ދުނިޔެ

މިސްކިތް ހަމަލާގެ ފުޅާ ތަހުގީގެއް ކުރަން އަންގައިފި

Mar 25, 2019

ކްރައިސްޓްޗާޗު (މާޗް 25) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ހަމަލާދީ 50 މީހުން މަރާލި ހާދިސާގެ އެންމެ މަތީ ލެވެލްގެ ތަހުގީގެއް ކުރުމަށް އެގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން އަންގަވައިފި އެވެ.

އެ ތަހުގީގު ކުރުމަށް ޝާހީ ކޮމިޝަނެއް އެކުލަވާލައިފާއިރު، މިސްކިތް ހަމަލާގައި ފުލުހުންގެ އިތުރުން ޖާސޫސީ އިދާރާތަކުގެ އެއްވެސް އިހުމާލެއްވޭތޯ ބަލާނެކަމަށް އާޑާން ވިދާޅުވި އެވެ. އަދި އެ ތަހުގީގުގެ ވަރަށް ތަފްސީލީ ރިޕޯޓެއް ވެސް ހުށަހަޅާނެކަމަށް އެކަމަނާ އިތުރަށް ވިދާޅުވެފައިވެ އެވެ.

"މި ޓެރަރިސްޓް ހަމަލާ ހިނގާ ދިޔަ ގޮތާއި، އެކަން ހުއްޓުވުމަށް އެއްވެސް ކަމެއް ނުކުރެވި އޮތްތޯ ބަލަން އެއްވެސް ގަލެއް ނުފުރޮޅާ ބޭއްވޭކަށެއް ނެތް،" ބޮޑުވަޒީރު ނޫސްވެރިންނަށް ވިދާޅުވި އެވެ.

"ޖަވާބު ބޭނުންވާ އެންމެ މުހިންމު އެއް ސުވާލަކީ، އެކަމާއި ގުޅޭ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް ހޯދުނީސްތޯ ނޫނީ ނުހޯދުނީ ކިއްވެގެންތޯ."

ދެ މިސްކިތަށް ދިން ހަމަލާގައި މިހާތަނަށް 50 މީހުން މަރުވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި ނިއު ޒީލެންޑުގައި ހިންގި އެންމެ ނުރައްކާތެރި ހަމަލާ އެވެ.

އެ ހަމަލާއާ ގުޅިގެން، އޮސްޓްރޭލިއާއަށް ނިސްބަތްވާ 28 އަހަރުގެ ބްރެންޓަން ޓަރަންޓް ވަނީ ހައްޔަރުކޮށްފަ އެވެ. ބްރެންޓަންއަށް ވަނީ ގަސްދުގައި މީހަކު މަރާލުމުގެ އެއް ދައުވާކޮށްފަ އެވެ.

ފުރަތަމަ ދުވަހު ކޯޓަށް ހާޒިރުކުރިއިރު، ބްރެންޓަންގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ.

ޕޯސްޓްމޯޓަމަށްފަހު މަރުވި މީހުންގެ ހަށިގަނޑުތައް މިދިޔަ ބުދަ ދުވަހުން ފެށިގެން އާއިލާއާ ހަވާލުކުރެވިފައިވާއިރު، މިދިޔަ ހުކުރު ނަމާދަށްފަހު އެ ހުރިހާ މީހުންގެ ޖަނާޒާތައް ވަނީ ބާއްވައިފަ އެވެ.