ހަބަރު

އެޖެންޑާ 19 ހަގީގަތަށް ހަދަަން ތައްޔާރު: ރައީސް

އެމްޑީޕީގެ އެޖެންޑާ 19ގެ ސިޔާސަތުތައް ހަގީގަތަކަށް ހެއްދުވުމަށް ތަައްޔާރަށް ހުންނެވި ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ކޮމަންޑޫގައި އަށް ވަޑައިގެން ރައީސް ވިދާޅުވީ، ވެރިކަމަށް އައީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއެކު، ވަރަށް ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް ކަމަށެވެ. މިއަދު ކުރަމުންދާ މަސައްކަތްތަކަކީ އެދުވަހު ރައްޔިތުން ބޭނުންވި ކަންކަން ކޮށްދިނުމަށް ގާނޫނުތަކަށް ބަދަލުގެނެސް ގައުމު ތަރައްގީ ކުރުން ކަމަށެވެ.

"އަޅުގަނޑުމެން މި ބޭނުންވާ ތަރައްގީ އާއި ބަދަލުގެ ތަފްސީލުތައް މިވަނީ އެމްޑީޕީގެ އެޖެންޑާ 19ގައި، އެއީ އަޅުގަނޑުމެން ރާއްޖެއާ ދޭތެރޭ ކުރާ އުންމީދު، އެއުންމީދު ހަގީގަތަކަށް ހަދާ ދިނުމަށް އަޅުގަނޑު ހަމަ ގައިމުވެސް މިހުރީ ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.

އެކަންތައްތައް ހަގީގަތަށް ހެދޭނީ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ ކަންތައްތައް ކޮށްގެން ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގައި އެކަަންކަމަށް އެއްބާރުލުންދޭ މެންބަރުންގެ އަގުލަބިއްޔަތެއް އިވެގެން ނޫނީ އެކަންކަން ހާސިލް ނުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ގައުމެއް ތަރައްގީ ވާނީ އެގައުމެއްގައި ސިޔާސީ ކަންކަން ހަމަހަމަކަމާއެކުގައި ހަރަކާތްތެރިވެވޭނޭ ގޮތްތަކެއް ފަހިކޮށްދީގެން، ގާނޫނުގެ ކުރިމަތީގައި ރައްޔިތުން ހަމަހަމަ ބަޔަކަށް ހެދިގެން، ވެރިންނަކީ ނަޒާހަތްތެރި ބަޔަކަށް ވެވިގެން، ވައްކަމާއި ކޮރަޕްޝަން ނެތިކޮށްލައިގެން، ދަރީންނަށް ރަނގަޅު ތައުލީމެއް ދެވިގެން، އެޖެންޑާ 19 މިއަދު ކަށަވަރު ކޮށްދެނީ އެކަންކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މީގެ ފަސް މަސް ކުރިން ގައުމު އޮތް ހާލަތާމެދު މިއަަދު ވިސްނާލަންޖެހޭ ކަމަށެވެ. އަސާސީ ހައްގުތަކާއި މިނިވަންކަން ވަނީ އޭރު ހިފަހައްޓާފައި ކަމަށާއި އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމާއި ނޫސްވެރިކަން ވަނީ އޮބަހައްޓާފައި ކަމަށެވެ. އަދި ސަރުކާރާއި ހިޔާލު ތަފާތުވާ ކޮންމެ މީހަކު އެދުވަހު އިންނަން ޖެހުނީ ޖަލުގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ކޮރަޕްޝަނާއި ވައްކަން ސަރުކާރު ތެރޭގައި އޮތީ އާންމު ކަމަކަށްވެފަ، ސަރުކާރުގެ މާލީ އިދާރާތަކާއި ދޭތެރޭ ރައްޔިތުންގެ އިތުުބާރު އޮތީ ވަރަށް ބޮޑަށް ގެއްލިފަ، ސަރުކާރުގެ ކޮންމެ ބޮޑު މަޝްރޫއަކާ ގުޅިގެން އެކަމަކާ ހަވާލުވެތިބި ވެރިންގެ ބޮލުގައި ރައްޔިތުން ދިޔައީ ބޮޑެތި ވައްކަމުގެ އިހުމާލުތައް އަޅުވަމުން، މިއީ އޭރުގެ ހާލަތު އޮތްގޮތް، ބިރުވެރި ކަމެއްގެ ތެރޭގައި ރައްޔިތުން އެދުވަހު ތިބީ،"

އެހެން ނަމަވެސް ވަރަށް ގިނަ ބައެއްގެ ތާއީދާއެކުގައި ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، އެކަންކަން ބަދަލު ކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން މިނިވަންކަމާއި އަސާސީ ހައްގުތައް ހިފެހެއްޓުމަށް ހަދާފައިވާ ގާނޫނުތައް ރައްޔިތުންގެ މަޖިލީހުން އުވާލާފައި ކަމަށް ރައީސް ވިދާޅުވި އެވެ. މިއަދު ވަނީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމާއި އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް، ނުވަތަ އެއްވުރެވެސް ބޮޑަށް ފުޅާކޮށް ރައްޔިތުންނަށް ދެވިފަ، އަދިވެސް ކުރަން ހުރި ކަންތައްތައް ވަރަށް ބައިވަރު، ވަރަށް ގިނަ،

ރައީސް އިތުރަށް ވިދާޅުވީ، މިއަދު ވަނީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކުރިއެކޭ އެއްގޮތަށް، ނުވަތަ އެއްވުރެވެސް ބޮޑަށް ފުޅާކޮށް ރައްޔިތުންނަށް ދެވިފަ ކަމަށެވެ. އަދިވެސް ކުރަން ހުރި ކަންތައްތައް ވަރަށް ގިނަ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.