ދުނިޔެ

ލަންކާގެ އިގުތިސޯދު ބަދަލުކޮށްލާ ބިޔަ ޕްރޮޖެކްޓް އިފްތިތާހުކޮށްފި

Mar 25, 2019
2

ކޮލޮމްބޯ (މާޗް 25) - ގާތްގަނޑަކަށް ހަތަރު ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކާއެކު، ސްރީލަންކާގެ ދެކުނުން އޮންނަ ހަމްބަންޓޮޓާ ޕޯޓް ސިޓީގައި ތެޔޮ ރިފައިންކުރާ މަޝްރޫއުއެއް އިފްތިތާހުކޮށްފި އެވެ.

ޗައިނާގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށްދީފައިވާ ހަމްބަންޓޯޓާގެ ޕޯޓާއި އިންވެގެން އޮންނަ އިންވެސްޓްމަންޓް ޒޯނުގައި ތަރައްގީކުރާ ރިފައިނަރީގެ ބިންގާ އަޅުއްވައިދެއްވީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްހަ އެވެ.

އެ އިންވެސްޓްމަންޓުގައި ބައިވެރިވަނީ އިންޑިއާގެ މަސްލަހަތު އޮންނަ ސިންގަޕޫރު ކުންފުންޏަކާއި އޮމާނުގެ ސަރުކާރުންކަމަށް ލަންކާގެ ބޯޑް އޮފް އިންވެސްޓްމަންޓް (ބީއޯއައި) އިން މީގެ ކުރިން ވަނީ އިއުލާނުކޮށްފި އެވެ. މިދިޔަ ހޮނިހިރު ދުވަހު ލަންކާއަށް ވަޑައިގެންނެވި އޮމާނުގެ އޮއިލް މިނިސްޓަރު މުހައްމަދު ބިން ހަމަދު އަލް ރުމްހީ ވަނީ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބަވެރިވެވަޑައިގެންފަ އެވެ.

އެ މަޝްރޫއުގެ 70 ޕަސަންޓް އިންވެސްޓުކުރަނީ ސިންގަޕޫރުގައި ރަޖިސްޓާކޮށްފައިވާ ސިލްވާ ޕާކް އިންޓަނޭޝަނަލް ނަކަމަށް ކިޔާ ކުންފުންޏެއްކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ. އަދި އެ ކުންފުނީގައި އިންޑިއާގެ ބޮޑު ވިޔަފާރިވެރިއެއްގެ މަސްލަހަތު އޮންނަ ކަމަށް ވެސް އެ ރިޕޯޓުތަކުގައި ބުނެފައިވެ އެވެ.

ތެޔޮ ރިފައިނެރީގެ އިތުރުން، ސިމެންތި އުފައްދާ ފެކްޓަރީއެއްވެސް އެ މަޝުރޫއުގައި ހިމެނޭކަމަށް ރަނިލް ވަނީ ވިދާޅުވެފަ އެވެ. އަދި އެ ދެ މަޝްރޫއާއެކު، ލަންކާގެ މުޅި އިގުތިސޯދު ބަދަލުކޮށްލާނެކަމަށް ވެސް އެ ރަސްމިޔާތުގައި ރަނިލް ވިދާޅުވެފައިވެ އެވެ. ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެ ރިފައިނަރީ އޮޕަރޭޝަނަށް ގެނެވޭނެކަމަށް އުއްމީދު ކުރެވޭއިރު، އެ ފެކްޓަރީއިން 200،000 ފީފާ ތެޔޮ އުފައްދާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ސިމެންތި ފެކްޓަރީގެ މަސައްކަތް ނިންމައި، އަހަރަކު 3.6 ޓަނުގެ ސިމެންތި އުފެއްދޭނެކަމަށް ވެސް ސަރުކާރުން ލަފާކުރެ އެވެ.

އެ ސަރަހައްދުގައި މިހާރު ފަޅަށްއޮތް މާތަލަ އެއާޕޯޓް ވެސް، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އިންޑިއާއާ ގުޅިގެން އޮޕަރޭޝަނަށް ގެންނަވާނެކަމަށް ރަނިލް ވަނީ އިތުރަށް ވިދާޅުވެފަ އެވެ.