ހަބަރު

އަލްހާން ނަޝީދަށް: ސޭޓް ނޫން ގޮތެއް އެދުވަހު އޮތްތޯ؟

އެމްޑީޕީގެ ޕޯޑިއަމް ތަކުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ނިސްބަތްކޮށް، ސޭޓް ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށް ވާހަކަ ދައްކަވަމުން ގެންދާއިރު ރިޔާސީ އިންތިހާބުގައި ސޭޓް ނޫން ގޮތެއް ކޯލިޝަން ސަރުކާރަށް އޮތްތޯ ބުނެ ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތި ލައްވާފައިވާ އަލްހާން ފަހުމީ އެމްޑީޕީއަށް ރައްދު ދެއްވައިފި އެވެ.

އދ. މާމިގިލީގައި ބޭއްވި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބު އައި އިރު ގާސިމް އޮންނެވީ ޖަލުގައި ކަަމަށާއި، މަޖިލީހަށް ނުރަނގަޅު ނުޒޫފެއް ވައްދައިގެން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ވެސް ގާނޫނު އަސާސީ ބަދަލުކޮށްގެން ހެދިކަމަށެވެ.

ރިޔާސީ އިންތިހާބެއް ބޭއްވި އިރު، ސޯޝަލް މީޑިއާގައްޔާއި އެމްޑީޕީގެ ޕޯޑިއަމް ތަކުގައި ސޭޓް ނޫން ގޮތެކޭ ކިޔައިގެން ވާހަކަ ދައްކާއިރު، ސޭޓް ނޫން ގޮތެއް އެދުވަހު އޮތްތޯއާއި، އަދި އެދުވަހު އެއްބައިވަންތަ ވެގެން ވާހަކަ ދެއްކުމަށްފަހު ޖޭޕީއަށް ސަރުކާރުގެ 50 އިންސައްތަ، ނުވަތަ ނައިބް ރައީސްކަން ދެއްވަން ޖެހުނީ ޖޭޕީގައި ޝަހުސިއްޔަތު އޮތުމުން ކަމަށެވެ. އަދި އެދުވަސް ރައީސް ނަޝީދު ހަދުމަފުޅު ނެތުނީތޯވެސް އަލްހާން ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑު މިވާހަކަ ދައްކަނީކީއެއް ބައިބައިވުން އުފައްދާކަށްނޫން، ރައީސް ނަޝީދަށް އެވާހަކަ ދެކެވެންޔާ ކީއްވެތޯ އަޅުގަނޑުމެންނަށް ނުދެއްކޭންވީ. ދައްކާނަން އަޅުގަނޑުމެން. އެއީ ރައީސުލް ޖުމްހޫރިއްޔާއާއި ގުޅުންހުރި މައްސަލައެއްނޫން މީކީއެއް. މިއީ ސިޔާސީ ޕާޓީތަކުގެ މައްސަލައެއް. ރައީސުލް ޖުމްހޫރިއްޔާއާއި އެކީގައި އަަޅުގަނޑުމެން މިތިބީ" އަލްހާން ވިދާޅުވި އެވެ.

މީގެ އިތުރުން އަލްހާނަ ވަނީ ޖުމްހޫރީޕާޓީއަށް މަޖިލީހުގެ 6 ގޮނޑިވެސް ނުލިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ވާހަކައަށްވެސް ރައްދުދެއްވާފައެވެ. އަލްހާން ވިދާޅުވީ، ޖޭޕީން މަޖިލީހުގެ މެޖޯރިޓީ ނަގާނެ ކަމަށާއި، އެމްޑީޕީއަށް މަޖިލިހުގެ ރަނގަޅު 12 ގޮނޑިވެސް ނުލިބޭނެ ކަމަށެވެ.

"ރައީސް ނަޝީދު މި ވިދާޅުވަނީ، ޖޭޕީއަށް، ޖޭޕީގެ ލީޑަރަކަށް ކުރީގެ ރައީސް އަބުދުﷲ ޔާމީންއާއި ގުޅިގެން ނުވަތަ ޕީޕީއެމްއާއި ގުޅިގެން، ރަނގަޅު 6 ގޮނޑިވެސް ނުލިބޭނެ އޭ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރައީސް ނަޝީދޭ ނޫނެކޭ އެހެނެއް ނޫނޭ އެކަން އޮތީކީއެއް. އެމްޑީޕީއަކަށް ނުލިބޭނޭ މިފަހަރުގެ އިންތިހާބުގައި ރަނގަޅު 12 ގޮނޑިވެސް. އެމްޑީޕީއަށް ރަނގަޅު 12 ގޮނޑި ނުލިބޭނެ ކިތަންމެ ސަބަބެއް އެބަހުރި. އަޅުގަނޑު ބޭނުންވަނީ ކަންކަމުގެ ހަގީގަތައް ވާހަކަ ދައްކަން" އަލްހާން ވިދާޅުވި އެވެ.