ހަބަރު

އަހަރެމެން ވަކިވާނީ ފުރާނަ ދިއުމުން!

Mar 25, 2019
15

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ދެ ބޭފުޅުން ގުޅުމާބެހޭ ގޮތުން ދެކެވޭ އަދި ފެތުރިފައި އޮންނަ ވާހަކަތަކަށް ދެ ބޭފުޅުން ޖަވާބު ދެއްވައި އެ ދެ ބޭފުޅުންނަކީ "ދުވަހަކު ވެސް ވަކިވުމެއް ނެތް ގުދުރަތީ ގުޅުމެއްގައި" ތިއްބެވި ދެ ބޭފުޅުން ކަމަށް ވިދާޅުވެ އެ ގުޅުން ސިފަކޮށް ދެއްވައިފި އެވެ.

އެ ދެކަނބަލުންގެ ގުޅުމާބެހޭ ގޮތުން ތަފާތު ވާހަކަތައް ފެތުރިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައި އޮވެ އެވެ. ނަމަވެސް މިއީ ގާސިމާއި އަނބިކަންބަލުން އައިޝާ އާންމުންގެ ތެރޭގައި މިމޭރުމުން ވާހަކަފުޅު ދައްކަވައި ދެ ބޭފުޅުންގެ ގުޅުން ސިފަ ކޮށްދެއްވި ފުރަތަމަ ފަހަރެވެ. އެ ދެ ބޭފުޅުން މިގޮތަށް ވާހަކަ ދެއްކެވީ ގާސިމްގެ މަޖިލިސް ކެމްޕޭން ލޯންޗް ކުރަން މާމިގިލީގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރޭގެ ޖަލްސާގައި ފުރަތަމަ ވާހަކަފުޅު ދެއްކެވީ އައިޝާ އެވެ. އެކަމަނާ ފުރަތަމަ ވިދާޅުވީ ފިރިކަލުން ގާސިމް އިބްރާހީމަކީ އެބޭފުޅަކަށްޓަކައި އދ. އަތޮޅު އަދި މުޅި ދިވެހި ރާއްޖެ ފަހުރުވެރިވާ ބޭފުޅެއް ކަމަށެވެ. އެތައް ބައިވަރު ސަބަބުތައް ހުރުމުން ރެއެއްގެ އިރު އެރިއަސް އެ ސަބަބުތައް ބަޔާން ނުކުރެވޭނެތީ އެ ވާހަކަ ދޫކޮށްލެއްވި ނަމަވެސް މިރޭ ޖަލްސާ އަށް ވަޑައިގަތީ ކޮންމެވެސް ވާހަކައެއް ވިދާޅުވާން ގަސްދު ކުރައްވައި އެކަން ގާސިމަށް ވެސް ދަންނަވާފަ އެވެ.

އެކަމަނާއާ ބެހޭ ގޮތުން ދައްކާ ބައެއް ވާހަތައް އޮތީ އެހެން ނޫން ކަން ޔަގީންކޮށް ދެއްވުމަށް އެކަމަނާ ދެތިން ނުކުތާއެއް ވިދާޅުވެ ދެއްވި އެވެ. އެއް ކަމަކަށް ވިދާޅުވީ ރާއްޖޭގައި ފަހަކަށް އައިސް "ކެތްތެރި ކަމާއި އޯގާތެރިކަން" އަންނަނީ ގާސިމްގެ ފަރާތްޕުޅުން ކަމަށެވެ. މީހުނަށް އެހީވުމާއި އޯގާތެރިވުމާއި މީހުން ދެކެ ލޯބިވުމާއި ހާލުގައި ޖެހިފައިވާ މީހާ ފެނުމުން ކުރާ އަސަރު މިހާރު އެކަމަނާއަށް ވެސް ކުރެއްވޭ ކަމަށެވެ. އަދި ވިދާޅުވީ އެ އަސަރުތައް އެކަމަނާއަށް އިހުސާސް ކުރެއްވެން ފެށީ ގާސިމްގެ ސަބަބުން އަދި އެމަނިކުފާނުގެ ފަރާތްޕުޅުން ކަމަށެވެ.

