ވޭތުވެދިޔަ ފަސް އަހަރު ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ތަހައްމަލު ކުރީ ސަރުކާރެއްގެ "އަނިޔާ" އެވެ. ދެވަނަ ދައުރަކަށް އޭރުގެ ސަރުކާރުގެ ވެރިން ހޮވިއްޖެ ނަމަ ސަލާމަތެއް ނުވާނެ އޭ ކިޔާ އަޑުން އަޑުނަގާ ރުއި މީހުންވެސް މަދެއް ނޫނެވެ. އޭގެ ތެރޭގައި މިހާރު މިއޮތް ސަރުކާރުގެ ހުރިހާ ވެރިންނާއި މި ސަރުކާރު ގެނައި ހުރިހާ ވެރިން ހިމެނެއެވެ.
އޭރު ދެއްކީ އަދުލު އިންސާފު ގާއިމް ނުކުރެވޭ ވާހަކައާއި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ އަވަސް ޝިފާތައް ނުލިބޭ ވާހަކައެވެ. ރައްޔިތުންގެ ފައިސާ ހޭވެސް އަހާނުލައި މުށްޖަހައިގެން ބަޔަކު ވަގަށް ނެގި ވާހަކަ އެވެ. މި ހުރިހާ ވާހަކައެއް ދައްކަމުން އައީ މިހާރު މިއޮތް ސަރުކާރުގެ އިސްވެރިންނެވެ. އެ ވާހަކަތައް ދެއްކީ ދައުލަތާއި ރައްޔިތުންގެ ފައިސާއަށް އަމާނާތްތެރިވާނެ ވާހަކައާއި، އަދުލު އިންސާފު ގާއިމްވެ ރައްޔިތުންނަށް ހިނިތުންވުމެއް ގެނުވާނެ ކަމަށް ވައުދުވަމުންނެވެ.
އޭރު ސަރުކާރުގެ ކަންކަން އޮތް ގޮތުންނާއި އޭރު އިދިކޮޅުން ދެއްކި ވާހަކަތަކުން "ނޯ ޗޮއިސް" ވެގެން ރައްޔިތުން އެކީއެކަށް ނިކުމެ ކުރީގެ ސަރުކާރު ބަދަލު ކުރަން ވޯޓް ދީ އެކަން ނިންމާލީ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރައްވާފައި އައީ ވައްކަން ނުކުރާނެ ވާހަކައާއި، އަދުލު އިންސާފު ގާއިމް ކުރާނެ ވާހަކަ އާއި، ދައުލަތަށް ގެއްލުމެއް ލިބޭނެ ކަމެއް ނުކުރާނެ ވާހަކަ އެެވެ. މިފަދަ އަޑުއަހާލަން ފަސޭހަ ވާހަކަތަކެކެވެ. މިއީ އަޑުއަހަން ބޭނުންވާނެ ވާހަކަތަކެވެ.
ބަންދު ދުވައްތަކާއި ނުލކައި ކޯލިޝަން ސަރުކާރަށް 100 ދުވަސް މި މަހުގެ 27 އަށް ވާނެ އެވެ. ސަރުކާރު އަދި މިއޮތީވެސް ޅަފަތުގަ އެވެ. ނަމަވެސް އަދިވެސް ބަދަލުވީ ހަމައެކަނި ވެރިކަމެވެ. ހާލަތު އޮތީ ކުރިން އޮތް ގޮތަށެވެ. އަދި އެހެން ބުނާ މީހުން ގިނަވާން ފަށައިފި އެވެ.
ވައްކަމަކަށް ނުވިޔަސް ތިމާމެންގެ ނުފޫޒު ބޭނުން ކޮށްގެން ކޯޓުތަކަށް އަތް ބާނައި ވެރިންގެ ގާތް އަދި ބާރުގަދަ މީހުންނަށް މިލިއަނުން ނާޖާއިޒު ފައިދާތަކެއް ނަގައި ދޭން ފަށައިފި އެވެ. މިފަދަ ދެ މައްސަލައެއް މިހާތަނަށް ފެންމަތި ވެއްޖެ އެވެ.
