(20 މާރިޗު 2019 އާ ގުޅޭ)
މަންހާގެ ވާހަކަތަކުގައި ފޮރުވިފައި އެހެން ވާހަކައެއް އޮވެދާނެއޭވެސް ދާއިންގެ ހިތަކަށް ނާރައެވެ. ވިސްނޭނީ އެހެންނޫންނަމަތާއެވެ. މަންހާ ދާއިންއަށް ހިނިތުންވެލުން ނޫންކަމެއް ނުކުރިއެވެ. އަދި ދޮރުގެ ބިއްލޫރިގަނޑުން ހަލަބޮލިވެފައިވާ މަގަށް ބަލަހައްޓައިގެންއިނެވެ.
"ސަރ...........ވާހަކައެއް އަހާލަންތަ.........." ކާރުގެ ތެރެއަށް ހަމަހިމޭންކަން ވެރިވެފައި މާގިނައިރަކު ނޯތެވެ. މަންހާ ދާއިންއަށް ވަރަށް ފުންކޮށް ބަލާލަމުން އަހާލިއެވެ. ދާއިން ހިނިތުންވެލަމުން ބޯޖާލިވަގުތު އޭނަގެ ފޯނު ރިންގުވާންފެށިއެވެ.
"ހެލޯ، ޒައްލޭ.........މި ކައިރިކުރަނީއޭ...........ނުވާނެ ދެން ގިނައިރެއް.......ހަމަ އެންމެ ދެމިނެޓު..........." ދާއިން ފޯނަށް ޖަވާބުދިނެވެ. އަދި މަންހާ އޮޅުން ފިލުވަން އުޅުނީ ކޮންކަމެއްތޯ ސުވާލުކުރިއެވެ.
"ދެން އެހެން ފަހަރަކުން............." މަންހާ ހިނިތުންވެލަމުން ބުނެލިއެވެ. އޭރު ދަރުބާރުގެއާއި އަރާ ހަމަވަނީއެވެ.
"ސޮރީ، އިޓްސް މައި ބެސްޓު ފްރެންޑްސް ކޯލް............" ދާއިން އެހެންބުނެލީ އަމިއްލަ ނަފްސުކޮންމެވެސް ވަރަކަށް ކުއްވެރިކުރާފަދަ ގޮތަކަށެވެ.
"އިޓްސް އޯކޭ، ސީ ޔޫ އޮން ސަންޑޭ ސަރ، ގުޑްނައިޓް" މަންހާ މަޑުކޮއްލި ކާރުން ފައިބަމުން ބުނެލިއެވެ.
ދާއިން ބޯތިރިކޮއްލަމުން މަންހާއަށް ބަލާލިއެވެ. އަދި މަންހާ ދޮރުލައްޕާލުމާއިއެކު ކާރު ދުއްވާލިއެވެ. އެވަގުތު މީހަކު އައިސް މަންހާގެ ފަހަތުން އަތުގައި ހިފުމާއިއެކު ސިހިފައިބަލާލެވުނެވެ.
"އެންމެން މަންހާ ހޯދަނީ، ޕާރޓީ ނިމިއްޖެ..............ކޮންކާރެއްގަ ތިއައީ؟ ކޮބާ ވިޝާލް" ޖެނީ އަހާލިއެވެ.
"އަހަރެން ދިޔައީ ވިޝާލް އާއިއެކީ އެއްނޫން، ބޮސް އާއިއެއްކޮށް މިއައީ......." މަންހާ ބުނެލިގޮތުންވެސް ކޮންމެވެސް ކަމެއްވެއްޖެކަން ޖެނީއަށް އެނގުނެވެ.
"ދެން ކޮބާ ވިޝާލް، ގައިމު ޝަރަފް ބުނި ވިޝާލް ދިޔައީ މަންކޮ ފަހަތުންނޭ" ޖެނީއަށް ވެގެންއުޅޭގޮތެއް ނޭގޭތީ އަހާލެވުނެވެ.
"އަހަންނަށް ކިހިނެތް އިނގޭނީ ވިޝާލް ވީތަނެއް" މަންހާ ރުންކުރުގޮތަކަށް ބުނެލަމުން ކުރިއަށް ހިނގައިގަތަވެ. އޭރު ޝިމާދު އާއި ޖޫން ބޭރަށް ނުކުމެ ތިއްބެވެ. އެދެމަފިރިންގެ ވަށައިގެން އާއިލާ މެމްބަރުންތައް އުޅެއެވެ. ޖެނީ މަންހާ އާއިއެކު ހިނގައިގަންނަމުން ވިޝާލްއަށް ގުޅިއެވެ.
