ލައިފްސްޓައިލް

ކީއްވެ "ކޯމަސަލްސް" ވަރުގަދަ ކުރަންވީ؟

ހަށިގަނޑުގެ "ކޯމަސަލް" އަކީ މީހާގެ މެދުހަށި ކަމުގައިވާ ބަނޑާއި، އުނގަނޑުގައި އަދި ޅިނދު ކަށިގަނޑު އެކުލެވޭ ގޮތަށް ހިމެނޭ ހުރިހާ މަސްތަކެވެ. މެދު ހަށީގައި ވަރުޖައްސައި ބާރުގަދަ ކުރުމަށް ކުރާ ހާއްސަ ކަސްރަތަކަށް އާއްމުކޮށް މި ކިޔަނީ "ކޯއެކްސަސައިޒެ"ވެ.

މެދުހަށިން ހަށިގަނޑުގެ މައްޗާއި ތިރިއާ ގުޅުވާލާދީ މީހާ ބެލެންސް ކޮށްލައިދެ އެވެ. ރަނގަޅު ކަސްރަތު ޕްރޮގްރާމެއް ވެއްޖިޔާ އޭގައި ކޮންމެ ކަސްރަތެއް ކުރިކަމުގައި ވިޔަސް ކޯ އެކްސަސައިޒް އޭގައި ހިމަނަން ވެއެވެ. ކޯއެކްސައިޒް ހަދަނީ މީހާގެ ހަށިގަނޑު ބުންވަރާއި ބެލެންސް ރަނގަޅު ކުރުމަށެވެ.

އާއްމު ދިރިއުޅުމުގައި ކޮށް އުޅޭ ހަރަކާތްތަކަކީ ކޯމަސަލްސް ނުވަތަ މެދުހަށީގެ އެހީތެރިކަމާއިއެކު ކުރާ ހަރަކާތްތަކެކެވެ. މިސާލަކަށް އެނދުން ތެދުވުމާއި، ފިހަރާއިން ބާޒަރުކޮށްގެން އަނަން ކޮތަޅު އުފުލުމާއި، ބިންމަތިން އެއްޗެއް ނެގުންވެސް ހިމެނެ އެވެ.

ކޯއެކްސައިޒް ހެދުމަށް ވަކި ހާއްސަ އިކުއިޕްމަންޓެއް ނުވަތަ ޖިމް މެންބަޝިޕެއް ބޭނުމެއް ނުވެއެވެ. މި ކަސްރަތަތަކީ ބަނޑާއި އުނަގަނޑާއި އަދި ބުރަކަށީގެ ފަހަތުގެ މަސްތަކަށް ހާއްސަކޮށް އަމާޒު ކޮށްގެން ހަދާ ކޮންމެ ކަސްރަތެވެ. އެންމެ އާއްމުކޮށް ކޯގެ އެކްސަސައިޒްގޮތުގައި މި ފެންނަނީ ޕްލޭންކްސް، ސިޓްއަޕް އަދި މެޑިސިންބޯޅައެއްގެ އެހީގައި ކުރާ އެކި އެކި ކަސްރަތުތަކެވެ.

ކޯމަސަލްސް ވަރުގަދަ ކުރަން ޕްލޭންކް ވަރެއް ނެތް!

ޕްލޭންކް ހަދާ ގޮތަކީ އެންމެ ފުރަތަމަ ބަނޑުން އޮށޯވެ އޮވެ އަތްތިލަ ބިއްމަތީ ޖައްސާ ފައިގެ އިނގިލިތަކުގެ ކޮޅުވެސް ބިންމަތީ ޖައްސާ މީހާގެ ހަށިގަނޑު ބިންމަތިން އުފުއްލާލާނީ އެވެ. މިގޮތަށް އުފުއްލާލާއިރު މީހާގެ އަތްތިލައާއި ފައިގެ އިނގިލިތައް އެކަނި ހުންނަނީ ބިންމަތީޖެހިފަ އެވެ. އަތް ބަހައްޓަންވާނީ ކޮނޑާއި ދިމާއި ތިރީގަ އެވެ. އަދި ބުޑު މައްޗަށް ނުނަގާ ބަނޑަށް އަސަރު ކުރާވަރަށް ތިރީގައި އެއްހަމައެއްގައި ރީތިކޮށް ހިފަހައްޓާލަންވާނެ އެވެ. މިއީ މީހާގެ ކޯމަސަލް ވަރުގަދަ ކުރުމަށް ކުރެވޭނެ އެންމެ މުހިއްމު އެއް ކަސްރަތެވެ.

ޕްލޭންކްގެ އެކި އެކި ވޭރިއޭޝަން ހުރެއެވެ. ފޮޓޯ އިން މި ފެންނަނީ އުޅަނބޮށި ޖައްސައިގެން ހަދާ ޕްލޭންކްކެވެ.

