ވިޔަފާރި

ޖުމެއިރާ ވިޓަވެލި ރިސޯޓުން ކާލަން ދާން 7.7 މިލިއަން ރުފިޔާ!

Mar 23, 2019
4

ރާއްޖޭގެ އަގު ބޮޑު ޓޫރިޒަމްގައި ކުރިން ވިއްކަނީ އަގު ބޮޑު ކޮޓަރި ތަކެވެ. އަގު ބޮޑު ވިލާ ތަނެކެވެ. މިއީ ރާއްޖޭގެ ޓޫރިޒަމްގެ އެއް "ޔުނީކް" ސިފަ އެވެ. ނަމަވެސް މިފަހަރު މިވަނީ އަނެއްކާވެސް މުޅިންއާ ކަމެއް ރާއްޖޭން ޓޫރިޒަމަށް ތައާރަފުކޮށްފަ އެވެ. މިފަހަރު އަގު ބޮޑުކޮށް ވިއްކަން ފަށާފައި މިވަނީ ކެއުމެވެ. ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ޖުމެއިރާ ވިތަވެލި ރިސޯޓުން މިވަނީ އެ ރިސޯޓަށް ކާލަން ދާން އެންމެ 500,000 ޑޮލަރު (ގާތްގަނޑަކަށް 7.7 މިލިއަން ރުފިޔާ) ގެ ޕެކޭޖެއް ވިއްކަން ފަށާފަ އެވެ.

މާލެ އަތޮޅުގައި ހިންގާ ޖުމެއިރާ ވިތަވެލި ރިސޯޓުން އީސްޓާ ސީޒަންއާ ދިމާކޮށް ވިއްކަން ފަށާފައިވާ ބައި މިލިއަން ޑޮލަރު އަގު ބޮޑު ޕެކޭޖު ނެގުމުން ހަމައެކަނި ލިބެނީ ކެއުން އެކަންޏެއް ވެސް ނޫނެވެ. މި ޕެކޭޖުގައި ހިމެނޭ ކޮން ކަންތައްތަކެއް ބާ އެވެ؟

ކޮންމެތާކު ހުއްޓަސް ރާއްޖެ ގެނެސްދޭނެ!

މި އަގުބޮޑު ޕެކޭޖު ވިއްކަނީ ޖުމެއިޔާގައި ހިންގާ ހައިޑްގެ ނަމުން ނަން ދީފައިވާ ރެސްޓޯރެންޓުގަ އެވެ. މި ރެސްޓޯރެންޓުން ވިއްކާ މީރު ކެއުންތައް ތައްޔާރު ކޮށްދޭނީ އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު އެއް ޝެފް ކަމަށްވާ އޮލީ ޑަބަސް އެވެ. "ހައިޑް" ގެ ކެއުމެއް ނަގާ ހިސާބުން ހުރިހާކަމެއް ރިސޯޓުން ކޮށްދެ އެވެ.

ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކު ޖުމެއިރާ ވިތަވެލި ރިސޯޓުގެ މި ޕެކޭޖު ނެގިނަމަވެސް އެމީހަކު ބަލައި ޕްރައިވެޓް ޖެޓް ދާނެ އެވެ. އަދި އެ ޖެޓާއެކު އެމީހާގެ ހުރިހާ ކަމެއް ބަލަހައްޓަން ހާއްސަ ބަޓްލަރެއް ވެސް ހުންނާނެ އެވެ. އަދި ބަޓްލަރު ގެއަށް ގޮސް އެ މީހަކު އެމީހަކު ޕްރައިވެޓް ޖެޓުގައި މާލެއާ ހަމައަށް ގެނެސްދޭނެ އެވެ. އަދި އެމީހަކަށް ރާއްޖޭން ހާއްސަ މަރުހަބާއެއް ކިޔާނެ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެމީހަކު ރިސޯޓާ ހަމައަށް ގެންގޮސްދޭނެ އެވެ.

މި ހާއްސަ ޕެކޭޖު ނަގާ މީހާ ރިސޯޓާ ހަމަަށް ގެންގޮސްދޭނީ ޖުމެއިރާ ވިތަވެލި ރިސޯޓުގެ ހާއްސަ އުޅަނދެއް ކަމަށްވާ "ޕްރައިވެޓް ކަތަމަރާން" ގަ އެވެ. މި ދަތުރުގެ ދިގު މިނަކީ 20 މިނެޓެވެ. ބައެއް މީހުން ކަނޑުމަގުން ރިސޯޓަށް ދަތުރު ކުރަން ބޭނުން ނުވެދާނެ އެވެ. އެފަދަ މީހަކަށްވެސް ހާއްސަ ގޮތެތެއް ހިޔާރު ކުރެވޭނެ އެވެ. އެއީ މި ރިސޯޓުން ދޭ "ޕްރައިވެޓް ސީޕްލޭން" ދަތުރުރެވެ. ފެނަށް ޖައްސާ ބޯޓުގެ ހިދުމަތެވެ. އަދި މި ޕެކޭޖު ގަތުމުން އެ ރިސޯޓުގެ ލަގްޒަރީ ޕްރައިވެޓް ޔޮޓުގައި ރެއެއް ހޭދަކޮށްލުން ވެސް ލިބެ އެވެ.

ދެން އޮތީ "ހައިޑް" ރެސްޓޯރެންޓަށް ވަނުމެވެ. މި ރެސްޓޯރެންޓުން ވިއްކާ މި ހާއްސަ ކެއުމުގައި އަށެއް ނޫނީ ނުވަ ކޯސް ހިމެނެ އެވެ. ކައި ނިމުމުން އަދި ނިމުނީ އެއްވެސް ނޫނެވެ. ޕެކޭޖާއެކު ފަސް ރޭ މިރިސޯޓުގެ އަގު ބޮޑު ވިލާއެއްގައި ހޭދަ ކޮށްލުންވެސް ހިމެނެ އެވެ.