ހަބަރު

ފެނުގެ ދުވަސް މަަތިވެރީގައި ފާހަގަކޮށްފި

ދުނިޔޭގެ ފެނުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އއ. މަތިވެރީގައި ފެނަށް ހޭލުންތެރި ކުރުމުގެ ހަވީރެއް ބާއްވައިފި އެވެ.

ކޮންމެ އަހަރެއްގެ ވެސް މާރޗް 22 ވަނަ ދުވަހަކީ ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާދުވަހެވެ. މިގޮތުން މި އަހަރުގެ ފެނުގެ ދުވަހުގެ ޝިއާރަކީ ” ލީވިން ނޯވަން ބިހައިންޑް ” އެވެ. މި ދުވަސް އއ. މަތިވެރީގައި އިއްޔެ ފާހަގަކުރީ ފެނަށް ހޭލުންތެރިކުރުމުގެ ހަވީރެއްގެ ގޮތުގަ އެވެ.

މި ހަވީރު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި، ހަފްލާގައި ދިވެހިރާއްޖެއަށް ކަނޑުއަޅުއްވާފައިވާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބް.ލިޔު.އެޗް.އޯ)ގެ ރެޕްރެޒެންޓޭޓިވް އަރުވިންދް މާތުރް ވެސް ބައިވެރިވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެންވަޔަރަމަންޓު މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ސާފު ފެން ފޯރުކޮށްދިނުމަށްޓަކައި ރަށްރަށުގައި ގާއިމްކުރާ ރައްކާތެރި ފެނުގެ ނިޒާމްތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންނުކުރާކަމަކީ ވަރަށްބޮޑު ކަންބޮޑުވުމެއްކަމުގަ އެވެ.

"މި ފަދަ ނިޒާމެއް ގާއިމްކުރުމަށްޓަކައި ގާތްގަޑަކަށް 25 އަދި 30 މިލިޔަނެއްހާ ފައިސާ ހަރަދުވޭ. ރަށްރަށުގައި ގާއިމްކުރާ ފެނުގެ ނިޒާމްތައް ބޭނުންކުރަމުންދަނީ ސާފުކުރުމަށާއި ކެއްކުމަށްޓަކައި. އަދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވިއްކާ ފެނަށް އާބާދީގެ ބޮޑުބައެއް ބަރޯސާވެ، ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ މިންވަރުދަނީ ދުވަހަކުން ދުވަހެއް އިތުރުވަމުން" ފެނުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މަތިވެރީގައި ބޭއްވި ހަވީރުގައި ފެނުގެ ދުވަހުގެ ޝިއާރާ ގުޅުވައިގެން ފެން ރައްކާތެރިކޮށް އިގްތިސާދު ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ފެން ބޭނުންކުރުމުގެ ބައިތަކަށް އަލިއަލުވާލައިގެން އެ އަތޮޅުތަކުގެ ސްކޫލުތަކުން ސްޓޯލްތަކުގައި ހަރަކާތްތަކެއް ކުރިއަށްގެންދިޔަ އެވެ.