"ކޮންއިރަކު އައީ؟" ވިޝާލްއަށް މަންހާ އަތުވެއްޖެކަން އެނގުމާއިއެކު ފޯނުގެ އަނެއްފަރާތުން ވާހަކަދައްކަމުން ދިޔަ ޖެނީ ގާތު އަހާލެވުނެވެ.
"ހަމަ ދެންމެ، ވިޝާލްއެއް ނޫންތަ މަންކޮ ގޮވައިގެން ދިޔައީ، ކީއްވެ އޭނަ އެކަނި ފޮނުވާލީ؟......." ޖެނީ ޝަކުވާކުރީ ވިޝާލް އާއިއެވެ.
"ޓެކްސީގަތަ މަންހާ އައީ؟" ވިޝާލް ކުރީ އަނެއްކާވެސް އެހެން ސުވާލެކެވެ.
"ނޫން، އޭނަގެ ބޮސް އެދިޔައީ މިތަނަށް އޭނަ ލާދީފަ............މިއޮށްހުރިހާ އިރު ވިޝާލް ކީއްތަކުރީ، ދެންވެސް ތިހުރިތަނަކުން އަންނަން އުޅޭ.........." ޖެނީއަށް ހިތްހަމަ ނުޖެހެވުނީ ވިޝާލްދެކެވެ.
* * * * *
"މިހާރު މިތާ އިންނަތާ ކޮންއިރެއް........." ޖަލަޕީނޯގެ މައްޗަށް އަރައިގެން އައި ދާއިން ފެނުމާއިއެކު ޒައުލް ގޮނޑިން ކުޑަކޮށް ތެދުވެލަމުން ސަލާމަށް އަތްދިއްކޮއްލާފައި ބުނެލިއެވެ.
"އެންމެ ބާރަށް ކާރު ދުއްވަން ހުއްދަދީފައިވާ މިންގަނޑުގަ މިއައީ، ކިހިނެތްވީ ކުއްލިއަކަށް މިތަނަށް ތިއައީ؟ އޭ އަހަރެން މާދަން ފުރަން، ސަންޑޭގަ މިކޮޅަށް އަންނާނީ..............." ދާއިން ބުނެލިއެވެ. އަދި އަތުގެ އިޝާރާތުން ވެއިޓަރަކަށް ގޮވާލިއެވެ.
"ކާނިވާތެރެއޮތީ މީހުންނާއިގެން ފުރިފަ ދެން އެންމެ އަވަހަށް އެނބުރިލެވުނީ މިތަނުން ތަންކޮޅެއް ލިބޭތޯ، އެހެންވެ މިތަނަށް އަންނާށޭ ބުނީ.........އަނެއްކާވެސް ފުރަނީ ދޯ، ތިދެން އާދަތާ، ދާންގެ ހުރިހާ ވަގުތެއް މިހާރު ދެވިފަނީ ތިކޮމްޕެނީއަށްވިއްޔަ، ކޮބާ މިހާރު ލައިފްގެ ކަންތައްތައް ކިހިނެތްވަނީ......." ޒައުލް އަތުގައި އޮތް ސިނގިރޭޓުގެ އަޅިކަނޑާލަމުން ބުނެލިއެވެ.
"ވޯކް ކުރުން ނޫން ދެން އެހެންކަމެއް އަހަންނަކަށް ނެތެއްނު؟ ލައިފް.............ލައިފްގެ ކަންތައްތައް އެންމެ ރަނގަޅަށް އިނގޭނީ ތިއެކުވެރިޔާއަށް..........އަހަރެން މިހާރު ހަދާނެގޮތް ހުސްވެއްޖެ...........މަސައްކަތުގެ ދާއިރާ ދޫކޮއްލާފަ ޒާރާގެ ގާތުގައި ހުރެވޭނަމަ އަހަރެން މިހާރު ހުރީހީ ހުރިހާ ގޮތަކުން އޭނައަށް ހުސްވެގެން............އެކަމަކު ފައިސާވެސް ބޭނުންވޭ ވިއްޔަ........" ދާއިން މާޔޫސްކަމާއިއެކު ބުނެލިއެވެ.
