މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިއުއެސްސީގެ އެންމެ ދުވަސްވީ މުވައްޒަފު ކަމަށްވާ މުހައްމަދު ޝާފިއު ނިޔާވެއްޖެ އެވެ. ތޭވީސް އަހަރު އެ ކުންފުންޏަށް ހިދުމަތްކުރި ޝާފިއުގެ ކުއްލި މަރާއެކު، އެ ކުންފުންޏަށް ފުން ހިތާމައެއް ވަނީ ލިބިފަ އެވެ.
ޝާފިއުއަކީ 1995 ވަނަ އަހަރުން ފެށިގެން އެމްޑަބްލިޔުއެސްސީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށް ދެއްވާފައިވާ ބޭފުޅެކެވެ. ޝާފިއު އަވަހާރަ ވަޑައިގެންނެވިއިރު ހުންނެވީ އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް ޑިވިޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުގައެވެ.
އެމްޑަބްލިޔުއެސްސީ 1995 ވަނަ އަހަރު ވުޖޫދަށްއައިރު ކުންފުނީގެ އެންމެ ފުރަތަމަ ދިވެހި މުވައްޒަފެއްގެ ގޮތުގައި ގުޅިވަޑައިގެންނެވި ޝާފިއުއަކީ، މާލޭގެ ފެނާއި ނަރުދަމާގެ ހާލަތަށް ހެޔޮ ބަދަލެއް ގެނައުމަށް ކުންފުނިން އެއިރު ފެށި މަސައްކަތްތަކުގައި އިސް ރޯލެއް އަދާކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ، އަދިހަމަ އެހާމެ ހިދުމަތްތެރި ބޭފުޅެކެވެ.
މީގެ އިތުރުން ޝާފިއު ވަނީ 1980 ގެ އަހަރުތަކުގެ ތެރޭގައި ސަރުކާރަށްވެސް ގިނަ ގުނަ ހިދުމަތްތަކެއްކޮށް ދެއްވާފައެވެ. މިގޮތުން މާލޭގެ ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ފެށްޓެވިއިރު، މޯލްޑިވްސް ވޯޓާ އެންޑް ސެނިޓޭސަން އޮތޮރިޓީގެ އެސިސްޓަންޓް އޮޕަރޭޝަންސް މެނޭޖާ އެންޑް އިންޖިނިއާގެ މަގާމްގައި ހުންނަވައިގެން ކޮށް ދެއްވާފައިވާ ހިދުމަތްތައް ފާހަގަ ކޮށްލެވެއެވެ. ޝާފިއުއަކީ ޕާސަނަލް މެނޭޖްމަންޓް އެންޑް އިންޑަސްޓްރިއަލް ރިލޭޝަންސް ގެ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
ޝާފިއު އެމްޑަބްލިޔުއެސްސީގައި އަދާކުރައްވާފައިވާ މަގާމުތަކުގެ ތެރޭގައި ހެޑް އޮފް ޕާސަނަލް އެންޑް ޓްރައިނިން ޑިޕާޓްމަންޓްގެ މަގާމާއި، އެސިސްޓަންޓް އެޑްމިނިސްޓްރޭޝަން މެނޭޖާ އަދި މެނޭޖާ އެޑްމިނިސްޓްރޭޝަން ގެ މަގާމާއި ޑެޕިއުޓީ ޓެކްނިކަލް އެންޑް ކަސްޓަމާ ސާވިސް މެނޭޖާގެ މަގާމުގެ އިތުރުން ކަސްޓަމާ ސާވިސް ޑިވިޝަން މެނޭޖާގެ މަގާމު ހިމެނެއެވެ. ޝާފިއުއަކީ މުވައްޒަފުންނާ ގާތް ގުޅުމެއް ބާއްވާ އަދި ހުރިހާ މުވައްޒަފުންގެ ލޯތްބާއި އިހްތިރާމް ލިބިވަޑައިގަންފައިވާ ބޭފުޅެކެވެ.