ވޭތުވެދިޔަ 12 އަހަރު ގާސިމާއެކު ހޭދަ ކުރެއްވުނު އިރު ވަރަށް ގިނައިން އެތައް ވަގުތަކާއި އެތައް ރުފިޔާއެއް ހޭދަ ކުރައްވައިގެން ގާސިމް ކުރައްވަނީ ކޮންކަމެއްބާއޭ އަދި އޭގެ ބޭނުމެއް ގާސިމަށް އޮވޭބާވައޭ ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށް އެކަމަނާ މިރޭ ފުރަތަމަ ފަހަރަށް ވިދާޅުވި އެވެ.

"ހަމަގައިމުވެސް ދީނީ ގޮތުން އެއީ ހެޔޮ ކަމެއް، އެކަމަކު ގާސިމް އެ ކުރައްވާ ހޭދަ އާއި އެ ވަގުތުތަކުގެ ހަގީގީ މަގުސަދު އަޅުގަނޑަށް ވިސްނުނީ ގާސިމް ޖަރުމަނުގައި ހުންނެވި އިރު ދިމާވި ހާދިސާއަކުން... އަޅުގަނޑަށް ކުރިމަތިވި ކުޑަ ހާދިސާއެއް ޝެއާ ކޮށްލާނާން،" އެކަމަނާ މިރޭ ވިދާޅުވި އެވެ.


އެކަމަނާ ވިދާޅުވި ގޮތުގައި ގާސިމް ޖަރުމަނުގައި ހުންވެރި އިރު އެއް ދުވަހަކު ކުނޫޒުގައި އެކަމަނާ އިންނެވި އެވެ. އެހެން އިންނަވަނިކޮށް މަންމަ އާއި ބައްޕަ ނިޔާވެފައިވާ އޯޓިޒްމްގެ ކުއްޖަކު ގޮވައިގެން އެ ކުއްޖާގެ ބޮޑުބޭބެއަކު ގޮސް އެހީއަކަށް އެދުނެވެ. އަދި އެ ދުވަސް ވެގެން ދިޔައީ ގާސިމް އިބްރާހިމް މުޅި އުމުރު ހޭދަ ކުރައްވައިގެން ކުރައްވާ ހޭދަ އާއި ވަގުތާއި ގާސިމްގެ ހިތްޕުޅުގައި މީހުނަށް އޮތް ލޯބި އެކަމަނާއަށް އިހުސާސް ކުރެއްވުނު ދުވަހަށް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުގެ ދޮށީ ދަރިފުޅު އަޒުހާންގެ އުމުރާ ދާދި އެއް އުމުރުގެ ކުއްޖެއް. އަޅުގަނޑު ގާތުގައި ބުނީ ބަލާނެ މީހަކު ނެތް ވާހަކަ އާއި ބޭސް ނުކުރެވިގެން އުޅޭ ވާހަކަ އާއި އެހީއެއް ވެދޭށޭ... ފުރަތަމަ އަޅުގަނޑު ހިތަށް އެރީ އަޅުގަނޑުމީ ކާކުބާއޭ އެހީއެއްވާން ... ދެން އަޅުގަނޑަށް ވާހަކަ ކުރިޔަކަށް ނުގެންދެވުމުން ރޮވުނީ އަދި ސިޑިން މައްޗަށް އެރީ. ކުޑަކުއްޖާގެ ބޮޑުބޭބެ ހީކުރީ އަޅުގަނޑު ފޮނިކަމާއި ބޮޑާ ކަމުން ވާހަކަ ނުދައްކާ ދިޔައީ ކަމަށް އެކަމު ހިތަށް ތަދުވިލެއް ބޮޑު ކަމުން ވާހަކަ ނުދެއްކިގެން ސިޑިން މައްޗަށް ދިޔައީ. އެ ދުވަހު އިހުސާސްވި ގާސިމް އިބްރާހިމް މުޅި އުމުރު ހޭދަ ކުރައްވައިގެން މި ކުރައްވާ މަސައްކަތަކީ ކޮބައިކަން. ހަގީގީ މާނާގައި އަޅުގަނޑަށް އެކަން އިހުސާސްވީ ދުވަހަކީ އެއީ،" އެކަމަނާ ވިދާޅުވެ ދެއްވި އެވެ.