"އެހެންވެއޭ މިބުނަނީ ދެވަނަ ކައިވެންޏެއް ކުރާށޭ.........ތިހެން ހުރެ ދާންގެ އުމުރު ނަގާލާކަށް އަހަރެން އެއްބަހެއްނުވާނަން، ޒާރާ ރަނގަޅުވާނެކަމުގެ އެއްވެސް އުއްމީދެއް އޮތީކީ ނޫން..........ކިތަށް ތަނަށް ދެވިއްޖެ، ކިތަށް ޑޮކްޓަރުންނަށް ދެކިއްޖެ.............އުއްމީދު އާލާވާފަދަ އެއްވެސް ސިގްނަލެއް ނުލިބުނެއްނު.........." ޒައުލް އޭނަގެ ހިޔާލު ފާޅުކުރިއެވެ.
"އެއްކަލަ ޒައްލޭ، އަހަރެން އަބަދުވެސް ބުނަމެއްނު، ތިނޫންވާހަކައެއް ދައްކާށޭ، ޒައްލެއަށްވެސް އެނގޭނެ އަހަރެން ޒާރާދެކެ ލޯބިވާވަރު، އަހަންނަށް އޭނައަށް ބޭވަފާތެރިއެއްނުވެވޭނެ...........އޭނައަށް ނިކަމެތިކަމެއް ލިބޭފަދަކަމެއް ކުރާކަށް ނުކެރޭނެ.........." ދާއިންގެ ވާހަކަ މެދުކަނޑާލީ ޒައުލްއެވެ. އެވަގުތު ވެއިޓަރު ދާއިންގެ ކުރިމަތީ އޭނަ ބޭނުންވިގޮތަށް ކަޅުކޮފީތައްޓެއް ގެނެސްބެހެއްޓިއެވެ.
"ދާން...........ދާން...........ދާން.......އަދިތިވިސްނަނީ ރަނގަޅަކަށް ނޫން، ދާން ދެވަނަ ކައިވެންޏެއް ކުރުމަކުން ޒާރާއަށް އެއްވެސް އިފެކްޓެއް ނުކުރާނެ، އޭނައަށް ދެރައެއްދިނުމެއްނޫނޭ އެއީ، ދާއިންއަށްވެސް އަންހެނެއްގެ އެހީ ބޭނުންވާނެއެއްނު..........މިހާރު ތިހެން އެކަނިވެރިކޮށް އުޅެވިއްޖެ ދޯ...........އަހަރެން މީ ޑޮކްޓަރަކަށްވެ ސައިކޮލޮޖިސްޓަކަށް ވީމައެއްނޫން ހަމައެކަނި މިހެން މިބުނަނީ، އޭގެ ކުރިންވެސް ދާންއަކީ އަހަރެންގެ އެންމެ ގާތު އެކުވެރިޔާ، ޒާރާ އާއި ތިދެމީހުންގެ ލައިފް ކައިރިން ދުށްއެކަކު، އެކަމަކު މިހާރު އެހުރިހާ ކަމެއް ބަދަލުވެއްޖެއެއްނު، ދާންގެ ލައިފާމެދު މިހާރު ވިސްނަންވެއްޖެ، އުމުރުން މައްޗަށް ތިހިރަގެންދަނީ، ދާންއަށް އަދި ފުރުޞަތުނެތީކީ ނޫން..........އަދިވެސް ވަގުތު އެބައޮތް..........." ޒައުލް ދޭތެރެއަކުން ސިނގިރޭޓު ބޯލަމުން ވާހަކަދެއްކިއެވެ.
"އަހަރެން ވިސްނާނަމޭ، ޒައްލެއަށް ވިސްނޭނީ ކޮންދުވަހަކުންތަ؟" ދާއިން ކޮފީ ތަށީގައި ތުންޖަހާ މަޑުމަޑުން ބޯލީ ކޮފީ ހޫނުވީމައެވެ.
"އަހަންނަށް ކޮންކަމެއްތަ ނުވިސްނިގެން މިއުޅެނީ.........މިހާރުވެސް ސަޅި މަންޖެއެއް ގުޅާތީ މިއުޅެނީ........" ދާއިން ވާހަކަ ބަދަލުކޮއްލަންކަން ބޭނުންވަނީ އެނގޭއިރުވެސް އެކަމަށް ވަކިއެއްޗެއް ނުބުނެ ޒައުލް ދާއިންބުނި އެއްޗަކާއި އެއްބައިވެލިއެވެ. އެވަގުތު ދާއިން މޭޒުގައި ބާއްވާލައިގެން އިން ޒައުލްގެ އަތުގެ ދެއިނގިލި ދޭތެރޭއިން ސިނގިރޭޓު ނަގާ އަޅިކެނޑިތެރެއަށް ޗިސްކޮއްލިއެވެ.
