(21 މާރިޗު 2019 އާ ގުޅޭ)
ލާވީ ކުރިއަށް ޖެހިލައި ބޭރީތުގެ ކޮނޑުގައި އަތްޖައްސާލިއެވެ. އަދި ކަންފަތް ދޮށުގައި ސިއްރުން ވާހަކައެއް ބުނެލިއެވެ. ހުއްޓިފައިވީ ނަޒަރު ތިރިކޮށްލައި ބޭރީތު ބޯޖަހައިލައި ކުރިއަށް ހިނގައިގަތެވެ. އެހިނދު އީޝަލްގެ ގާތަށް ލާމިއާ ޖެހިލައި އެ މީހުންގެ ކުރިއަށް ޒިޔަޒެލްއާއި އާރަމް ނުކުތެވެ.
އިސްލާމީ ރިވެތި ސަލާމުން ޒިޔަޒެލް ސަލާމް ގޮވާލުމުން ބޭރީތު ލުއި ގޮތަކަށް ހީނލީއެވެ. އޭނާ އެ ސަލާމަށް ރައްދު ނުދިނުމުން އެއްފަރާތުގައި ހުރި ރައުލް އޭނާގެ ބައްޕަގެ ގާތަށް ޖެހިލިއެވެ. އޭނާއަށް ހީވީ ބޭރީތަށް ޒިޔަޒެލްމެންގެ ގޮތް ކަމުނުދިޔައީކަމެވެ. ނަމަވެސް ބޭރީތުގެ ސިކުނޑީގައި ހިނގަމުންދިޔައީ މުޅިން ތަފާތު ޚިޔާލުތަކެކެވެ.
"ސަލާމް" ޒިޔަޒެލްއަށް އިރުކޮޅަކު ބަލަން ހުރެފައި ބޭރީތު ބުނެލިއެވެ. އަދި ހިނިތުންވެ ހުރެ ޒިޔަޒެލްއާއި ކަރާކަރުޖައްސައި ސަލާމްކުރިއެވެ. އެ މީހުންގެ ތެރެއަށް އައީތީ ހޫނު މަރުޙަބާއެއް ކިޔެވެ. ބޭރީތަށް ހަދިޔާ ކުރުމަށް ބަހީރާ ހަވާލުކުރި ފޮށި ޒިޔަޒެލް ނަގައި ބޭރީތަށް ދައްކާލީއެވެ. އެއީ އެ މީހުންގެ ފަރާތުން އަރުވާ ވެދުމެއް ކަމުގައި ބުންޏެވެ. ލިޔެލާޖެހި މޮޅު ލަކުނޑީގެ ފޮށްޓެކެވެ. އޭގެ ތެރޭގައި ހުރީ މީރުވަސް ދުވާ އެކި ބާވަތުގެ އަތަރެވެ. ބޭރީތު ޝައުގުވެރިވީ އެއްޗަކަށް އެ ވިއެވެ. ބަޔާންކުރަން ދަތި މަސްތުކަމެއް ބުއްދިއަށް ވެރިކުރުވާ ފަދަ ބާރެއް އެ އަތަރުތަކުގައިވާ ފަދައެވެ. އެހާ ވެސް އޭގެ ވަސް ހިތްގައިމެވެ.
މެހެމާނުން އިށީނުމަށް ތައްޔާރުކޮށްފައިވާ ދާންކޮޅުގައި އެންމެން އިށީނުމަށް ބޭރީތު ދަޢުވަތު އެރުވިއެވެ. އޭނާގެ ކުރިމަތީގައި ޒިޔަޒެލްއާއި އާރަމް ތިއްބެވެ. އެ މީހުންގެ ގާތުގައި އީޝަލްއާއި ލާމިއާ އިނެވެ. ކަސްދިޔާގެ ނަޒަރު އީޝަލްއާވަކިވެ ރައުލްއާއެކު އިށީން މެންބަރުންގެ ތެރޭގައި އިން ހަތޯރަށް ހުއްޓުނެވެ. ނުރުހުމާއެކު ކަސްދިޔާއަށް ދަތްކުނޑިވިކާލެވުނެވެ. ރައުލްއާއެކު އުޅޭ ބައިގަނޑުގައި ހަތޯރު ހިމެނުމަކީ ކަސްދިޔާ އެކަމާ ރުހޭކަމެއްނޫނެވެ. އެކަން ހަތޯރަށް ވެސް އެނގެއެވެ. މިފަހަރު އޭނާގެ ރުޅި އެހެން ފަހަރަކުތައްވުރެ އިތުރުވެއްޖެއެވެ. ރައުލްގެ ރޭވުންތައް ރަނގަޅަށް އެނގިހުރެ ކަސްދިޔާއަށް ހުރިހާކަމެއް ހަތޯރު ސިއްރުކުރީތީއެވެ. އަނެއްކޮޅުން އީޝަލް ފެނުމުން