ދުނިޔެ

ނިއު ޒީލެންޑް: ހަމަލާއަށްފަހު މިސްކިތް ހުޅުވައިފި

Mar 23, 2019

ކްރައިސްޓްޗާޗު (މާޗް 23) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ހަމަލާދީ 50 މީހުން މަރާލި ހާދިސާ އަށް ފަހު އޭގެ ތެރެއިން އެއް މިސްކިތް އާންމުންނަށް ހުޅުވާލައިފި އެވެ.

އެންމެ ފުރަތަމަ ހަމަލާދިން އަލް ނޫރު މިސްކިތް ފުލުހުން ބަންދުކޮށްގެން ތަހުގީގު ކުރުމަށްފަހު، އެ މިސްކިތް މިއަދު ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ.

ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް 50 މީހުން މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ނިއު ޒީލެންޑުގައި ހިންގި އެންމެ ނުރައްކާތެރި ހަމަލާ އެވެ.

މިސްކިތަށް އަލުން ވަނުމުގެ ހުއްދަ ދިނުމުގެ ކުރިން، އެ ސަރަހައްދުގައި އެއްބައިވަންތަކަމުގެ ހިނގާލުމެއް ވަނީ ބާއްވައިފަ އެވެ. އެ ހިނގާލުމުގައި ގާތްގަނޑަކަށް 3،000 އެއްހާ މީހުން ބައިވެރިވެފައިވާއިރު، ގިނަ ބަޔަކު ތިބީ އެއްބައިވަންތަކަމާއި ނަސްލީ ތަފާތުކުރުން ނައްތާލުމުގެ އެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.

އެ ހަމަލާއާ ގުޅިގެން، އޮސްޓްރޭލިއާއަށް ނިސްބަތްވާ 28 އަހަރުގެ ބްރެންޓަން ޓަރަންޓް ވަނީ ހައްޔަރުކޮށްފަ އެވެ. ބްރެންޓަންއަށް ވަނީ ގަސްދުގައި މީހަކު މަރާލުމުގެ އެއް ދައުވާކޮށްފަ އެވެ.

ފުރަތަމަ ދުވަހު ކޯޓަށް ހާޒިރުކުރިއިރު، ބްރެންޓަންގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.

ބަންގީގެ އަޑާއެކު ނިއުޒީލެންޑުގައި ހިމޭންކަން!

ހަމަލާއަށް ފަހު އައި ފުރަތަމަ ހުކުރު ނަމާދުގެ ބަންގި އަޑުއަހަން އެތަކެއް ހާސް ބަޔަކު އެ ސަރަހައްދަށް ވަނީ ޖަމާވެފައި އެވެ.

ހުކުރު ނަމާދު ބަންގި ގައުމީ ޓީވީންނާއި ރޭޑިއޯ އިން ލައިވްކޮށްފައިވާއިރު، މަރުވި މީހުންގެ ހަނދާނުގައި ގެނައި ދެ މިނެއްޓުގެ ސުކޫތުގައި ބައިވެރިވާން ނިއު ޒީލެންޑުގެ އެކި ކަންކޮޅުތަކުން މީހުން ވަނީ ކްރައިސްޓްޗާޗަށް ދަތުރުކޮށްފަ އެވެ.

ޕޯސްޓްމޯޓަމަށްފަހު މަރުވި މީހުންގެ ހަށިގަނޑުތައް މިދިޔަ ބުދަ ދުވަހުން ފެށިގެން އާއިލާއާ ހަވާލުކުރެވިފައިވާއިރު، އިއްޔެގެ ހުކުރަށްފަހު އެ ހުރިހާ މީހުންގެ ޖަނާޒާތައް ވަނީ ބާއްވައިފަ އެވެ.