އެކިކަހަލަ ކަންތައްތަކަކާއި ގުޅިގެން ކޯޓުތަކުގައި ތާށިވެފައި ހުރި މައްސަލަތަކެއްގައި ގެއްލުމުގެ ބަދަލު ކަމުގައި ބުނެ ހިތު ހުރި އަދަދެއް ޖަހައިގެން އެ ފައިސާ ދައްކަން ދައުލަތުގެ އިދާރާތަކުގެ މައްޗަށް ކޯޓްތައް މެދުވެރިކޮށް އަމުރު ނެރެނީ އެވެ. އެކަންކަމުގައި ވެރިންގެ ނުފޫޒު އޮތް ވަރަކީ ދައުލަތަށް ބޮޑު ގެއްލުމެއް ވާކަން އެނގި ތިބެެވެސް އެ އިދާރާތަކުން އެމައްސަލަތައް އިސްތިއުނާފު ކުރުމުގެ ބަދަލުގައި ވަގުތުން ފައިސާ ދޫކުރުމުގެ ވިސްނުމެއް ގެންގުޅުމެވެ.
ސަރުކާރުގެ އިސް ވެރިންގެ ގޮތުގައި ތިބި ބަޔަކަށް މިލިއަނުން ފައިދާ ވާގޮތަށް މިކަންކަން މިހާ ފަސޭހައިން ނިމުމަކީ ސުވާލު އުފައްދަންޖެހޭ ކަންކަމެވެ. މިއީ ހަމަ ގައިމުވެސް ރޭވިގެން ކުރާ ކަަަމަކަށް ނޫނީ ނުވާނެ އެވެ. އެއީ އެ މައްސަލަތަކަކީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ އިސްތިއުނާފީ މަރުހަލާތައް އަދި ނިމިފައިނުވާ މައްސަލަތަކަށްކަށް ވާތީ އެވެ.
މީގެ އިތުރުންވެސް ގެއްލުމުގެ ބަދަލު ކަމުގައި އެބުނާ އަދަދުތަކަކީ އިންސާނީ ހަމަ ބުއްދިއަށް ގަބޫލު ކުރަން ދަތި އަދަދުތަކަކަށް ވާތީ އެވެ. ސަރުކާރުގެ ޅަފަތުގައި މިފަދަ ހުތުރު މަންޒަރުތައް ރައްޔިތުންނަަށް ފެނުމަކީ އެ ރައްޔިތުންނަށް މާޔޫސްކަން ގެނުވާނެ ކަންކަމެވެ. ދިވެހި ދުވަހަކުވެސް ބަލައި ނުގަންނާނެ ވަރަށް ވެރިވެފައި ތިބި މީހުން ވެސް ހަމަ ކުއްލިއަކަށް ކޭމްޕޭނަށް ދޫވަނީ އެވެ. ކުށެއް ވެސް ސާބިތެއް ނުވެ އެވެ. ކުރީ ސަރުކާރުގައި ވެސް އެ މަންޒަރެވެ. މިޖެހުނީ ހަމަ އެއްތާކު ނޫންތޯއެވެ.
ދެން މިއޮތީ އަދުލު އިންސާފުގެ ގާއިމް ކުރާ ވާހަކައެވެ. ކުރީގެ ސަރުކާރުގައި ކޯޓުތަކުގައި ގޭންގު ތަކުގެ ނުފޫޒު އޮތް ވާހަކަ އެެންމެ ގިނައިން ދައްކަމުން އައީ މި ސަރުކާރުގެ އިސް ވެރިންނެވެ. އިހަށް ދުވަހު އަޑުއިވި ފެނުނު މަންޒަރުން ސަރުކާރުގެ އަތް ޖުޑިޝަރީތެރެއަށް ބާނާފައި އޮތް ވަރު ނިކަން ރަނގަޅަށް ވެސް ހާމަވެއެވެ.
