ހަބަރު

މަސައްކަތް ހުއްޓި ރިފަންޑް ނުދެވުނީ ދައުލަތުގެ އިހުމާލުން: ސީލައިފް

Mar 23, 2019
4

ހުޅުމާލޭގައި 3،000 ލަގްޒަރީ ފްލެޓް އެޅުމަށް ސީލައިފް ގްލޯބަލް އިން ފެށި މަޝްރޫއު ހުއްޓި ފްލެޓްތައް ގަންނަން ފައިސާ ދެއްކި 200 އެއްހާ މީހުންނާ ރިފަންޑް ނުދެވި ވަނީ ކުރީގެ ސަރުކާރުން ބޮޑެތި އިހުމާލުތަކެއްވެ އެއްބަސްވުމާ ހިލާފަށް އަމަލުކޮށްފައި ވާތީ ކަމަށް ސީލައިފް ގްލޯބަލް އިން މިއަދު ބުނެފި އެވެ.

އެޕާޓްމަންޓް ގަންނަން ސީލައިފްއަށް ޑައުންޕޭމަންޓަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދުމަށް އެދުނު ނަމަވެސް ފައިސާ ނުލިބިވާ، 258 ފަރާތެއް ވަނީ ސީލައިފް އިން މަކަރާއި ހީލަތް ހެދި ކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އަދި އޭސީސީއަށް ވެސް އެ މައްސަލަ ހުށަހަޅާފައިވެ އެވެ.

އެ މައްސަލައިގައި އަޑުއެހުންތައް ސިވިލް ކޯޓްގައި ކުރިއަށްދާއިރު ސީލައިފް ގްލޯބަލްގެ ފަރާތުން އެ ކުންފުނި ތަމްސީލް ކުރާ ލޯފާމް، އެޑްވޮކެސީ ޗެމްބާޒް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނީ ފްލެޓް ގަންނަން ޑައުންޕޭމަންޓް ދެއްކި 689 ފަރާތުގެ ތެރެއިން 431 ފަރާތަކަށް އަނބުރާ ފައިސާ ހަވާލުކޮށްފައިވާ ކަމަށް ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. އަދި ބާކީ، 258 ފަރާތަކަށް ފައިސާ ނުދެވި ހުރީ ސީލައިފް ގްލޯބަލްގެ 97 ޕަސެންޓް ހިއްސާ އޮންނަ، ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސަރުކާރުން ސޮއި ކުރި ސެޓުލްމަންޓް އެގްރިމަންޓެއްގެ ދަށުން ސަރުކާރުން ދޭޭން ޖެހޭ 12 މިލިއަން ޑޮލަރު ކުރީގެ ސަރުކާރުން ނުދީ ހިފެހެއްޓުމާ ގުޅިގެން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ސީލައިފް އާއި ސަރުކާރާ ދެމެދު ސެޓުލްމަންޓް އެގްރިމަންޓެއް ގާއިމް ކުރީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ލަގްޒަރީ ވިލާ އެޅުމަށް އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ރައީސް ޔާމީންގެ ސަރުކާރުން ބާތިލްކޮށް އޭގެ ބަދަލެއްގެ ގޮތުން އެވެ. ސީލައިފްއިން ބުނީ ސެޓުލްމަންޓް އެގްރިމަންޓް ހެދީ އޭޖީ އާއި ރައީސް އޮފީހުގެ ލަފާގެ މަތިން 10 މަސް ދުވަހުގެ މަޝްވަރާތަކަކަށް ފަހު އެވެ.

ނޫސް ބަޔާނުގައި ސީލައިފްއާ ހަވާލާދީ ބުނީ، އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއް މިވަގުތު ވެސް ދެނީ ފައިސާ ނުދެވިވާ ފަރާތްތަކަށް ފައިސާ ހަވާލު ކުރުމަށް ކަމަށެވެ. އަދި ދައުލަތުން ސީލައިފަށް ދޭން ޖެހޭ 12 މިލިއަން ޑޮލަރުގެ މައްސަލަ ސިވިލް ކޯޓްގެ ޑިސްޕިއުޓް މަރުހަލާގައި ހިނގަމުން އަންނަ އިރު، ތިން އަޑުއެހުމުގައި ވެސް ދައުލަތުން ބުނެފައި ވަނީ އެ ފައިސާ އެ ކުންފުންޏަށް ދޭން ވިސްނަމުން އަންނަ ކަމަށެވެ. އަދި އެއީ ދޭން ނުޖެހޭ ފައިސާއެއް ކަމަށް ދައުލަތުން ބުނެފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"... މިހާތަނަށް ޑިސްޕިއުޓް މަރުހަލާގައި ތިން އަޑުއެހުން ބޭއްވިފައިވާއިރު، ދައުލަތުގެ ފަރާތުން މި މައްސަލަ ހައްލުކުރެވޭނެކަމަށާއި، ފައިސާ ދޫކުރުމާމެދު ދައުލަތުން ވިސްނަމުންދާކަމަށް ބަޔާންކޮށްފައިވުމުން، ދައުލަތުގެ ފަރާތުން މިދެންނެވި ފައިސާ ދޫކުރުމުން، ސީލައިފް ގްލޯބަލްގެ ފަރާތުން ފައިސާ ދޭންޖެހޭ ފަރާތްތަކަށް ފައިސާ ދޫކުރެވިގެންދާނެކަމަށް މިލޯފާމަށް ކަށަވަރުކުރެވޭކަމުގެ ޔަގީންކަން މިފުރުސަތުގައި އަރުވަމެވެ،" ބަޔާނުގައިވެ އެވެ.

