ދުނިޔެ

އިރާގު ފެރީ ހާދިސާގައި 103 މަރު، އާއިލާތަކުން ބޭނުންވަނީ އިންސާފު

Mar 23, 2019

އިރާގުގެ އިތުރުން އޮންނަ މޯސުލް ސިޓީގައި ފެރީއެއް ބަންޑުން ޖަހާލައި މިހާތަނަށް މަރުވި މީހުންގެ އަދަދު 103 އަށް އަރާފައިވާއިރު، މާޔޫސްވެފައިތިބި އާއިލާތަކުން އިންސާފަށް ގޮވަންފަށައިފި އެވެ.

ޓިގްރީސް ކޯރުގައި ދަތުރުކުރަނިކޮށް އެ ފެރީ ބަންޑުން ޖަހާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ހާދިސާ ހިނގިއިރު، 200 އަށް ވުރެ ގިނަ މީހުން ފެރީން ދަތުރުކުރިކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކުރެ އެވެ. އެ ހާދިސާގައި މިހާތަނަށް 103 މީހުން މަރުވެފައިވާއިރު، އިތުރު 50 މީހުން ގެއްލިފައިވާކަމަށް ވެސް އިދާރާތަކުން ބުނެފައިވެ އެވެ.

މަރުވި މީހުންގެ ހަށިގަނޑުތައް ގެންދިޔަ ހޮސްޕިޓަލު ދޮށަށް އެއްވެ، އާއިލާތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ސަލާމަތީ އެއްވެސް އާލާތެއް ނެތް ފެރީއެއް ދަތުރުކުރުމުގެ ހުއްދި ދީފައިވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް އާއިލާތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

އަދި އެ ހާދިސާ ހިނގަން މެދުވެރިވީ، މީހުން ގިނަ ކަމުން ކަމަށް ވެސް އާއިލާތަކުން ވަނީ ބުނެފަ އެވެ. އެ ފެރީގައި އެންމެ ގިނައިން އުފުލޭނީ 50 ފަސިންޖަރުންކަމަށް ތުހުމަތު ކުރި ނަމަވެސް، އިރާގުގެ ރަސްމީ އެއްވެސް އިދާރާއަކުން އެކަމާގުޅޭ ގޮތުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ނަމަވެސް، އެ ހާދިސާއާ ގުޅިގެން މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވާކަމަށް، އިރާގުގެ ސުޕްރީމް ޖުޑީޝަލް ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.