ކަސްދިޔާއަށް އޭނާ ހަނދާންކުރަން ބޭނުންނުވާ މާޒީ އިޔާދަވީ ފަދައެވެ. ރިހުން އެކުލެވިގެންވީ ބެލުމަކުން އޭނާ ރައުލްއަށް ބަލާލާފައި ހަތޯރަށް ބަލާލިއެވެ. އެ ދެ ޒުވާނުން އުމުރުގެ ގޮތުން އެއްވަރުވިޔަސް ދުނިޔެއަށް ކުރީން އުފަންވީ ހަތޯރެވެ. ކަސްދިޔާގެ އުނގުގައި ބާއްވާލެވިފައި އޮތް ދެއަތްތިލަ އެއްއަތް އަނެއް އަތުގެ ތެރެއަށްލައި މޮޑެލެވުނެވެ. މާޒީގެ ޚިޔާލުތަކުން އޭނާއަށް ތުންފިއްތާލެވުނެވެ. ނަމަވެސް ރައްކާކޮށްފައިވާ ސިއްރުތަކުގެ ފަރުދާ ކެހިގެން ނުދަނީސް އޭނާއަށް ބޭރީތުގެ ބީހުން އިޙްސާސް ކުރެވި ފިކުރުތައް ހާވިޔާވެގެން ހިނގައްޖެއެވެ. އެއާއެކު މަޑުމަޑުން ކަސްދިޔާ އިސްއުފުލާލައި ބޭރީތަށް ބަލާލިއެވެ. ކަސްދިޔާގެ ޖޯޑުކޮށްލެވިފައިވާ ދެއަތްތިލައިގައި ބޭރީތު ހިފަހައްޓާލަމުން ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ވަގުތުން ކަސްދިޔާގެ މޫނުން އިހުފެނުނު އަސަރުތައް ފިލައި ހިނިތުންވުމަކުން މޫނު އުޖާލައިކޮށްލައިފިއެވެ. އޭނާއަށް ބޭރީތުގެ އެ ހަރަކާތްތަކުގައިވަނީ ކީކޭކަން އެނގުނީއެވެ.
ޒިޔަޒެލްއަކީ އީޝަލްގެ ބައްޕަ ނޫންކަން އެނގުމުން ބޭރީތުގެ ސުވާލުތައް ގިނަވިއެވެ. ޒިޔަޒެލްއަކީ ދޫފަސޭހަ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އޭނާ މަޢާފާއެކު މީކާޢިލްއަށް އާދެވެން ނެތް އެތައް ސަބަބެއް ދެއްކިއެވެ. ރައުލްއާއި އޭނާއާ އެއްބާރުލުން ދޭ ބައިވެރިން ވެސް ތިބީ ޒިޔަޒެލްގެ ވާހަކަދެއްކުމުގެ އޮމާންކަން ފެނި އަޖައިބުވެފައެވެ. ވަގުތު ބޭކާރުނުކޮށް އީޝަލްއާއި ރައުލްގެ ކައިވެނީގެ ވާހަކަ ޒިޔަޒެލް ދެއްކިއެވެ. ބޭރީތު ބައްދަލުކުރަން އެދުމުން އީޝަލް އެ މީހުންގެ ތެރެއަށް އައި ނަމަވެސް ކައިވެނީގެ ކަންކަން ކުރިއަށް ދާނީ އީޝަލްގެ އަހުލުވެރިންގެ ތެރޭކަން ޒިޔަޒެލް ބުންޏެވެ. އެވަގުތު މީކާޢިލް ހުންނާނޭކަން ޒިޔަޒެލް ޔަގީންކޮށްދިނެވެ. އަދި ޙަފުލާ ފުރިހަމަވާނީ ދެ ފަރާތުގައި ޢާއިލާ ވެސް ޙަފުލާގައި ތިބުމުންކަން ޒިޔަޒެލް ހާމަކުރިއެވެ. ވާހަކައިގެ ތެރެއިން ޒިޔަޒެލްގެ ނަޒަރު ރައުލްއަށް ހުއްޓާލީ ކަމެއް ހަނދާންކޮށްދޭ ފަދައިންނެވެ. ޒިޔަޒެލްމެންނަށް ރައުލްވީ އެއްބަސްވުން ބޭރީތަށް އެނގެންޖެހޭނެކަމުގައި ޒިޔަޒެލް ޤަބޫލުކުރެއެވެ. ރައުލްގެ ހުރި ހިތްވަރެއް އެނގޭނީ އޭގެ ފަހުގައިކަން ޒިޔަޒެލްގެ ހިތަށް އަރައެވެ.
