ކޮންމެ މީހަކުވެސް ކަސްރަތު ކުރަނީ ފިޓްކޮށް ހުންނާށެވެ. ހިއްވަރަކާއެކު ކަސްރަތު ޕްރޮގްރާމެއްގައި ބައިވެރިވަނީ އަވަހަށް ކަނޑައަޅާފައިވާ ގޯލަށް ވާސިލުވާށެވެ. ކަސްރަތުކުރަން ދިއުމުގެ ކުރިން ކާނީ ކޯއްޗަކާމެދު ވިސްނާ އެއެއްޗެއް ތައްޔާރުކޮށް ކައިގެން ގޮސް ކަސްރަތު ކުރުމަށްފަހު އައިސް ބެލުމަކާ ނުލައި ކާލުމުން ކުރި ކަސްރަތުން އަންދާލި ކެލޯރީއަށް ވުރެ ހަށިގަނޑަށް އިތުރުވާ ކެލޮރީ ގިނަވާނަމަ މީހާގެ ބަރުދަން ލުއިއެއް ނުވާނެ އެވެ. އެހެންކަމުން ކަސްރަތުކޮށްގެން އައިސް ދެން ކާނީ ކޯއްޗެއްތޯވެސް ވިސްނާ އެ އެއްޗެއް ހޯދާ ތައްޔާރުކޮށްފައި ބެހެއްޓުމުން މީހާގެ ޑައެޓް ކޮންޓްރޯލް ކޮށްދިނުމަށް އެހީތެރިވާނެ އެވެ.
ކަސްރަތު ކުރުމުން ހަށިގަނޑުގެ މަސްތަކުގައިވާ ގްލައިކޮޖެން ބޭނުން ކުރެއެވެ. މީގެ ސަބަބުން ހަށިގަނޑުގެ މަސްތަކުގައި ގްލައިކޮޖެން މަދުވުމަށް ދިމާވެ އެވެ. އަދި ހަށިގަނޑުގެ މަސްތަކުގައިވާ ޕްރޮޓީންތަކަށް ވެސް ގެއްލުންވެ ހަލާކުވުމަށް މެދުވެރި ވެއެވެ. އެހެންކަމުން ކަސްރަތު ޕްރޮގްރާމް ނުވަތަ ވޯކްއައުޓް ނިމުމުން ހަށިގަނޑުން މަސއްކަތް ކުރަނީ އަލުން އަނބުރާ ގްލައިކޮޖެން އާއި މަސަލް ޕްރޮޓީން އުފެއްދުމަށެވެ.
ކަސްރަތަށް ފަހު ހަށިގަނޑަށް މި ބޭނުންވާ ނިއުޓިރެންޓްސް މާއްދާ ހިމެނޭ ކާނާ ކެއުމުން އަލުން ހަށިގަނދު ހުރިގޮތަށް ރުޖޫއަ ކުރުމަށް އެހީތެރިވެދެއެވެ. އެހެންކަމުން ކަސްރަތަށްފަހު ކާބޯހައިޑްރޭޓް ހުންނަ ކާނާއާއި ޕްރޮޓީން ހުންނަ ކާނާ ކޮންމެހެން ކާންވެ އެވެ. އަދި މިގޮތަށް ކެއުން ބަހައްޓާނަމަ، މަސަލް ޕްރޮޓީން ބޭނުން ކުރުން މަދުވެ، މަސަލް ޕްރޮޓީންގެ ގްރޯތް އިތުރުކޮށްދީ، ހަށިގަނޑުގައި ގްލައިކޮޖަން ރައްކާކުރާ މިންވަރު އިތުރުކޮށްދީ އަދި ރިކަވަރީ އަވަސް ކޮށްދޭނެ އެވެ.
ޕްރޮޓީން މަސަލް ބިލްޑް ކުރުމާއި ރިޕެއަކުރުމަށް
ޕްރޮޓީން ހުންނަ ކާނާ ކެއުމުން ހަށިގަނޑުގެ މަސަލްތައް ބިލްޑް ކުރުމުށާއި ރިޕެއާ ކުރުމަށް އެހީތެރި ވެދެއެވެ. ޕްރޮޓީން ގިނަ ކާނާގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ އެމައިނޯ އެސިޑް ފޯރުކޮށް ދެއެވެ. އަދި އާ މަސަލް އުފެއްދުމަށް އެހީތެރިވެދެ އެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކަސްރަތު ކުރުމަށްފަހު ހަށިގަނޑުގެ ކޮންމެ ކިލޯއަކަށް 0.3 އާއި 0.5 ގްރާމާއި ދެމެދު ޕްރޮޓީން ބޭނުން ކުރަން ވެއެވެ.