"ތީ ޑޮކްޓަރެކޯ، އެކަމަކު ސިނގިރޭޓުބޮއެ، އަބަދުވެސް އެއްޗަކަށްފަހު އެއްޗެއް ހުންނާނީ ރޯކޮއްލައިގެން، ޒައްލޭ ތިކަންތައް ހުއްޓާލާނީ ކޮންދުވަހަކުން، އަހަރެންވެސް ކިހާ ދުވަހެއްވެއްޖެ ޒައްލެ ގާތު ތިކަން ހުއްޓާލާށޭ ބުނާތާ........." ދާއިންވެސް ހަރުގޮތަކަށް ބުނެލިއެވެ.
"ދާން، މިބުޔަސް ނުބިޔަސް ވަގުތު ޖެހުނީމަ ދެން ހަދާނެގޮތެއް ނޯންނާނެ، ހަމަޖެހޭނީ އަތްފޮޅާލާފަ ދާން.............އެހެންނަމަވެސް ދާންއަށްޓަކައި އަހަރެން މިކަންކޮއްދޭނަން، އަހަރުމެން ދެމީހުންގެ އެކުވެރިކަމަށްޓަކައި، އަހަރެން ސިނގިރޭޓު ބުއިން ހުއްޓާލާނަން ދާއިންގެ ދެވެނަ ކައިވެނި ހަފްލާއަށް ދައުވަތުލިބޭ ދުވަހުން ފެށިގެން، އެގޮތް އެންމެ ރަނގަޅެއްނު، އޭރުން ދާންއަށްވެސް އަހަންނަށް ކަމެއްކޮއްދެވެނު ކަމަށްވާނެއެއްނު..........." ޒައުލް ހިނިއައިސްފައި އިނދެ ބުނެލިއެވެ.
"އަދިވެސް ކައިވެނީގެ ވާހަކަ، އަހަރެން މިބުނީނު އެކަމާ ވިސްނާނަމޭ، ދެން ތިނޫން ވާހަކައެއް ދައްކަބަލަ، އަހަރެން ކޮފީއަށް ޒައްލެއާއިއެކު މިއަންނަނީ ސިކުނޑީގެ ހާސްކަން ފިލުވާލާ ހިތުގައިވާ އެއްޗެއް ބޭރުކޮއްލަން، އެކަމަކު ޒައްލެކަމަކީ އަބަދު ކައިވެނި ކައިވެނި..........ޕްލީޒް އެކުވެރިޔާ މައުލޫބަދަލުކޮއްލާ..........." ދާއިން އާދޭސްކުރާފަދަ ގޮތަކަށް ދެއަތްތިލަ ޖައްސާލަމުން ބުނެލިއެވެ. އެއާއެކު ޒައުލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އަދި ކުރިމަތީ އިން ދާއިންގެ އަތުގައި ހިފާ ތިރިކުރިއެވެ.
"އޯކޭ........ޓޮޕިކް ޗޭންޖު..........ދާން، ހާދަ ރަނގަޅު ކުއްޖެކޭ ތިއުޅެނީ އޮފީހަށް ވައްދައިގެން......." ޒައުލް ހިނިއައިސްފައި ނިތްއަރުވާލަމުން ބުނެލިއެވެ. އަދި ވެއިޓަރަށް ގޮވާލަމުން ހުސްވެފައިހުރި ކޮފީތަށީގެ ބަދަލުގައި އަނެއްކާވެސް ކޮފީތައްޓެއް ގެނައުމަށް އެދުނެވެ.
"ޝީ އިޒް ޑިފަރެންޓް" ދާއިން ބުނެލިއެވެ.
"ޑިފަރެންޓުކަން އަހަންނަށް ފެނުނޭ......ދާން، އެކުއްޖާއަށް ކިޔަނީ ކޮންނަމެއްތަ، ހާދަ ސަޅިއޭ ދޯ، ހެދުންއެޅުމުގަވެސް އެހުންނަ ޗާލުކަމެއް........" ޒައުލްގެ އަނގައިން އަންހެން ކުދިންނަށް އެފަދަ ތައުރީފުގެ ބަސްތައް އަޑުއިވުމަކީ ދާއިންއަށް އާކަމެއްނޫނެވެ.
"މަންހާ ކިޔަނީ، އެކަމަކު ބުނަން ޒައްލެ.......... ޝީޒް ނޮޓް ޔޯ ޓައިޕް އިނގޭ..........." ދާއިން ހެމުން ބުނެލިއެވެ.