މެހެމާނުންނަށް ސަރުބަތުގެ ތަށިތައް ގެނައުމުން އެ ތަށިތަކުގައި އެ މީހުން އަތްނުލާން ތިބިހެން ރައުލްއާއި ބޭރީތަށް ވެސް ހީވިއެވެ. ބޭރީތު ތަށީގައި ހުރި ފޮދުވަރެއް ބޯލައި ޒިޔަޒެލްއަށް ބޯޖަހާލިއެވެ. ރައުލް ވެސް އެތަށީގައި ހުރި އެއްޗެއް ރަހަބަލައިފިއެވެ. އެއާއެކު އޭނާ އެއީ ކޮންއެއްޗެއްކަން ޒިޔަޒެލްމެންނަށް އޮޅުންފިލުވައިދިނެވެ. ރައުލްއަށް ހިނިތުންވެލި އީޝަލް ތަށީގައި ހިފުމުން ޒިޔަޒެލްމެން ވެސް ތަށިތަކުގައި ހިފައި ތުނބުގައި ޖަހަން ކައިރިކޮށްލިއެވެ. އީޝަލްއާއި ރައުލްއާ ދެމެދު ބަދަލުކުރެވުނު ހިނިތުންވުން އެތަނުގައި ތިބި އެންމެންނަށް ފެނުނެވެ. ބޭރީތުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ބޭރީތަށް ބަލާލަމުން ރައުލް އެދުނީ މެހެމާނުން ތިބުމަށް ހަމަޖެހިފައިވާ ބަޔަށް އެމީހުން ދިއުމުގެ ހުއްދަދިނުމަށެވެ. އެއާއެކު ބޭރީތު ސުވާލުކުރީ ޒިޔަޒެލްއާއެވެ. އެމީހުންގެ ގާތުގައި ޒިޔަޒެލްމެން މަޑުކުރަން ގަސްދުކުރަނީ ކިހާ ދުވަހަކަށްތޯއެވެ. ޒިޔަޒެލް ކަނާއަތުގެ ޝަހާދަށް އިނގިއްޔާއި މެދު އިނގިލި އުފުލައިލައި ދެންހުރި އިނގިލިތައް ލައްޕާލައި ބޭރީތަށް ދައްކާލިއެވެ. އަދި އެއީ ދެ ރޭ ކަމުގައި ބުންޏެވެ. އެއަށްފަހު އިރުގެ އަލިހުއްޓައި އެ މީހުންގެ މަންޒިލަށް ދާން ބޭނުންވާކަން ޒިޔަޒެލް ބުންޏެވެ. ބޭރީތު ކަމަކާ ވިސްނަން އިންފަދައަކުން މަޑުމަޑުން ބޯޖަހާލިއެވެ.
އީޝަލް ހުރުމަށް ވެސް ހަމަޖެހިފައި އޮތީ ގަނޑުވަރުގެ އުތުރުފަރާތެވެ. ނަމަވެސް ރައުލް ހިތްހަމަނުޖެހުނީ ސަމިއާނާ އައިސް ހުރި ކޮޓަރީގައި އީޝަލް ބަހައްޓަން ހަމަޖައްސާފައި އޮތް އޮތުމާމެދުއެވެ. ބޭރީތުގެ ގާތު ސިއްރުން އެ ވާހަކަ ރައުލް ދެއްކިއެވެ. އީޝަލް ހުރުމަށް އެހެން ކޮޓަރިއެއް ހަމަޖައްސައި ދިނުމަށެވެ. އެހެންނޫނީ އީޝަލް ހުންނާނީ ރައުލްގެ ކޮޓަރީގައި ކަމުގައި އޭނާ ބުންޏެވެ. ލުއިގޮތަކަށް ބޭރީތު ހީނލީއެވެ. އަދި ދަރިފުޅުގެ ކޮނޑުގައި އެއްއަތް ބާއްވާލައި ސިއްރުން ވާހަކަދެއްކިއެވެ.
"ސަމިއާނާ ހުރިތަންވީމަތަ؟... ގޯހެއްނޫން... މިހާރު އެނގިއްޖެ ރައުލްއަށް ވެގެންއުޅޭ ގޮތެއް، އެފަދަ ރީތިކަމެއް ފެނިއްޖެނަމަ ބުއްދީގެ މައްޗަށް އެކަކަށް ވެސް ބާރެއްނުފޯރުވޭނެ" ބޭރީތު ބުންޏެވެ. ނަމަވެސް ރައުލްގެ މޫނުމަތިން އޭނާގެ ހިތުގައި ޝުޢޫރުތައް ބޭރުވިޔަކަ ނުދިނެވެ. އޭނާގެ ސީރިއަސްކަމުގައި ބޭރީތަށް ބަލަން ހުރީ އޭނާ ބޭނުންވާ ޖަވާބު ނުލިބޭތީއެވެ.