ކަސްރަތުކުރުމަށްފަހު ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން ހޯދުމުގެ ގޮތުން ކާންވީ ޕްރޮޓީން ޕައުޑަރު، ބިހާއި، ގްރީކް ޔޯގަޓް، ކޮޓޭޖް ޗީޒް، ސޭމަން، ކުކުޅު، ޕްރޮޓީން ބާ އަދި ކަނޑުމަހެވެ.
ކާބޯހައިޑްރޭޓް އިން ރިކަވަރީއަށް އެހީވޭ!
ކަސްރަތުކުރުމުން ހަށިގަނޑުން އަންދާލީ ގްލައިކޮޖަން ސްޓޯރތަށް އަލުން އަނބުރާ ހަށިގަނޑަށް ގެނެސްދެނީ ކާބޯހައިޑްރޭޓުންނެވެ. ދުވުން، ފެތުން ކަހަލަ އެނޑިއުރެންސް ސްޕޯޓެއްގައި ބައިވެރިވާނަމަ ހަށިގަނޑުގެ ރައްކާކޮށްފައިވާ ގްލައިކޮޖަން ބޭނުންކުރާވަރު އިތުރވެއެވެ. އހެންކަމުން މިފަދަ ކުޅިވަރެއްގައި ބައިވެރިވުމަށްފަހު ހަށިގަނޑަށް ބޭނުންވާ ކާބޯހައިޑްރޭޓް ބޯޑީ ބިލްޑަރެއް ނުވަތަ ރެސިސްޓަންސް ޓްރެއިނިންގ ކަސްރަތުކުރާ މީހާކަށްވުރެ އިތުރުއެވެ.
ހަށިގަނޑު ބަރުދަނުގެ ކޮންމެ ކިލޯއަކަށް 1.1-1.5 ގްރާމްގެ ގެ ކާބޯހައިޑްރޭޓް ކަސްރަތުކުރުމުގެ 30 މިނެޓު ފަހުން ބޭނުންކުރުމުން ގްލައިކޮޖަން ރީސިންތަސިސް އަށް އެހީތެރިވެދެއެވެ. އަދި ކާބޯހައިޑްރޭޓް ކެއުމުގައި ޕްރޮޓީންއާއި އެކު ބޭނުންކުރުމުން އިންސިއުލުން އުފެއްދުމާއި ގްލައިކޮޖަން ސިންތެސިސް ސިޓިމިއުލޭޓްކޮށްދޭނެއެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ހަށިގަނޑަށް ބޭނުންވަނީ ކަބޯހައިޑްރޭޓައި ޕްރޮޓީން 3:1 ރޭޓިއޯއެއްގައެވެ. މީގެ މާނައަކީ 40 ގްރާމް ޕްރޮޓީންއަކަށް 120 ގްރާމްގެ ކާބޯހައިޑްރޭޓްއެވެ.
ކަސްރަތަށްފަހު ހަށިގަނޑަށް ބޭނުންވާ ކާބޯހައިޑްރޭޓް ހޯދުމަށް ކެއުން އެންމެ ރަނގަޅީ ކައްޓަލަ، ކީންވާ، މޭވާތަކުގެ ތެރެއިން އަލަނާސި، ބެރީސް، ދޮންކެޔޮ، ކިވީ، ބަތް، އޯޓްމީލް، އަލުވި، ޕާސްތާ އަދި ފެހިކަން ގަދަ ފަތާއި ތަރުކާރީ ގެ އިތުރުން ޗޮކްލެޓް މިލްކެވެ.
ކަސްރަތަށް ފަހު ކާންވީ ކޮންއިރަކު؟
ކަސްރަތަށްފަހު ހަށިގަނޑުން ބޭނުންވާ ގްލައިކޮޖަން އަދި ޕްރޮޓީން ރީބިލްޑްކުރުން އިތުރުކޮށްދެއެވެ. އެހެންކަމުން ކަސްރަތަށްފަހު ވީހާވެސް އަވަހަކަށް މި ދެމާއްދާ ހިމެނޭ ކާނާ ކާންވީއެވެ. ތަޖުރިބާކާރުން ބުނާގޮތުގައި ކަސްރަތަށްފަހު ކާން އެންމެ ރަނގަޅީ ކަސްތަރުކޮށް ނިމޭތާ 45 މިނެޓު ތެރޭގައެވެ.