ސީލައިފްގެ ބަޔާނުގައި އިތުރަށް ބުނީ، 2014 ފެބުރުއަރީ 26 ވަނަ 3،000 ފްލެޓް އެޅުމުގެ އެއްބަސްވުން އެ ކުންފުންޏަށް އެޗްޑީސީއިން އެވޯޑް ކުރުމާ އެކު އެ ކުންފުނިން ކުރަން ޖެހޭ މަސައްކަތްތައް އެއްބަސްވުމާ އެއްގޮތަށް ކުރަމުން ދިޔަ ކަމަށެވެ. އެހެން ނަމަވެސް، އެ ކުންފުނިން 10 އެޕްރީލް 2014 ގައި އެޗްޑީސީއަށް ހުށަހެޅި އިމާރާތުގެ ޑީޑެއިލް ޑްރޯވިން ފާސްކޮށްދިނީ، އަށް މަސްފަހުން 29 ޑިސެމްބަރު 2014 ގައި ކަމަށް ވެސް ސީލައިފް އިން ބުންޏެވެ. އޭގެ ފަހުން ވެސް އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދަނިކޮށް، އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި 14 ސެޕްޓެމްބަރު 2015 ގައި އެޗްޑީސީއިން އެއްބަސްވުން ބާތިލް ކުރި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެހެން ނަމަވެސް، ފްލެޓް އެޅުމުގެ އެއްބަސްވުން ބާތިލް ކުރީ އެއްބަސްވުމާ ހިލާފަށް ކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ފެބުރުއަރީ 2016 ގައި ނިންމުމާ ގުޅިގެން އެއްބަސްވުން އިޔާދަ ކުރަން އެ ކުންފުންޏާ އެޗްޑީސީއާ އަލުން މަޝްވަރާކުރި ނަމަވެސް، އެއްބަސްވުމާ ހިލާފަށް ސީލައިފް އިން ކަންތައްތަކެއް ކުރި ކަމަށް ބުނެ ބްރީޗް ނޯޓިސްއެއް މާޗް 2016 ގައި އެޗްޑީސީއިން އެ ކުންފުންޏަށް ފޮނުވި ކަމަށެވެ. އެ ހިސާބުން ވެސް އެޗްޑީސީއިން އެންގި ކަންކަން 60 ދުވަހުގެ ތެރޭގައި ސީލައިފްއިންކޮށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހުށަހެޅި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެޗްޑީސީއިން އެންގި ކަންކަން އެ ކުންފުނިން ކުރަމުން ދިޔަ ނަމަވެސް، އެކި ގޮތް ގޮތުން އެ މަޝްރޫއު ފެށުމަށް އެޗްޑީސީއިން ހުރަސް އަޅަމުން ދިޔަ ކަމަށް ވެސް ބަޔާނުގައިވެ އެވެ. ބަޔާނުގައި އަދި ބުނީ، އެގޮތުން ހުއްދަތައް ދިނުން މަޑު ޖެއްސުން ފަދަ ޖެއްސުމުގެ އަމަލުތައް އެޗްޑީސީއިން ކުރަމުން ދިޔަ ކަމަށެވެ. އޭގެ ސަބަބުން ސީލައިފްއިން ކުރިން އަންދާޒާކޮށްފައި ނެތް ބޮޑެތި ހޭދަތަކެއް ކުރަން ޖެހި، ކުންފުންޏަށް ދަތިތަކާ ކުރިމަތިވަމުން ދިޔަ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"އެއްބަސްވުން ބާތިލްކުރުމުގެ ސަބަބުން ކޯޓުގައި ހޭދަވާ މުއްދަތުގެ ތެރޭގައި ބޮޑެތި ގެއްލުންތައް ސީލައިފް ގްލޯބަލްއަށް ވާނެކަމަށާއި، އަދި މިފަދަ މައްސަލަތައް ދެން ހައްލު ކުރެވޭނީ، ދެފަރާތުގެ ދެމެދުގައި ވާހަކަދައްކައިގެން ސުލްހަވެރިރިކޮށް ކަމަށްވީ ހިނދު، އެފަދައިން އަމަލުކުރުމުގެ ބަދަލުގައި ކޯޓްގެ ހުކުމަށް ޖެއްސުން ކުރެވޭފަދަ ބީދައަކުން، އެޗްޑީސީގެ ފަރާތުން އަމަލުކުރުމުން، ގެއްލުންވާނީ ސީލައިފް ގްލޯބަލް އާއި ފައިސާ ދައްކާފައިވާ އާންމު ރައްޔިތުންނަށްކަން އަދުލު އިންސާފުގެ ހަމަތަކުން ވިސްނުމުން އެނގޭއިރު، އެޗްޑީސީގެ ފަރާތުން މިފަދައިން އަމަލުކުރުމުގެ ނަތީޖާއެއްގެ ގޮތުން، ސީލައިފް ގްލޯބަލްއަށް މިހާރު ކުރިމަތިވެފައިވާ ހާލަތު ކުރިމަތިވެފައިވާ ހާލަތު އޮޅޭނެ އެއްވެސް ގޮތެއް ނުއޮންނާނެކަން ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.