"ހަމަރަނގަޅަށް ވެސް އަހަރެންގެ ރައުލް މޮޔަވެއްޖެ... ތި އެދޭ ކަންތައް ކޮށްދޭނަން، އަހަރެންނަށް ވެސް ހީވަނީ އޭނާ ހުންނަން އެ ކޮޓަރި މާ އާދައިގެހެން، އޭނާއަށް ޓަކައި މިގަނޑުވަރުން ޚާއްޞަ ކޮޓަރިއެއް ހަމަޖައްސާނަން، ބާންދީން ފޮނުވާނަން އެތަން ތައްޔާރުކުރުމަށް... ދެން ހަމަޖެހިބަލަ..." ހެމުންހެމުން ރައުލްގެ ކޮނޑުގައި ބޭރީތު ޖަހާލިއެވެ.
"އަޅުގަނޑު ޚިޔާރުކުރާ ބަޔަކު އެ ހިސާބަށް ދާނީ" ރައުލް ދެން ވެސް ވާހަކަދެއްކީ ސީރިއަސްކަމާއެކުއެވެ. ބޭރީތު ބޯޖަހާލިއެވެ. އަދި ލާވީއަށް ގޮވައި ގެނެސް އޭނާގެ ގާތުގައި ސިއްރު ވާހަކަތަކެއް ދެއްކިއެވެ. ދެން ފެނުނީ ބޭރީތުގެ ވާހަކަތަކަށް ބޯޖަހާލި ލާވީ އެ ތަނުން ނުކުމެގެން ދިޔަތަނެވެ.
ލާވީ އެނބުރި އައުމުން ޒިޔަޒެލްމެން ގޮވައިގެން ބޭރީތާއި ކަސްދިޔާގެ އިތުރުން ރައުލްއާއި އޭނާގެ ބައިވެރިން ގަނޑުވަރުގެ އުތުރު ބަޔަށް އައެވެ. އެންމެންނާ އެކަހެރި ގޮތަކަށް ޒަގަން ހުރީ އެއްފަރާތުގައެވެ. އޭނާގެ ނަޒަރު އީޝަލްއާއި ލާމިއާއަށް ހުއްޓިފައި ވެއެވެ. ދޭތެރެއަކުން ޒިޔަޒެލް އޭނާއަށް ބަލާލުމުން ނިކަން އަވަހަށް ނަޒަރު އެހެން ދިމާއަކަށް ބަދަލުކޮށްލައެވެ. ގަނޑުވަރުގެ އެބައިގައި އެކަނި ވެސް ތަފާތު ކޮޅުތަކަށް ދެވޭ ގޮތަށް ދޮރުތައް ކަނޑާފައި ހުއްޓެވެ. ސަމިއާނާ ހުރި ބަޔާ ދުރަށް ބޭރީތު އައެވެ. ލާވީއަށް އިޝާރާތްކޮށްލުމުން ކުރިމަތީ ހުރި ފަރުދާތަކެއް އޭނާ އެއްފަރާތްކޮށްލިއެވެ. އެއާއެކު ފެނުނީ އެތެރެ ނުފެންނަ ގޮތަށް ހަދާފައި ހުރި ބޮޑު ދަގަނޑު ދޮރެކެވެ. އޭގެ ތަންޑުތަކުގައިވީ ތަޅުތައް ނައްޓައި ދޮރުގެ މެދުގައި އަކައެއް ލާވީ ކުރެހިއެވެ. އެ އަކައިގައި ބޭރީތު އެޅި ހުރަސް ރޮނގުބުރިއަކުން ބާރު އަޑުފައްގަނޑެއް އިވިގެންދިޔައެވެ. ކަސްދިޔާއާއި ލާވީނޫން އެންމެން ތިބީ ބޭރީތު ކުރިކަމަކާމެދު އަޖައިބުވެފައެވެ. ރައުލްއާއި އޭނާގެ އެކުވެރީންގެ އިތުރުން ޒަގަން ވެސް އެ ދޮރު މީގެ ކުރީން ދެކެފައެއްނުވެއެވެ. ގަނޑުވަރުގައި އެފަދަ ތަނެއް ހުރިކަން ވެސް އެ މީހުންނަށް ނޭނގެއެވެ. ވަނުމަށް ބޭރީތު ހަނާ އަޅާލިއެވެ. ނަމަވެސް ކަސްދިޔާއަށް ހުރި ފިޔަވަޅުމަތިން ކުރިއަކަށް ނުދެވުނެވެ. އޭނާއަށް ބޭރީތުގެ މުލައްދަނޑީގައި ބާރަށް ހިފަހައްޓާލެވުނެވެ.
