ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށާއި މޮނިޓާ ކުރުމަށާއި ކެންޑިޑޭޓުންގެ މަންދޫބުން ގޮތުގައި ޖަލުތަކައާއި ރިސޯޓްތަކާއި ސިނާއި ސަރަހައްދު ތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެތަންތަނުގައި އޮބްޒާވްކޮށް އަދި މޮނީޓާ ކުރުމަށް ނަގަން ޖެހޭ ހުއްދަށް ނެގުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.
އީސީއިން ބުނީ، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި، ޖަލުތަކުގައާއި، ރިސޯޓްތަކާއި، ސިނާއި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެތަންތަނުގައި އޮބްޒާވްކޮށް އަދި މޮނީޓާ ކުރުމަށް ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ. އެހެންކަމުން ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުން އަދި މޮނީޓަރުން ގޮތުގައި އިލެކްޝަން ކޮމިޝަނަށް އެޕްލިކޭޝަން ހުށަހަޅައިފައިވާ ފަރާތްތަކުގެ ތެރެއިން ޖަލުތަކުގައާއި، ރިސޯޓް އަދި ސިނާއި ސަރަހައްދު ތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން މައުލޫމާތު ހިމެނޭ ސިޓީއެއް މިމަހު 31 ގެ ކުރިން އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ޖެހޭ ކަމަށެވެ.
އަދި މައުލޫމާތު ހިމެނޭ ސިޓީ ނުފޮނުވައިފިނަމަ މަޖިލިސް އިންތިހާބް އޮބްޒާވް ކުރުމަށާއި މޮނިޓާ ކުރުމަށް އަދި ކެންޑިޑޭޓެއްގެ މަންދޫބެއްގެ ހައިސިއްޔަތުން ހަރަކާތްތެރިނުވެވޭނެ ކަމަށެވެ. އިލެކްޝަން ކޮމިޝަންއިން އެންމެ ފުރަތަމަ މަޖިލިސް އިންތިހާބުގެ ވޯޓު ނެގުމަށާއި ގުނުމުގެ ކަންތަކަށް އޮބްޒާވަރުންނާއި މޮނީޓަރުން ހޯދުމަށް އިއުލާން ކޮށްފައިވަނީ، މިދިޔަ ފެބްރުއަރީ މަހު ފަސް ވަނަ ދުވަހު އެވެ.
އިލެކްޝަން ކޮމިޝަން އިން އެންމެ ފުރަތަމަ ކުރި އެ އިއުލާނުގައި އޮބްޒާވަރުންނާ މޮނީޓަރުން ހޯދުމަށް އިއުލާންކޮށްފައިވަނީ، ސިޔާސީ ޕާޓީތަކާއި، ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާ ޖަމާއަތްތަކާއި އަދި އަމިއްލަ ގޮތުން އޮބްޒާވްކުރުމަށް އެދޭ ފަރާތްތަކުގެ އިތުރުން އިންތިހާބު އޮބްޒާވް ކުރަން ބޭނުންވާ ބައިނަލްއަގުވާމީ ފަރާތްތަކާއި މޮނިޓާ ކުރަން ބޭނުންވާ މީޑިއާތަކަށެވެ.
މިފަހަރު މަޖިލިސް އިންތިހާބުގައި 87 އަށް ދާއިރާއަކަށް 395 ކެންޑިޑޭޓުން ވާދަ ކުރާނެ އެވެ. މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު މިފަހަރު 264،589 މީހަކަށް ލިބޭއިރު މިފަހަރު މަޖިލިސް އިންތިހާބު ބޭއްވުމަށް ދެ ބިލއަން ރުފިޔާ ހަރަދުވާނެ އެވެ.