"ތިހެން ބުނި ނޫރާ އުޅުނުއިރުވެސް، އެކަމަކު މަށާ އިންނަންވެސް ހުރީ ތައްޔާރަށް، ދާއިންއަށް އަދި އަންހެނުންގެ ގޮތް ނޭގެނީއޭ..........ލޯބިން ފިރުމާލާފަ، އަގުބޮޑެތިހާ ހަދިޔާ ދީފަ.........ދެތިން ރިސޯޓަށް ގޮވައިގެން ޖައްސާލީމަ ހުންނާނީ ސެޓުވެފަ.........." ޒައުލް ހޭންފެށިއެވެ.
"ކިހިނެތްތައް ޒައްލެ ތިދެކެނީ، ނިކަން ސީރިއަސްކޮށް އަންހެން ކުއްޖަކާ ގުޅިބަލަ، އަހަރެންގެ ދިރިއުޅުން ރަނގަޅު ކުރަން އުޅޭއިރު ތިމާ މީހާ މިއުޅެނީ ދެކައިވެނި ކުރިއިރުވެސް ރަނގަޅު ކުއްޖަކާ ދިމާނުވެގެން........ޒައްލޭ، ނިކަން ހަރުދަނާވެ ތިސަކަރާތުގެ ބައި ދޫކޮއްލަބަލަ..........އަންހެން ކުދިންގެ ހިތްތަކާ ތިގޮތަށް ކުޅޭކަށް ނުވާނެ، އެމީހުންނަށްވެސް ކޮންމެވެސް ގަދަރެއް ކުރަންވާނެ އެއްނު.........." ދާއިން ޒައުލްއަށް އެއްޗެއް ވިސްނާދެވޭތޯ އުޅުނެވެ.
"ދާން، އަހަރެންނަށް ތިއޮފީހަށް ތަންކޮޅެއް ގިނަގިނައިން ދެވުނަސް އެއްޗެއް ހީނުކުރައްޗޭ" ޒައުލްއަށް ދާއިން ދެއްކި ވާހަކައިން އެއްވެސް އެއްޗެއް ވިސްނުނުހެނެއް ހިޔެއްނުވެއެވެ.
"އަދިވެސް............ޒައްލެގެ ތިކަންތައްތައް އަހަރެންގެ އޮފީހުން ބޭރުގަ ބާއްވާ.........އޮފީސް ތެރޭގަ ކީއްކުރަން، މިހެންބުންޏަސް އެނގޭ ޒައްލެ އަހަރެންގެ ބަހެއް ގަބޫލެއް ނުކުރާނެކަން..........އޭ ޒާރާގެ ހާލު ބަލާލަން ދެން އަންނާނީ ކޮންދުވަހަކުން...........މިހާރު ބައެއް ފަހަރަށް ވަރަށް ބޮޑާހާކާ، މަންމަ ގެނައިވެސް ޒާރާ އެކަނިވާނެތީ، އެކަމަކު އަބަދު މަންމަ އާއި ރުޅި ހަދާލައިގެން އުޅެނީ.........." ދާއިން ވާހަކައިގެ ތެރެއަށް ގެއްލިފައި އިނދެ ކަމެއް ހަނދާންވުމުން ބުނެލިއެވެ.
"ދެން ދާން މާލެ އައިސްފަ އަހަންނަށް ގުޅާލާ..........ކޮބާ ދަމާ ދެން...........މިހާރު މިތާ އިނދެ ދެކޮފީ ބޮވިއްޖެ........." ޒައުލް އެހެން ބުނުމާއެކު ދާއިން ބިލް ގެނައުމަށް އެހެންމޭޒެއްގެ ކައިރީ ހުރެފައި ދާން ހިނގައިގަތް ވެއިޓަރަކަށް އިޝާރާތްކޮއްލިއެވެ.