"ޒަގަން... ކަލޭގެ މަންމަ އަރާމުކުރުމަށް ކޮޓަރިއަށް ގެންދޭ" ކަސްދިޔާއަށް ބަލަން ހުރެ ބޭރީތު ބުންޏެވެ. ޒަގަން ހުރީ އެ ހުޅުވުނު ދޮރުގެ އެތެރޭގައިވާ ތަނެއް ބެލުމަށް ޝައުގުވެރިވެފައެވެ. ނަމަވެސް ބޭރީތުގެ ބަހަށް ދެކޮޅު ހެދުމަކީ އެވަގުތު ކޮށްގެންނުވާނޭކަމެއްކަން ވިސްނި އޭނާ ކަސްދިޔާގެ ގާތުގައި އައިސް މަޑުކޮށްލިއެވެ. ކަސްދިޔާ ބަލާލީ ހަތޯރަށެވެ. އޭނާއާއެކު ހަތޯރު ވެސް އަންނާށޭ ބުނާފަދައިންނެވެ. ނަމަވެސް ހަތޯރު އިޝާރާތްކުރީ ރައުލްއަށެވެ. ކަސްދިޔާގެ މޫނުން ފޫހިކަން ފާޅުވިއެވެ. ޒަގަން ބެލީ މަންމަ ގޮވައިގެން އެތަނުން އަވަހަށް ދެވޭތޯއެވެ.
ހުޅުވުނު ދަނގަނޑު ދޮރުން އެތެރެއަށް އެންމެން ވަނުމުން މުޅިން އެހެން ދުނިޔެއަކަށް ވަދެވުނު ފަދައެވެ. ތުނި ފަރުދާތައް އެތަނުގައި ގިނައެވެ. ބިތްތަކުގައި ހުރި އެކިވަރުގެ ފްރޭމްތައް ހުރީ ފޮތިތަކުން ނިވާކޮށްފައެވެ. އަލިކުރާނޭ ބޮޑެތި ސަމޭދާންތަކުން ކުއްލިއަކަށް ހުޅުފަޅައި މުޅިތަން ހުޅުދާންވެގެންދިޔައެވެ. ކަނޑާ ގުޅިފައި ހުރި ފައްވާރެއްގެ މެދުގައި ރަނުން ހަދާފައި ހުރި އަންހެނެއްގެ ސޫރަ ވިއެވެ. އެއީ މީހަކު ފަރުމާކޮށްފައިވާ ބުދަކަށްވިޔަސް އެއީ ރީތި އަންހެނެއްގެ ސޫރަކަން ފެންނަ ކޮންމެ މީހަކަށް އެނގޭނެއެވެ. ލޮނުގަނޑުގެ ރިވެލި އެޅޭ ގޮތަށް ހަދާފައި އޮތް ހާމަ ބައިގައި އަރާމު ދާނެއް ހުއްޓެވެ. ދާނުގައި ކައިރީ ރަނުގެ އުސް ބޯތަށިތައް ހުއްޓެވެ. އެތަނުގެ ތެރޭ ހުރީ އެންމެ ނިދާ ކޮޓަރިއެކެވެ. ފެންކޮޓަރި ތެރޭ ހުރީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ރީތި ކުރެހުން އެޅި ވެވެކެވެ. ނަމަވެސް އޭގައި ފެނެއްނެތެވެ. ހިރިގަލުގެ ބިލިނގާއެއް އެތަނުން އެތެރެއަށް ވަދެވެން ހުރި ބައެއްގައި ވިއެވެ. ރަނުގެ އަތްގަނޑު ލާފައިވި ކަންވާރުތައް އޭގެ ކައިރީ ހުއްޓެވެ. އެތަނުގެ ފާރުތަކުގައި އެކިކުލަކުލައިގެ ކުދި ބިއްލޫރިކޮޅުތަކުން ކުރެހުން އަޅާފައިވިއެވެ. ކުތުބުޚާނާއެއް ފެނުމުން ރައުލްއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ބޮޑުކޮޓަރީގެ އެއްފަރާތުގައި މިއުޒިކު ކުޅޭ ސާމާނު ހުއްޓެވެ. އޭގެތެރެއިން ވެސް އެންމެ ފާހަގަކުރެވޭ ގޮތަށް ހުރީ ސިތާރު ފާޑުގެ މިއުޒިކު އާލާތެކެވެ. އިންސާނުންގެ ދުނިޔޭގައި އެ މީހުން މިއުޒިކު ކުޅުމަށް ގެންގުޅޭ "ހާޕް" ފަދައެވެ.