ބްރިޖު

މީގެ އިތުރުންވެސް ބްރިޖަކީ ވެސް މީހާގެ ހަށިގަނޑުގެ ކޯ ވަރުގަދަ ކޮށްދޭ ކަމެކެވެ. ބިންމަތީ އޮށޯވެ އޮވެލައިގެން ކުރާ މި ކަސްރަތުގެ ފައިދާ ބުރަކައްޓަށާއި ބުޑުގެ މަސްތަކަށް ކުރެއެވެ. މި ކަސްރަތު ކުރުމަށް ބިންމަތީ އޮށޭވެލައި ކަކޫ ލަންބާލާނީ އެވެ. އަތް ގަޔާ ކައިރީ ބާއްވާލާ އަތްތިލަ ބިންމަތީ ޖައްސާލާނީ އެވެ. މަޑުމަޑުން ބުޑުގެ މަސްތަކާއެކު ބުރަކަށީ ހިއްލާލާނީ އެވެ. މިގޮތަށް ހިއްލާލާއިރު ކަކުލުން ފެށިގެން ކޮނޑާއި ހަމައަށް އިންނާނީ އެއްވަރަކަށް ސީދަލަށެވެ.

އާއްމު ދިރިއުޅުމުގައި ކުރާ ކުދި ހަރަކާތްތަށް ކުރުމުގެ އިތުރުން ދުވުމާއި އެހެން ކުޅިވަރުތަކަށްވެސް ކޯއެކްސަސައިޒު މުހިއްމު ވެއެވެ. ކޯމަސަލްތައް ވަރުގަދަ ނޫންނަމަ ދުވުމުގައި ވަރުބަލިވުމާއި މީހާގެ އެންޑިއުރެންސް ދަށްވެ އަދި އިންޖަރީވުމާއިވެސް ގާތެވެ.

ވާދަވެރި ރޭސްތައް ދުވާ ނަމަ އެކަށީގެންވާ ރަނގަޅު އަވަސް މިނެއްގައި ރޭސް ނިންމުމަށް ކޯމަސަލްސް އެހީތެރިވެ ދޭނެއެވެ. ލާ ކޮންމެ ނޭވާއަކާއި އެކު ހަށިގަނޑަށް ގިނަ އޮކްސިޖަން ފޮނުވާދިނުމަށް އެހީތެރިވުމާއި، އަޑި ގުޑަން ތަންތަނުން ދުވާއިރު ނުވަތަ ހިނގާއިރު މީހާ ބެލެންސް ވެސް ކޮށްދެނީ ކޯމަސަލްއިންނެވެ.

ފިޓްނަސް އިންސްޓްރަކްޓަރުން ވެސް މި މަސްތަށް ވަރުގަދަ ކުރަން ބާރުއަޅަ އެވެ. މިއީ ހަށިގަނޑުގެ މެދުކަމުގައިވެފައި ހަށިގަނޑުގެ އެހެންބައިތަށް އެންމެ އެފިޝަންޓްކޮށް ބޭނުންކުރުމަށް ކޯ މަސަލްސް އެހީތެރިވެދެއެވެ. ކޯ އެކްސަސައިޒް ހެދުމުން މީހާގެ ބަނޑުގެ މަސްތައް ފިޓުކޮށްދޭނެއެވެ. އަދި މީހާގެ "އެބްސް" ސަޅި ނަމަ އެއީ ދެން މީހާގެ ފިޓްނަސް ލެވެލް އަންގައިދޭނެ ވެސް ކަމެކެވެ.

މީގެ އިތުރުންވެސް ހަށިގަނޑު ސީދާކޮށް ބެހެއްޓުމަށް އެހީތެރިވެދޭއިރު ކޯ ވަރުގަދަނޫންނަމަ ގުދުލައި މީހާގެ ހަށިގަނޑު ތެދުކޮށް ހުރުމަށް ބުރުއަޅައެވެ. ކޯ އެކްސަސައިޒްކުރަންވީ އަނެއް ސަބަބަކީ ކޯ މަސަލްސް ވަރުގަދަ އުނގަނޑުގާއި އާއި ބުރަކަށީގައި ރިއްސުމުން ރައްކާތެރިކޮށްދެއެވެ.

ކޯ އެކްސަސައިޒުގެ ސަބަބުން މީހާގެ ފިޓްނަސް ގޯލް ހާސިލުކުރުމަށް އެހީތެރިވެދެއެވެ. އޭރޮބިކް އެކްސަސައިޒް އަދި ހަށިގަނޑުގެ މަސަލްތަށް ފިޓުކުރުމަކީ ކޮންމެ ފިޓްނަސް ގޯލެއްގައި ހިމެނޭ ކަންކަމުގައިވާއިރު، ރަނގަޅު ފިޓްނަސް ޕްރޮގްރާމެއްގައި ކޯ އެކްސަސައިޒްވެސް އޭގައި ހިމެނޭނެއެވެ.