ބެންގްކޮކް (މާޗް 24) - ތައިލަންޑުގައި ބަޣާވާތްކޮށް 2014 ވަނަ އަހަރު ވެރިކަން ވައްޓާލިފަހުން، ފުރަތަމަ ފަހަރަށް ބާއްވައި އާންމު އިންތިހާބުގައި ވޯޓުލުމަށް ތައްޔާރުވެއްޖެ އެވެ.
ބޮޑުވަޒީރު ތަަކްސިން ޝިނަވާޓުރާގެ ވެރިކަން ސިފައިން ނުކުމެ ވައްޓާލިފަހުން، ތައިލަންޑުގައި ސިޔާސީ ހަމަޖެހުން ގާއިމުކުރުމުގެ އުއްމީދުގައި ގާތްގަނޑަކަށް 50 މިލިއަނަށް ވުރެ ގިނަ ވޯޓުލުމަށް ނުކުންނާނެކަމަށް ބެލެވެ އެވެ.
ނަމަވެސް، އެގައުމުގެ އަސްކަރިއްޔާ އިސްވެ ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކުގެ ސަބަބުން، ޑިމޮކްރެޓިކް ވެރިކަމެއް ގާއިމުކުރުމުގެ ފުރުސަތު ހަނިކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ.
ތައިލަންޑުގައި ފުރަތަމަ ފަހަރަށް ވޯޓުލާ 18 އަހަރާއި 26 އަހަރާއި ދެމެދުގެ ހަތް މިލިއަނަށް ވުރެ ގިނަ މީހުން ތިބިއިރު، ވޯޓުގެ ނަތީޖާ އެނބުރިގެން ދިޔުމުގައި އެމީހުންގެ ދަުއުރު މުހިންމުވާނެކަމަށް ބެލެވެ އެވެ.
އިލެކްޝަނާއި ދިމާކޮށް، ސުލްހަވެރިކަމާއި އަމާންކަމާއެކު ވޯޓުލުމުގެ ކަންކަން ގެންގޮސްދިނުމަށް ތައިލަންޑުގެ ރަސްގެފާނު ވަނީ އިލްތިމާސްކުރައްވައިފަ އެވެ.
މި އިންތިހާބު ވެގެންދާނީ 2014 ވަނަ އަހަރު ގެނައި އަސްކަރީ އިންގިލާބުގައި އިސްކޮށް ހުންނެވި ޖެނެރަލް އަދި ތައިލެންޑްގެ މިހާރުގެ ބޮޑުވަޒީރު ޕްރަޔޫތު ޗަން-އޮކަ އާ ކުރީގެ ބޮޑުވަޒީރު ޝިނަވާޓުރާ އާ ދެމެދު ނެގޭ ވޯޓަކަށްކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ރައްޔިތުން ނުކުމެ ވޯޓުލާނީ ޕާލިމަންޓުގެ ތިރި ގޭގައި ތިބޭ 500 މެމްބަރުން އިންތިހާބު ކުރުމަށެވެ. ނަމަވެސް، ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހެއްގެ ދަށުން، 250 މެމްބަރުންގެ ސެނެޓެއް އަސްކަރިއްޔާއިން އައްޔަނުކުރާނެ އެވެ. ބޮޑު ވަޒީރަކު އައްޔަނުކުރާނީ ތިރި ގެއާއި ސެނެޓުގެ މެމްބަރުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. އެހެން ކަމުން، އަސްކަރިއްޔާގެ ތާއީދު އޮތް ޖެނެރަލް ޕްރަޔޫތަށް ޕާލިމަންޓުގެ ތިރި ގެއިން ބޭނުންވާނީ އެންމެ 126 ވޯޓެވެ.
ގާނޫނު އަސާސީގެ ދަށުން، އެއް ޕާޓީއަކުން ކާމިޔާބު ކުރެވޭ ގޮނޑީގެ އަދަދުވެސް ވަނީ ލިމިޓުކޮށްފަ އެވެ. އަދި އިންތިހާބުގެ ނަތީޖާއިން ވެރިކަމަށް އަންނަ ސަރުކާރަކުން، ތައިލަންޑުގެ މުސްތަގުބަލަށް އެކުލަވާލި 20 އަހަރު ދުވަހު ޕްލޭނަށްވެސް އަމަލުކުރަން ގާނޫނު އަސާސީން ވަނީ ލާޒިކޮށްފަ އެވެ.