"އީޝަލް ހުންނާނީ މިތަނުގައި... ރައުލްއާއި އީޝަލް ދިރިއުޅުމަށް މިތަން ކަމުދޭތަ؟" ބޭރީތު އެހީ ރައުލްގެ ގާތުންނެވެ. އެއަޑު އިވުނު ޒިޔަޒެލްއާއި އާރަމް ތިބީ ހުއްޓުން އަރާފައެވެ. ބޭރީތު ނުބުންޏަސް އޭނާގެ ހިތުގައިވާ އެއްޗެއް އެނގުނީއެވެ. ރައުލްއަށް އެއްޗެކޭ ބުނަން ދަތިވިއެވެ.
"މި ފަޅުތަނުގައި އަހަރެމެން ބަންދުކުރަން ގަސްދުކުރަނީތަ؟" ޒިޔަޒެލް ބުންޏެވެ. ބޭރީތާއި ޒިޔަޒެލްގެ ދެމެދުގައި ބަދަލުކުރެވުނީ ސީރިއަސް ބެލުމެކެވެ. ދެން ފެނުނީ ޒިޔަޒެލް ހިނިގަނޑެއް ޖަހާލިތަނެވެ. އަދި ސަމާސާގޮތް ދައްކަމުން އޭނާ އެތަނަށް ވަދެގެން ހުރި ދޮރަށް އިޝާރާތްކޮށް ވާހަކަދެއްކިއެވެ.
"މީގެ ކުރިން މިދޮރު ހުޅުވަންޖެހޭވަރު ބަޔަކު ނާދޭ، އެކަމަކު އީޝަލްއަކީ އަހަރެންގެ ގާތަށް އަންނަ އެހެން މެހެމާނުން ފަދަ ކުއްޖެއްނޫން، ވަރަށް އަވަހަށް އަހަރެންގެ ޢާއިލާގެ މެންބަރަކަށް އޭނާވާނެ، އެހެންވީމަ އީޝަލް އެނބުރި ދަންދެން މި ދޮރު ހުންނާނީ ހުޅުވިފައި" ބޭރީތު ވެސް ހީނލާފައި ބުންޏެވެ. އެތަނުގައި އީޝަލް ފެންނަން ނެތްކަން އެންމެންނަށް ވެސް އެނގުނީ ދެނެވެ. އޭރު އެންމެންނަށް ވެސް ތިބެވުނީ އެނބުރި ދޮރުކައިރިއަށް އައިހެވެ. އެންމެން އެނބުރި އެތެރެއަށް އައިއިރު ފައްވާރުގައި ހުރި ބުދުގެ ކުރިމަތީ އެއަށް ބަލަހައްޓައިގެން އީޝަލް ހުއްޓެވެ. އޭނާ ކުރިއަށް ޖެހި ފައްވާރުގެ ވަށައިގެންވީ ފާރުބުރީގެ މައްޗަށް އަރައި ބުދުގައި އަތްލަން އުޅުނެވެ. އެހިނދު ބޭރީތު އައިނައިގޮތެއް ނޭނގެއެވެ. އޭނާ އީޝަލްގެ އަތުގައި ހިފަން އުޅުނެވެ. ނަމަވެސް އޭނާއަށްވުރެ ރައުލް ކުޅަދާނައެވެ. އީޝަލް ހުރީ ރައުލްގެ އަތުގެ ތެރޭގައެވެ. ބޭރީތު ހައިރާންވެ އީޝަލްއަށް ބަލަން އިރުކޮޅަކު ހުއްޓެވެ.
"އެއީ ކާކު؟..." އީޝަލް އެއްފަހަރު ބޭރީތަށް އަނެއްފަހަރު ރައުލްއަށް ބަލާލިއެވެ.
"ކިހިނެއްވީ؟ އަސްލުހެން ހީވަނީތަ؟" ބޭރީތުގެ މޫނުން ހައިރާންކަމުގެ އަސަރު ފޮރުވާލައި ހީނލާފައި ވާހަކަދެއްކިއެވެ. އީޝަލް މަޑުމަޑުން ބޯޖަހާލިއެވެ. ލާމިއާ އައިސް އޭނާއާ ގާތަށް އީޝަލް ގެނެއެވެ. ޒިޔަޒެލްއާއި އާރަމް ވެސް އެ މީހުންގެ ގާތަށް އައެވެ. އަދި އެ މީހުން ވެސް ފަރުވާތެރިކަމާއެކު ފައްވާރުގެ މެދުގައި ހުރި އަންހެނެއްގެ ސޫރައަށް ހަދާފައިވާ ރަނުގެ ބުއްދަށް ބަލަންފެށިއެވެ.
