ދުނިޔެ

އިރާގު ފެރީ ހާދިސާއާ ގުޅިގެން ގަވަރުނަރު ވަކިކޮށްފި

Mar 25, 2019

މޯސުލް (މާޗް 25) - އިރާގުގެ އިތުރުން އޮންނަ މޯސުލް ސިޓީގައި ފެރީއެއް ބަންޑުން ޖަހާލައި 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވަނިކޮށް، އެ ސަރަހައްދުގެ ގަވަރުނަރު މަގާމުން ވަކިކޮށްފި އެވެ.

ޓިގްރީސް ކޯރުގައި ދަތުރުކުރަނިކޮށް އެ ފެރީ ބަންޑުން ޖަހާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ހާދިސާ ހިނގިއިރު، 200 އަށް ވުރެ ގިނަ މީހުން ފެރީން ދަތުރުކުރިކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކުރެ އެވެ. އެ ހާދިސާގައި މިހާތަނަށް 103 މީހުން މަރުވެފައިވާއިރު، އިތުރު 63 މީހުން ގެއްލިފައިވާކަމަށް ވެސް އިދާރާތަކުން ބުނެފައިވެ އެވެ.

އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހުދީ ވަނީ އެ ހާދިސާގައި ބޮޑެތި އިހުމާލުތަކެއްވެފައިވާކަމަށް ވިދާޅުވެ، އެ ސަރަހައްދުގެ ގަވަރުނަރު މަގާމުން ވަކިކުރުމަށް ގާނޫނު ހަދާ މަޖިލީހަށް ގޮވައިލައްވައިފަ އެވެ.

އިރާގު ޕާލިމަންޓުން ވަނީ ގަވަރުނަރުގެ އިތުރުން އޭނާގެ ދެ ޑެޕިޔުޓީންވެސް މަގާމުން ވަކިކޮށްފަ އެވެ. އަދި އެ ހާދިސާގައި މަރުވި މީހުންނަކީ ޝަހީދުން ކަމުގައި ކަނޑައަޅައި، ބަދަލުހޯދަން ކޯޓަށް ދިޔުމުގެ ދޮރުވެސް ޕާލިމަންޓުން ވަނީ ހުޅުވައިދީފަ އެވެ.

މަރުވި މީހުންގެ ހަށިގަނޑުތައް ގެންދިޔަ ހޮސްޕިޓަލު ދޮށަށް އެއްވެ، އާއިލާތަކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ސަލާމަތީ އެއްވެސް އާލާތެއް ނެތް ފެރީއެއް ދަތުރުކުރުމުގެ ހުއްދި ދީފައިވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށް އާއިލާތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

އަދި އެ ހާދިސާ ހިނގަން މެދުވެރިވީ، މީހުން ގިނަ ކަމުން ކަމަށް ވެސް އާއިލާތަކުން ވަނީ ބުނެފަ އެވެ. އެ ފެރީގައި އެންމެ ގިނައިން އުފުލޭނީ 50 ފަސިންޖަރުންކަމަށް ތުހުމަތު ކުރި ނަމަވެސް، އިރާގުގެ ރަސްމީ އެއްވެސް އިދާރާއަކުން އެކަމާގުޅޭ ގޮތުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ނަމަވެސް، އެ ހާދިސާއާ ގުޅިގެން މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާކަމަށް، އިރާގުގެ ސުޕްރީމް ޖުޑީޝަލް ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.