އަނިޔާވެރި ފިރިއެއްގެ އަތްދަށުވެ މައުސޫމް އަންހެނަކު ނިޔާވި ވާހަކަ އަޑު އަހައި، އަދި އެ އަންހެންމީހާއަށް ދީފައި ހުރި ލާއިންސާނީ އަނިޔާތަކުގެ ވާހަކަ އަޑު އިވުމުން މުޅި ގައުމު އެކީ އެކަށް ރޮއެގަތެވެ. އަދި އެމީހާއަށް އިންސާފު ލިބެން ޖެހޭނެ ކަމަށާއި، އެކަމުގައި އެއްވެސް ބަޔަކު ފަސްޖެހިގެން ނުވާނެ ކަމަށް ގެންދިޔައީ ބުނަަމުންނެވެ. ނޫސްވެރިން ވެސް ނުލާހިކު ޝައުގުވެރިކަން ދެއްކި އެ ޝަރީއަތް ކޯޓުގައި ކުރިޔަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. އެ ޝަރީއަތުގެ އަޕްޑޭޓެއް ލިބެނީ ވަރަށް ހާލުން މަސައްކަތް ކޮށްގެންނެވެ.
މިކަން މިހެން އޮއްވާ ދެން އަޑު އިވިގެން މިދިޔައީ އެމީހާގެ މައްޗަށް އެއްވެސް ދައުވާއެއް ސާބިތުނުވެ އޭނާ މިނިވަންކުރާ ވާހަކައެވެ. މިވާހަކަވީ އަޖައިބު ކުރަނިވި ވާހަކައަކަށެވެ. މީހެއްގެ މައްޗަށް ދައުވާއެއް ސާބިތުވާނެ ވަރަށް ހެއްކާއި ގަރީނާ އެ މައްސަލައިގައި ލިބިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ގެންދިޔައީ ބުނަމުންނެވެ.
މިކަން މިހެން އޮތުމާއެކު، މިކަމުގެ އަޑިޔަށް ފީނާލުން މުހިންމެވެ. އެގޮތުން ބަލާއިރު، މި މައްސަލައިގައި ދައުވާ އުފުލާފައިވާ މީހަކީ ސަރުކާރު ހިންގާ މައި ޕާޓީގެ ވަރަށް ބާރު ހުރި ފަރާތެކެވެ. އެމީހާ އަކީ އެރަށުގެ ވޯޓާސް ޕޮޕިއުލޭޝަންގެ ބޮޑުބައި ކޮންޓްރޯލް ކުރެވޭ ވަރުގެ ނުފޫޒުގަދަ މީހެކެވެ. ކުރިޔަށް މިއޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ.
"އައުޓް އޮފްދަ ބުލޫޒް" އެމީހާ މިނިވަންވީ އެވެ. އެ އަންހެންމީހާގެ ހައްގު ކޮބާތޯއެވެ؟ މައިވަންތަކަމުގެ ލޯބިން އެ މީހާގެ ދަރިން މަހުރޫމް ކޮށްފައިވާއިރު، އެކުދިންނަށް ލިބެންޖެހޭ އަދުލު އިންސާފު ކޮބައިތޯއެވެ؟ ސަރުކާރުން ވައުދު ވަމުން އައި އަދުލު އިންސާފު ގާއިމް ކޮށް ނިމުނީތޯއެވެ؟ ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލް ކޮބާތޯ އެވެ؟ އެމައްސަލަ އިސްތިއުނާފުކޮށް، އެމީހާއަށް ހައްގު ވެގެންވާ އަދަބުދޭން ނުނިކުންނަވަނީތޯއެވެ؟ އަނެއްކާވެސް މި ޖެހުނީ ހަމަ ކުރީ ސަރުކާރު ޖެހުނު ހިސާބުގައި ނޫންތޯއެވެ؟
ދެން އޮތީ ފްލެޓްތަކުގެ ވާހަކައެވެ. މިދިޔަ ސަރުކާރުގައި ފްލެޓެއް ހޯދަން އެންމެ ފަސޭހަ މަގަކީ "މެޑަމްގެ އޮފީހޭ" ކިޔާ އޮފީހެކެވެ. އެތަނަށް ގޮސްގެން މެޑަމްގެ ރުހުން ލިބިއްޖެ މީހަކަށް ފްލެޓް ކަށަވަރުވީ އެވެ. އެކަމާއި އެންމެ ބޮޑަށް ފާޑުކީވެސް މި ސަރުކާރުގެ ވެރިންނެވެ.