އައިޝާ ވިދާޅުވި ގޮތުގައި އާއިލާގެ ކަންތައްތަކަށްވުރެ ގާސިމް އަބަދުވެ އިސް ކުރައްވަނީ ރައްޔިރތުންގެ ކަންކަމެވެ. ގާސިމްގެ އާއިލާގައި ހިމެނޭ ހުރިހާ ދަރިންނާ އެހެން އެންމެންގެ ވެސް އެއީ ޝަކުވާއަކަށް ވެފައި އޮވެ އެވެ.

"އާއިލާގެ ކަންތައްތައް ނުފުއްދައި ދެއެކޭއެއް ނޫން، އާއިލާގެ ކަންކަން ފުރިހަމަކޮށް ފުއްދަވައި ދެއްވާ، އެކަމަކު ރައްޔިތުންނަށް އޮންނަ ލޯބީގައި އާއިލާއަށް ދެއްވަންޖެހޭ ވަގުތާއި ދަރިންނަށް ދޭންޖެހޭ ވަގުތުން ބޮޑު ބައެއް ގާސިމް ވަނީ މުޅި ހަޔާތުގައި ވެސް ގުރުބާން ކުރައްވާފައި... އަޅުގަނޑު ދަންނަވާނީ މިފަދަ ކެންޑިޑޭޓެއް ދާއިރާގައި އަދި ކީއްކުރަން ކުރިމަތިލާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ގޮންޖަހާފައި މި ދަންނަވަނީ ލާހިކެއް ނޫނޭ ނެރޭކަށް. މިފަދަ ދެވަނަ ޖަވާހިރެއް ނުލިބޭނެ. ހެޔޮ ހިތުން ރުހުމާއެކު ތިޔަ ބޭފުޅުން ވޯޓް ލައްވައިގެން މި ނިއުމަތުން މަހުރޫމް ނުވެ އަވަހަށް ގާސިމް ހޮއްވަވައި ދެއްވާށޭ!" އެކަމަނާ ވިދާޅުވި އެވެ. " މި ރަށުގެ އާއިލާތަކުގެ ބޮޑު ބައި ނިސްބަތްވަނީ ގާސިމަށް އަދި އަޅުގަނޑުގެ ދަރީންނަށް. އަޅުގަނޑު އާދޭހާއެކު ދަންނަވާނީ ކުލަކުލައަށް ބެލުމެއް ނެތި ޖަހާހާ ބެރަކަށް ބެލުމެއް ނެތި އަދި ކުލަ ބަދަލު ކުރަން ޖެހޭނެ ކަމަށް ނުވިސްނައި ގާސިމަށް ވޯޓް ދެއްވާށޭ! ކަމެއް ބަދަލު ކުރަން ޖެހޭނީ އެއަށްވުރެ ފަރި ރީތި، އެއަށްވުރެ މޮޅު އެހެން ގޮތެއް އޮތް ނަމަ! ތިބި ގޮތަކީ އެންމެ މޮޅު ގޮތް ކަމަށް ވާނަމަ އެ މަގު އހުތިޔާރު ކުރާށޭ، ވަރަށް މަންޒަރު ސާފޭ މި ރަށަކަށް ގާސިމަށް ވުރެ ވަކީން މޮޅު އިތުރު ބޭފުޅަކު ވަޑައެއް ނުގަންނަވާނޭ،"