* * * * * * *
އެންމެން ގެއަށް ދިއުމަށްޓަކައި ކާރުތަކަށް އަރަމުންދިޔައެވެ. ޖެނީ މަންހާގެ އަތުން ހިނދުކޮޅަކަށްވެސް ދޫކޮށް ނުލައެވެ. ހީވަނީ ގެއްލިދާނެތީ އުޅޭހެންނެވެ. ޝަރަފްގެ ލޯ ޖެނީ ދޫކޮއްލާފައި އެހެން ދިމާލަށް ނުދެއެވެ. ޖޫންގެ ކޮއްކޮ އާއި ބޭބެ އެމީހުންގެ މަންމަ ގޮވައިގެން ޓެކްސީއަށް އެރުމާއިއެކު ޝަރަފް ދުއްވައިގަތީ މަންހާ އާއި ޖެނީ އަރަން އުޅޭ ކާރާ ދިމާލަށެވެ. އެހެންނަމަވެސް އޭނައަށް ޖެހުނީ ވަސީމާ އާއި ސަޢީދުގޮވައިގެން ޓެކްސީއެއްގައި ގެއަށްދާށެވެ. ވިޝާލް ދުއްވަން އިންކާރުގައި ތިބީ އަލަތު ދެމަފިރިންނެވެ. ދެންއޮތީ މޫސަ އެކައިވެންޏާއި ދިމާކޮށް ނެރުނު އާކާރެވެ. އެކާރުގައި ތިބީ އޭގެ ދެމަފިރިންނާއި މަންހާ އާއި ޖެނީއެވެ.
އެންމެންނަށް ގެއަށް ދެވުނުއިރު އެކެއްޖަހާ ބޮޑުވެއްޖެއެވެ. އެހެނީ ޝިމާދު އާއި ޖޫންގެ އެއްޗެހިން ބަރުކޮއްފައިވާ ދެފޮށްޓާއިއެކު އެމީހުން އެރެއިން އެރެއަށް ހިލްޓަން ރިސޯޓަށް ފުރައިގެންދިޔައީމައެވެ. އެއްދުވަސް އެކޮޅުގައި ހުރުމަށްފަހު ދެން އެދެމަފިރިން ދާން ހަމަޖެހިފައިވާ މަންޒިލެއްކަމުގައިވަނީ ޕެރިސްއެވެ.
ކައިވެނި ހަފްލާއަށްފަހު އެންމެވެސް ތިބީ ވަރުބަލިވެ ގެއަށްގޮސް އަރާމުކޮއްލަން ބޭނުންވެފައެވެ. އެހެންނަމަވެސް ވިޝާލްގެ ހިތުގައި ހީވަނީ ގަދަފަދަ އަލިފާންގަނޑެއް ރޯވެގެން އުޅޭހެންނެވެ. އޭނައަށް ކީއްވެކަމެއް ނޭގި ރުޅިވެސް އާދެވެނީއެވެ. މަންހާ ދެކިވެސް ނުލާ އޭނަގެ އާއިލާ އާއިއެކު ގެއަށް އައީ ހަމަ ގަސްދުގައެވެ. އޭނަވަނީ މަންހާ ދެކެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. ކޮޓަރިތެރެއަށް ލާފައިހުރި ކަޅުކުލައިގެ ވެސްޓު ބަލާ އެއްލާލީ ރުޅިވެރިކަމާއިއެކުއެވެ. އަދި ލައިގެން ހުރި ހުދު ގަމީސްވެސް ބާލާ ޓައިލްސްތައް މައްޗަށް ގުޅައަކަށް ޖެހިއެވެ. ކޮޓަރިތެރޭ ދެކޮޅަށް ވިޝާލް ހިނގާލަ ހިނގާލަ ހުރިއިރު އޭނަގެ މުޅިހަށިގަނޑުންވެސް ރުޅިވެރިކަމުގެ އާވިނުކުންނަމުންދިޔަހެން ހީވެއެވެ. އެހެނީ ފަންކާ ޖަހާފައިވާއިރުވެސް އޭނަގެ މުޅިހަށިގަނޑުންވެސް ދާތިކީގެ އަސަރު ފާޅުވަމުންދިޔަކަމެވެ. ހަށިގަނޑުގައި ވިދާ ބަބުޅަމުންދިޔަ މުތީތަކެއްހެން ދާތިކިތައް ފައިބަމުންދިޔަކަމެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ވިޝާލް ހަޅޭލަވައިގަންނަން ބޭނުންވިއެވެ. އެކަމަކު އެކަންވެސް ހިންދާލީ އެތެރެއަށެވެ. މީހާ ހަމައަކަށް އެޅުމަށް އޭނައަށް ވިސްނުނީ ހަމައެންމެ ގޮތެކެވެ.
