގިލީގައި ރަސްމީކޮށް ރޭ ފައްޓަވައި ދެއްވީ އަނބިކަނބަލުން އައިޝަތު ނަހުލާ (އައިޝާ) އެވެ.

ލ. މާވަށް ދާއިރާގެ އެމްޑީޕީ ކެނޑިޑޭޓް އިބްރާހިމް ފަލާހުގެ ކެމްޕެއިން ޖަލްސާގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ، މަޖިލީހުުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ނުލިބެއްޖެނަމަ ގެންނަން ބޭނުންވާ ބަދަލުތައް ނުގެނެވޭނެ ކަމަށާއި ނަމަވެސް މަޖިލީހުގެ އަޣުލަބިއްޔަތު ނެގޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެންގެ ވާދަވެރިންގެ ޝިޔާރަކަށް މިވީ ދިވެހިން ބިން ތިމަންނައަށޭ، ވިސްނަވާ ތިމަންނައަށް ބިން މި އަތޮޅުގައި ވެސް ގޮސް އޮތްވަރު، ފަޅުރަށެއް، ފަޅެއް ގިރިއެއް އެބައޮތްތޯ އެއިން ބޭފުޅެއްގެ އަތް މައްޗަށް ނާރާ، އެއްވެސް ރަށެއް، ކިތައް ރަށްތޯ އޭނާ އަތުގައި އޮތީ، ބަލާލާއިރުގައި ޖަޒީރާ ގައުމުގެ ދެބައިކުޅަ އެއްބައި،"

ނަޝީދު ވަނީ ރަށް ހޯއްދެވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގާސިމް އަމަލު ކުރައްވާފައިވާ ކަމަށް ތުހުމަތުތައް ކުރައްވާފަ އެވެ. އެގޮތުން އެކި ގޮތްގޮތަށް ޓެންޑަރަށް ލައިގެންނާއި ރިޝްވަތު ދީގެންނާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތައް ނަގާފައިވާ ކަމަށެވެ. އަދި އެސްއޯއެފް މެދުވެރިކޮށާއި ޑޮލަރު ވިއްކުމުގެ ނަމުގައިވެސް ރަށްރަށް ނަގާފައިވާ ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރެއްވި އެވެ.

"ހައްތަހާވެސް ރަށް، މި ހުރިހާ ރަށެއް ނަންގަވާ އަންބޮނޑިއަށް ލައްވަވާފައި ނުކުމެވަޑައިގެން މި ވިދާޅުވަނީ، ތިމަންނާގެ ޝިއާރަކީ ދިވެހި ބިން ތިމަންނައަށޭ،" ނަޝީދު ވިދާޅުވި އެވެ.