އެފްއޭއެމް

އެފްއޭއެމްއަށް 94.9 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްއަށް މި އަހަރު 94.9 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކޮށްފި އެވެ.

މިއަދު ބޭއްވި، އެފްއޭއެމްގެ އަހަރީ ކޮންގްރެސްގައި ހުށަހެޅި ބަޖެޓްގެ ޖުމުލަ އަދަދަކީ، 94،970،790.84 (ނުވަދިހަ ހަތަރު މިލިއަން ނުވަލައްކަ ހަތްދިހަ ހާސް ހަތްސަތޭކަ ނުވަދިހަ ރުފިޔާ. އައްޑިހަ ހަތަރު ލާރި) އެވެ. އާންމުދަނީގެ ގޮތުގައި އެފްއޭއެމްއަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ، 90،433،686.78 (ނުވަދިހަ މިލިއަން ހަތަރު ލައްކަ ތިރިސްތިން ހާސް ހަސަތޭކައައްޑިހަ ރުފިޔާ. ހަތްދިހައަށް ލާރި) އެވެ. އެހެން ކަމުން 4،537،104.06 (ހަތަރު މިލިއަން ފަސްލައްކަ ތިރީސްހަތް ހާސް ސަތޭކަ ހަތަރު ރުފިޔާ. ހަ ލާރީ) އަކީ ޑެފިސިޓެވެ.

ބަޖެޓްގައި، އެންމެ ބޮޑު އާންމުދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ، ސްޕޮންސާޝިޕްގެ ގޮތުގައ އެވެ. ސްޕޮންސަރުންގެ އަތުން، 43.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. ދެ ވަނަ އަށް އެންމެ ބޮޑު އާންމުދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިންނެވެ. ފީފާއިން 31.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ. އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން 10.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. ސަރުކާރުން 1.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައި ލަފާ ކޮށްފައި ވެއެވެ.

ހަރަދުގެ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައި ވަނީ ޑިވްލަޕްމެންޓަށެވެ. ޑިވްލަޕްމެންޓްގެ ހަރަދުގެ ގޮތުގައި 30.8 މިލިއަން ރުފިޔާ ހޭދަ ކުރުމަށް އަންދާޒާ ކޮށްފައި ވެއެވެ. ދެ ވަނަ އަށް އެންމެ ބޮޑު ހަރަދެއް ކުރުމަށް ހަމަޖެހިފައި ވަނީ ޕްރޮޖެކްޓް ތަކަށެވެ. ޕްރޮޖެކްޓްގެ ގޮތުގައި، 14.9 މިލިއަން ރުފިޔާ ހޭދަ ކުރުމަށް ބަޖެޓްގައި ވަނީ ޖަހާފަ އެވެ. އެއަށް ފަހު އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައި ވަނީ ހިންގުމުގެ ހަރަދަށެވެ. ހިންގުމުގެ ހަރަދަށް 13.2 މިލިއަން ރުފިޔާގެ ހަރަދު ހިނގާނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ.


ކޮންގްރެސްގައި ހުށަހެޅި ބަޖެޓަށް ވިކްޓަރީ ސްޕޯޓްސް ކުލަބު ފިޔަވައި، ކޮންގްރެސްގައި ބައިވެރިވި އަނެއް 13 ކުލަބުން ވަނީ ވޯޓް ދީފަ އެވެ. ވިކްޓަރީން ވަނީ، ބަޖެޓާ ގުޅިގެން ގިނަ ކަންކަމެއް ފާހަގަ ކޮށްފަ އެވެ.

ވިކްޓަރީގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު ފާހަގަ ކުރެއްވި އެންމެ ބޮޑު މައްސަލައަކީ ސްޕޮންސާޝިޕްގެ ގޮތުގައި ބޮޑު އަދަދެއް ލިބޭއިރު އެ ސްޕޮންސަރުންނަކީ ކޮބައިކަން ބަޖެޓްގައި ފާހަގަ ކޮށްފައި ނެތުމެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އެފްއޭއެމް އިން އެއްބަސްވުންތައް ހަދާފައިވާ ބޭރު ގައުމުތަކުގެ އެސޯސިއޭޝަންތަކަކީވެސް ސްޕޮންސަރުންގެ ތެރޭގައި ހިމެނިގެން ދާނެ ކަމަށެވެ.