ފާހާނާގެ ފެންމާގަނޑުދަށުގައި ހުރިއިރު ވިޝާލްގެ ދެލޯވަނީ މެރިފައެވެ. އޭނަގެ ސިކުނޑީގައި އެތަށް އެތަށް ހިޔާލުތަކެއް ބުރުޖަހަމުންދިޔައެއް ކަމަކު ފައިބައިގެންދާ ފެންތަށް ފަދައިން އޭނަ އައިސްފަ ހުރި ގަދަ ރުޅިވެސް ފެންތަކާއިއެކުވެގެން ފައިބެގެން ދިޔަފަދައެވެ. އޭނަ މިހާރު ހުރީ އަމިއްލަ ނަފްސާމެދު ދެރަވެފައެވެ. ދުލަކީ ބާރުގަދަ ގުނަވަނަކަށް ވިޔަސް އެދޫ ބަންދުކުރަން އޭނައަށްވަނީ މަޖުބޫރުވެފައެވެ.
"ކިތަންމެ ލޯބިވިޔަސް މަންހާ އަހަރެން އެހެން ބުނާ އަޑުއަހާކަށް ބޭނުމެއްނުވޭ........އަހަންނަށް މިހެންނެއް ނޫޅެވޭނެ، އަހަރެންވެސް މީ އިންސާނެއް ނޫންތަ؟ އަހަރެންގެ ހިތެއްނުވަނީތަ؟ ގައިމު އަހަރެންގެ ހުރިހާ ހިއްޞެއް ފުރިހަމައަށް މަސައްކަތް ކުރޭ، އަހަންނަށް އިޙްސާސްވޭ، ތަދުވޭ..........ރޮވޭ......ކަރުނައާދޭ.........މަންހާއަށް މިހާ ބޭނުންވާއިރު ކީއްވެތަ އޭނަ އަހަރެން ބޭނުންނުވާންވީ........ގައިމު މަންހާއަށް ކޮންމެކަމެއް ޖެހުނަސް ކޮއްދެނީ އަހަރެން......އެންމެ ފުރަތަމަ އަންނަނީވެސް އަހަރެން ކައިރިއަށް........މަންހާ އަހަރެންދެކެ ލޯބި ނުވާން އެމަސައްކަތް ކުރަނީ ކީއްވެތަ........އަހަރެންގެ ކޮންއުނިކަމެއްތަ ހުރީ..........މިރޭވެސް...........މިރޭވެސް............މަންހާ ކީއްވެތަ ރުޅި އައީ، އެއީ އަހަރެން ކުރި ސަމާސާއެއްކަން އެގެއެއްނު.............ދެން ކީއްވެ...........މިހިތަށް ތަދުވިވަރު އެނގޭތަ.............ވީގޮތެއްނޭގިގެން މިހިތް ހާސްވެ ތެޅިފޮޅުނުވަރު އިނގޭތަ..........." ވިޝާލް ހުރިދިމާ ތިރިއަށް އައިސް އިށީނީ އެހަށިގަނޑުން ބާރުދޫވެގެން ތިރިވިފަދަ ގޮތަކަށެވެ. އަދި އުފުލާލެވިފައިވާ ދެކަކުލުގައި އަތްއަޅުވާލަމުން އިސްޖަހާލައިގެން އޭނާ އިނެވެ.
ރޭގަނޑުގެ ނިދިން މަންހާ މަހުރޫމު ކުރުވީ ދާއިންގެ ހަނދާންތަކެވެ. ވަރުބަލި ކަމަށްވުރެ ކާރުގައި ދާއިން އާއިއެކު ހޭދަކޮއްލަން ލިބުނު ވަގުތުކޮޅުގެ ހިތްގައިމުކަމުން ހިތަށް ބުނެދޭންނޭގޭހާ އުފާހާޞިލްވިއެވެ. ދާއިންގެ ލުއިލުއި ހުނުމާއި އިރުއިރުކޮޅާ މަންހާއަށް އެބަލާލާ ބަލާލުމުގައި އެވަނީ ކޮންފަދަ ޖާދޫއެއްހެއްޔެވެ. މުޅިމީހާ މަޑުކަފަކޮޅަކަށްވެދާހާވެއެވެ. އެއީވެސް މަންހާގެ ފޮހެލަން އުނދަގޫ ހަނދާންތަކުގެ ތެރެއިންވާނޭ ހަނދާނޭކަން ގައިމެވެ.