އެކަމަކު ކުއްލިއަކަށް މަޖިލިސް އިންތިހާބާއި ދިމާކޮށް، 2011 ގައި ހަދާފައި އޮތް ލިސްޓެއް ފާޅުވެއްޖެ އެވެ. އެ ލިސްޓުގައި ތިބި މީހުންނަށް ގުޅާ ފްލެޓާއި ހަވާލުވާން އަންނާށޭ ވެސް ބުނެފި އެވެ. އެވަރަކުން ނިމުނީކީއެއް ނޫނެވެ. ފާޅުގައި ފްލެޓްތައް ހޯދަން މަޖިލީސް މެމްބަރުންނާއި ބައްދަލު ކުރަންވެސް ބުނީއެވެ. އެހެން ކަމުން މިއޮތީ އަނެއްކާވެސް "ސޭމް ޕްރޮސެސް - ޑިފެރެންޓް ޕީޕަލްސް" އާއި ލައްވާލާފަ އެވެ. އެކަމަކީ ވަކި ސިޔާސީ ޕާޓީއަކަށް އޮތް ކަމެއް ވެއްޖެއްޔާ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީއާއި، ހައުސިން މިނިސްޓްރީ އޮތުމުގެ ބޭނުމެއް ނެތެވެ. "މެމްބަރު ކުރެން އައްސަވައިގެން" ހަމަޖެހެންޏާ އެ ވުޒާރާތަކުގެ ބޭނުމެއް އެބައޮތްތޯއެވެ؟ އަނެއްކާ ރައީސުލް ޖުމްހޫރިއްޔާ އާއި ސަރުކާރާއި ވަޒީރުން ތިބި ގޮތަށް ތިއްބާ އެހެން މީހަކު ނުކުމެ ގޯތީގެ ޔަގީންކަން ދީ ނިންމައިފި އެވެ.
އަނެއްކާވެސް މިދިރެނީ އެއްކަލަ އެއްޗެހި ގޮވި ކުރީ ސަރުކާރާއެކު މަރާލެވިފައިވާ އޮތް ކަމަށް ރައްޔިތުން ހީކޮށްގެން ތިބި ސަގާފަތެވެ. ގާތުގައި ކައިރީގައި ހުރި މީހާއަށް މޮޅުގޮތް، އަދި ނިކަމެތި މީހާއަށް ދެރަގޮތުގެ ސަގާފަތެވެ. މެމްބަރުންނަށް އަމިއްލަ ހާލައިގެން ނޫޅެވިގެން އުޅޭ އިރު އަދުލު އިންސާފާއެކު ފްލެޓެއްގެ ކަންތައް ނިންމާލެވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެކެވެ. ރައްޔިތުން މިތިބީ ހޭލައެވެ. މިފަދަ ކަންކަމަށް މިސަރުކާރުގެ ތެރެއިން މަގުފަހި ކުރުވާ މީހުން އަވަހަށް ބޭރުކޮށް، ސަރުކާރު "ކްލީން" ކުރަން އެބަޖެހެއެވެ. އެއީ ރައްޔިތުން އިންތިހާބު ކޮށްފައި ހުރި ވެރިމީހާގެ ޒިންމާއެކެވެ. އެ ޒިންމާ ވެރިމީހާ ނަންގަވާނެ ކަމުގެ އުމްމީދު ވަރަށް ބޮޑެވެ. ގެއްލެމުންދާ ރައްޔިތުންގެ އިތުބާރު ލިބޭނީ އޭރުންނެވެ.