"ކާކާ އޭނާ ވައްތަރީ؟" ބޭރީތު އެއްސެވެ. އީޝަލްއަށް އެ ސުވާލަށް ޖަވާބުދޭކަށް ނޭނގުނެވެ.
"މީގެ ކުރީން ދުވަހަކުވެސް ނުދެކެން... އެވާނީ އީޝަލްއަށް ހީވިގޮތަކަށް، ޔަގީނުން ވެސް މޮޅު ހުނަރުވެރިއެއްގެ މަސައްކަތްކަން އެއީ ޔަގީން" ޒިޔަޒެލް ބުންޏެވެ. ބޭރީތު އެ ބުދަށް ބަލަހައްޓައިގެން ހުރެ ހިނިތުންވެލަމުން ބޯޖަހާލީ ޒިޔަޒެލްއާ އެއްބަސްވަމުންނެވެ.
ލާމިއާ ވާހަކަދެއްކިއެވެ. އޭނާ ހުންނާނީ އީޝަލްއާއެކުގައި ކަމެވެ. އަދި އެ މީހުންނާ ގާތުގައި ޒިޔަޒެލްއާއި އާރަމްގެ ހުރުން ހަމަޖެހުމަށް އޭނާ އެދޭކަން ހާމަކުރިއެވެ. އެކަމާ އާރަމް އެއްބަސްވިއެވެ. ލާވީ އެ މީހުން ތިބުމަށް ހަމަޖެހިފައި ހުރި ބައި ދައްކަން އަވަސްވެގަތެވެ. މިފަހަރު އީޝަލްގެ އަތުން ލާމިއާ ދުލެއްނުކޮށްލިއެވެ. އަނެއްކޮޅުން ރައުލް ވެސް އީޝަލް ނުފެންނަ ހިސާބަށް ފިޔަވަޅެއް ނޭޅިއެވެ. ޒިޔަޒެލްއާއި އާރަމް ހުރުމަށް ހަމަޖެހުނީ އީޝަލްމެން ތިބޭ ބައިގެ ކުރިމައްޗަށް ވާގޮތައް ވަދެގެން ހުރި ބައެއްގައެވެ. އެތާގައި ހުރި ހަތަރު ކޮޓަރިން ޒިޔަޒެލްއާއި އާރަމް ބޭނުންވާ ދެ ކޮޓަރިއެއް ހަމަޖައްސައި ދިނުމަށް ޚާދިމުން އަންނާނޭކަން ލާވީ ބުންޏެވެ.
ރާވިންމެން ގާތު އީޝަލްއާއި ލާމިއާއާއެކު މަޑުކުރުމަށް ބޭރީތު ބުންޏެވެ. އަދި ޒިޔަޒެލްއާއި އާރަމް ގާތު ކުދީންނާ ނުލައި ދައްކަން ބޭނުންވާ ވާހަކަތައް ހުރިކަން ބޭރީތު ހާމަކުރިއެވެ. އޭނާއާއެކު ދަމުން ޒިޔަޒެލްގެ ބޮލުގައިވާ ފަގުޑީގެ ވަށައިގެ އޮޅާފައިވާ ފޮތިކޮޅުގެ ދޭތެރެއިން ސުލޭމާނޭ ކިޔާ ހިލައެއް ލާމިއާއަށް ދައްކާލިއެވެ. އެ ދެމެދުގައި މެސެޖެއް ބަދަލުކުރެވުނު ކަމެއް އެކަކު ވެސް ނުދެނަހުއްޓެވެ.
ބޭރީތުމެން ދިއުމުން އީޝަލްއާއެކު ލާމިއާ އައިސް ވަނީ އެ މީހުން ތިބުމަށް ހަމަޖެހިފައި ހުރި ތަނަށެވެ. ވަށައިގެން އޭނާ ނަޒަރު ހިންގިއެވެ.
"މިތަނުގެ ސިއްރަކީ ކޮބާ؟" ލާމިއާ ބަލާލީ ރައުލްއާއި އޭނާގެ ބައިވެރިންނަށެވެ.