އެކަމަނާ ވިދާޅުވި ގޮތުގައި މާމިގިއްޔަކީ އެކަމަނާގެ ފަރާތްޕުޅުން ގާސިމަށް ލިބި ވަޑައިގެންފައިވާ ހަ ބެއިން ވެސް ނިއސްބަތްވާ ރަށެވެ. ގާސިމަށް ހާއްސަވާ އެވާހަކަ ދަންނަވަން ގާސިމްގެ ފަރާތުން ނުކުންނަން އެކަމަނާ އަށްވުރެ ވަކީން ހައްގުކަން ބޮޑު މީހަކުވެސް އަދި ހައިސިއްޔަތެއް އޮތް މީހަކު ވެސް ނެތެވެ.

"ކޮންމެ ހައިސިއްޔަތަކުން ބެލިއަސް ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތް ނަމަވެސް ދަންނަން އޮތީ ގާސިމާ އަޅުގަނޑާ ވަތްކެއް ނުވާނެއޭ. އެއީ ގުޅިފައިވާ އެހެން ބައިވަރު ގުޅުންތަކެއް ހުރީމާ... އަޅުގަނޑަށް ވަރަށް ފާޑުފާޑުގެ އަޑު އަޑު އިވޭ އެކަމަކު އަޅުގަނޑަކީ ޖަހާހާ ބެރަކަށް ނަށާ މީހެއް ނޫން ކަން ދަންނަވަން. އަޅުގަނޑަށް ވާހަކަ ދައްކަން އުނދަގޫ ވެދާނެ ޕޯޑިއަމަކަށް އެރީމާ ދެފައި ތުރުތުރު ވެސް އަޅާފާނެ، އެކަމަކު ބަސް ހުސް ނުވާނެ ވާހަކަ ވެސް ދަންނަވަން،" އައިޝާ ވިދާޅުވި އެވެ.

އެ ޖަލްސާގައި ގާސިމް ވެސް ވަނީ ފުރަތަމަ ފަހަރަށް އައިޝާއާ އެމަނިކުފާނާ ދެމެދު އޮތް ގުޅުން ސިފަކޮށް ދެއްވާފަ އެވެ. އެ ވާހަކަ ފައްޓަވަމުން އެ މަނިކުފާނު ވިދާޅުވީ "އަޅުގަނޑުގެ ލޮބުވެތި އަނބިކަނބަލުން އަޅުގަނޑާމެދެ މިރޭ ވިދާޅުވި ހެޔޮ ބަސްތަކަށް ޝުކުރު ދަންނަވާ" ކަމަށެވެ.

"ކަމަނާ ވިދާޅުވި ފަދައިން އަޅުގަނޑުމެން ދުވަހަކުވެސް ވަކިވުމެއް ނެތް! އަޅުގަނޑުމެން ވަކިވާނީ އެކަކު އަނެއްކަކުގެ ފުރާނައާއެކީގައި. އެއީ ކީއްވެގެންކަން ވެސް އެކަމަނާ އެ ވަނީ ވިދާޅުވެފައި. އަޅުގަނޑުމެން މެދުގައި އޮތީ ވަރަށް ވަރުގަދަ އިލާހީ ގުދުރަތީ ގުޅުމެއް... ލޮބުވެތި ދަރިންކޮޅެއްގެ ލޮބުވެތި މަންމަ ... އަދި އިއްޔެ އަޅުގަނޑު އެކަމަނާއަށް ބާތުޑޭ ވިޝް ނުކުރާތީއޭ ކިޔައިގެން ބައެއް ފަރާތަކުން ފާޑު ކިޔަމުންދޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެކަހަލަ ކަންކަން ކޮށް އުޅޭ ގޮތަކީ އާއިލާތެރޭގައި އޮންނަ ކަމެއްގެ ގޮތުގައި،"