ދުނިޔެ

ޗައިނާގެ ކެމިކަލް ޕްލާންޓް ހާދިސާގައި މަރުވި މީހުން އިތުރުވަނީ

Mar 23, 2019

ބެއިޖިންގް (މާޗް 23) - ޗައިނާގެ އިރުން އޮންނަ ކެމިކަލް ޕްލާންޓެއް ގޮވައިގެން މަރުވި މީހުންގެ އަދަދު މިހާރު 47 އަށް އަރާފައިވާކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

އެ ކެމިކަލް ޕްލާންޓް ގޮވާފައިވަނީ 2.2 ބާރު މިނުގެ ބިންހެލުމެއް އައި ވަގުތުކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. ސިނާއީ ސަރަހައްދުގައި ހުރި އެ ޕްލާންޓް ގޮނުވުމުގެ ސަބަބުން، ކައިރީގައި ހުރި އެހެން ފެކްޓަރީތަކުގައި ވެސް ވަނީ އަލިފާން ރޯވެފައި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން، އެ ހާދިސާގައި 600 އަށް ވުރެ ގިނަ މީހުން ޒަހަމްވެގެން ހޮސްޕިޓަލުތަކުގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން ގިނަ މީހުންގެ ހާލު ސީރިއަސް އެވެ.

ބާރުގަދަ ގޮވުމުގެ ސަބަބުން، އެ ސަރަހައްދުގައި ހުރި ބައެއް ފެކްޓަރީތައް ވެއްޓި، ގިނަ ބަޔަކު ވަނީ ދަށުވެފަ އެވެ.

މިއީ އޯގަސްޓް 2015 ގައި ޓިއޭންޖިންގައި ހިނގި ހާދިސާއަށްފަހު އެންމެ ނުރައްކާތެރި ހާދިސާކަމަށް އެ ގައުމުން ލަފާކުރެ އެވެ. އެ ހާދިސާގައި 160 މީހުން މަރުވެފައިވާއިރު، 1،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. ބުރާސްފަތި ދުވަހު ގޮވި ޕްލާންޓު ހިންގާ ކުންފުންޏަކީ، ކުނި ނައްތާލުމާއި ތިމާވެއްޓަށް ގެއްލުން ދިނުމުގެ ސަބަބުން ހަ ފަހަރެއްގެ މަތިން ފިޔަވަޅު އަޅާފައިވާ ކުންފުންޏެއްކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފަ އެވެ.