"އަހަރެމެން މިތާ ބޮޑުވިއިރު މި ނޫނީ މިތަނެއް ނުދެކެން" ރައުލް ބުނި އެއްޗަކަށް ދެންތިބި އެންމެން ބޯޖަހާލިއެވެ. ލާމިއާގެ އެއްވެސް ސުވާލަކަށް ރައުލްމެންނަށް ޖަވާބު ނުދެވޭނޭކަން އޭނާއަށް އެނގޭއިރު ވެސް ތަފާތު ސުވާލުތައް ކުރިއެވެ. ދޮރުކައިރީ ހުއްޓި އެ ދޮރު ވެސް އޭނާ ރަނގަޅަށް ބެލިއެވެ. އެތަން ތައްޔާރުކުރުމަށް ޔާފިއާ ބަލައި ރާވިން ފޮނުވިއެވެ. އަދި ޔާފިއާއަށް އިތުބާރުކުރެވޭ ބާންދީން އެއްކޮށް އެ މީހުންގެ އެހީތެރިކަން ހޯދުމަށް ރައުލް އިރުޝާދުދިނެވެ. އަދި ރައުލް އޭނާގެ އެކުވެރިން ގާތު ބުނީ އެ މީހުން އާރަމްއާއި ޒިޔަޒެލް މަޑުކުރާ ކޮޓަރީގެ އިތުރުން އެތަނުގައި ދެން ހުރި ކޮޓަރިތަކުގައި ނިދުމުގެ ކަންކަން ހަމަޖައްސާނީ ކަމުގައެވެ. އަދި އީޝަލް އެނބުރިދަންދެން ދަންފަޅި ބަހައިގެން ކޮންމެވެސް އެއްބަޔަކު އަބަދުވެސް ފޯރިމަރާ ގޮތަށް ހަމަޖެއްސިއެވެ.
"އަހަރެން އެބަ އަންނަން މަންމަގެ ހާލު ބަލާފައި" ހުރިހާކަމެއް ހަމަޖެހިއްޖެހެން ހީވުމުން ހަތޯރު ބުންޏެވެ.
"އީޝަލްއާ މެދު ކަސްދިޔާ އެހާ ގަޔާވާހެނެއް ހިޔެއްނުވޭ" ރައުލް ގާތު ސޭމެސް ބުންޏެވެ.
"ބޭކާރު ކަންކަމާ ވިސްނުމުގެ ބޭނުމެއްނެތް، ބައްޕަގެ އެދުމަށް އަހަރެން އޭނާ މިތަނަށް ގެނައި... އެއީ ހަތޯރުގެ މަންމަ، އަހަރެންގެ މަންމައެއްނޫން... އެހެންވީމަ އިތުރު މީހަކަށް އީޝަލް ކަމުދޭތޯ ނުދޭތޯ މުހިންމެއްނޫން" ރައުލް ބުންޏެވެ.
"އަހަރެންގެ މަންމައާ މެދު ނުވިސްނާ... ތި ދެމެދަށް މަންމަގެ ހިޔަނި އެޅުނަކަ ނުދޭނަން، އަހަރެން މިއައީ ރައުލްއަށް ވަޢުދެއްވެފައި، އެހެންވީމަ އެކަމުގެ ޚަބަރު މަންމައަށް ދޭން ޖެހޭ، އެނގޭ ކުޑަކޮށް ވެސް މަންމަ އުފަލެއްނުވާނޭކަން، އެކަމަކު އަހަރެން ޚިޔާރުކުރި ގޮތުގައި އަހަރެން ހިފަހައްޓާނަން، ފަހަރެއްގައި މީ މިތަނުގައި އަހަރެމެން ހޭދަކުރާނޭ އެންމެ ފަހު ފަހަރަކުކަމަށް ވެދާނޭތީ މަންމައާއެކު ވަގުތުކޮޅެއް ހޭދަކުރަން ވެސް ބޭނުން، އެކަމަކު އަހަރެން ރައުލްއަށް ޚިޔާނާތެއްނުވާނަން، އެކަން އަބަދުވެސް ހަނދާން ބަހައްޓާތި" ހަތޯރު ބުންޏެވެ. ރައުލް ބޯޖަހާލަމުން ހަތޯރުގެ ކޮނޑުގައި ޖަހާލިއެވެ.
"ރައުލް، ކަލެއަށް އެނގޭތަ އީޝަލްއާއެކު އެ ހުރި ޖިންނިއަކީ އާދައިގެ ޖިންނިއެއްނޫންކަން، އޭނާއަކީ އީޝަލްމެންގެ ތެރެއިންވާ ޖިންނިއެއްނޫން" ސޭމެސް އިހުނަށްވުރެ ރައުލްއާ ގާތަށް ޖެހިލައި ވަރަށް ސިއްރުން ވާހަކަދެއްކިއެވެ.
"އާން!... މިވަގުތު އޭނާއަކީ ކާކުކަން އެނގުން މުހިންމެއްނޫން، އޭނާ އައިސް އެހުރީ އަހަރެންގެ އަނބިމީހާ ރައްކާތެރިކުރަން، ޒިޔަޒެލް އޭނާއަށް އިތުބާރުކުރޭ" ދުރުގައި ހުރި ލާމިއާއަށް ބަލަން ހުރެ ރައުލް ބުންޏެވެ.
(ނުނިމޭ)