* * * * *
ހޮނިހިރު ދުވަހު ހެނދުނު ހެނދުނާ މަންހާގެ ފޯނަށް ވިޝާލް އިންތިޒާރު ކުރަމުންދިޔައެއްކަމަކު އެފޯންކޯލެއް ނައެވެ. އަނެއްކާ މަންހާ އޮފީހަށް ނުދަނީބާއޭ ވިޝާލްގެ ހިތަށްއެރިއެވެ. އޭނަ ފޯނުގައިވާ މަންހާގެ ނަންބަރަށް ބަލަހައްޓައިގެން އޮތެވެ. ގުޅަން ވަރަށް ހިތްއެދެއެވެ. އެކަމަކު ރޭގަ ދިމާވި ކަންތަކާއިހެދި މަންހާ އަދިވެސް އެހުރީ ރުޅިއައިސް ހިތްހަމަނުޖެހިފައިކަން އެނގުމުން ވިޝާލްއަށް ގުޅާކަށް ނުކެރުނެވެ. އެހެންނޫންނަމަ މަންހާ އޭނައަށް ގުޅީހެވެ. އަނެއްކާ މަންހާ ބަލިވީބާއެވެ. ވިޝާލްއަށް އެނދުގައި ހިމޭނަކުން ނޯވެވުނެވެ. މަންހާގެ އެކިއެކި ހިޔާލުތައް އޭނަގެ ސިކުނޑި ހާސްކުރުވަނީއެވެ. އުނދަގޫކުރަނީއެވެ. ކޮންމެގޮތަކުންވިޔަސް މަންހާގެ ހާލު އެނގެން އޭނަ ބޭނުމެވެ.
"ތުއްތާ.......ތުއްތާ.......ހޭލާތަ، މީ ވިޝާލްއޭ......" ވިޝާލް ޖެނީގެ ކޮޓަރީގައި މަޑުމަޑުން ޓަކި ޖަހާލާފައި ބުނެލިއެވެ. އޭނަ ބެލީ ނާޒިޔާ އާއި މޫސަގެ ދެމަފިރިންނަށް ނޭގި ޖެނީ އާއި ވާހަކަ ދައްކާލުމަށެވެ. ފަހަރެއްގައި ޖެނީއަށް މަންހާގެ ހަބަރެއް ލިބިފައި އޮވެދާނެކަމަށެވެ.
"ދެންވެސް ތިތާ ނުހުރެ އެތެރެއަށް ވަދެބަލަ........." ކުއްލިއަކަށް ދޮރުހުޅުވާލި ޖެނީ ބުނެލިއެވެ. އެއާއެކު ވިޝާލް އެކޮޓަރިތެރެއަށް ދެމިގަތެވެ.
"ތުއްތާ.........މަންހާގެ އެއްވެސް ހަބަރެއްވިތަ.........ހެނދުނު ގުޅިތަ؟" ވިޝާލް ވަގުތު ބޭކާރު ނުކޮށް އޭނަ އޮޅުން ފިލުވަން ބޭނުންވެފައި ހުރިކަންތަކާއި ގުޅިގެން ސުވާލުކުރިއެވެ.
"ކިހިނެތްތައް ވެގެންމިއުޅެނީ، މަންކޮވެސް ވިޝާލްވެސް ވެގެން އުޅޭގޮތެއް ކިޔާދެނީކީ ނޫން، އެކަމަކު ކޮންމެމީހަކުވެސް އަނެކަކުގެ ހާލު އޮޅުންފިލުވަން ވަނީ ބޭނުންވެފަ..............ދެކުދިންގެ މެދުގަ މައްސަލައެއްޖެހުނީތަ" ޖެނީ ކަންބޮޑުވެފަވާ ރާގެއްގައި ބުނެލިއެވެ. އޭނަގެ މޫނުމަތީ ނިދީގެ އެއްވެސް އަސަރެއްނެތެވެ.
"މަންހާ ހެނދުނު ތުއްތައަށް ގުޅީތަ، ކީކޭތަ ކީ؟ އަހަރެން ކޮބާތޯ އެހިތަ؟" ވިޝާލް އެއްފަހަރާ ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ.
"މަންހާގެ ފޯނުގަ ހުއްޓަ ވިޝާލް ތިއައީ، ވިޝާލްއޭ ބުނީމަ އަވަސް އަވަހަށް ފޯނުބާއްވައިފި، އެކަމަކު ގުޅީ ވިޝާލް ހޭލާތޯ އުޅެނީ ބަލަންވެގެން، މިވަނީ ކިހިނެތްކަން ދެން ކިޔާދެންވެއްޖެއެއްނު، ވިޝާލް ކީތައް ކޮއްގެން ތިއުޅެނީ؟" ޖެނީ ސީދާ ސީދާ ސުވާލުކުރިއެވެ.
(ނުނިމޭ)