ހަބަރު

ގާސިމްފަދަ ވަފާތެރި ތެދުވެރިން މަޖިލީހަށް ހޮވަންޖެހޭ: ފައިސަލް

ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ފަދަ ވާފަތެރި ތެދުވެރި ބޭފުޅުން އަންނަ މަޖިލީހަށް ހޮވަންޖެހޭ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ގާސިމްގެ މަޖިލިސް ކެމްޕޭން ލޯންޗް ކުރަން މާމިގިލީގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، މަޖިލީހެއް އެކުލަވާލަން ޖެހޭނީ މުޅި ގައުމަަށް ހިދުމަތް ކުރުމަށް ކަމަށެވެ. އަދި ތެދުވެރި ވަފާތެރި ހިތްހެޔޮކަމާއި ނަޒާހާތްތެރި ރަނގަޅު ބަޔަކު މަޖިލީހަށް އަންނަން ޖެހޭ ކަމަށެވެ.

ގައުމެއްގެ ރައްޔިތުންގެ މަޖިލީހަކީ އެގައުމެއްގެ އެންމެ ކަރާމާތްތެރި އަދި ޝަރަފުވެރިތަން ކަމަށާއި އެގޮތުގައި އެމަޖިލިސް އޮންނަންޖެހޭ ކަމަށެވެ. މިއަދުގެ ސަރުކާރުން މަޖިލީހަށް ހުރަސް އެޅުމަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. މަޖިލީހަށް ހޮވޭ ގާބިލް މެންބަރުންނާއެކު ގާނޫނީ ބާރާއި ރައްކާތެރިކަންލިބި، ރައްޔިތުންނަށް އުފާވެެރިކަން ލިބިދޭ ތަނަކަށް އެމަޖިލިސް ވެގެންދާނެ ކަމަށްވެސް ނައިބް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ތެދުވެރި ވަފާތެރި އަމާނާތްތެރި ގާސިމް އިބްރާހިމް ފަދަ ބޭފުޅުން ދިވެހި ރާއްޖޭގެ މަޖިލީހަށް ހޮވެން އެބަ ޖެހޭ، ނަޒާހާތްތެރި މީހުން ހޮވެން އެބަ ޖެހޭ،" ނައިބް ރައީސް ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަކީ އަބަދުވެސް ބަދަލުތަކަށާއި ހައްގުތަކާއި ހަރުދަނާ ޑިމޮކްރަސީއެއްވެސް ބޭނުންވާ ބައެއް ކަމަށެވެ. ގާސިމް އިބްރާހިމް މި ފަސްގަނޑުގައި ފާހަގަ ވެގެން ދިޔައީ އެހައްގުތަކާއި އެއުންމީދުތައް ރައްޔިތުންނަށް ހޯދައި ދިނުމަށްޓަކައި ގިނަ ގުނަ ގުރުބާނީތަކެއް ވެވަޑައިގެން ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި އެންމެ ގިނައިން ޖަލުގެ އަނިޔާ ތަހަންމަލް ކޮށްފައިވަނީ ގާސިމް، ހެޔޮ ބަދަލު ގެނައުމަށްޓަކައި، ރައްޔިތުންގެ އުންމީދުތައް ހޯދައިދިނުމަށްޓަކައި ގުރުބާން ނުކުރައްވާ އެއްވެސް ކަމެއްނެތް، މަނިކުފާނު [ގާސިމް]ގެ މުދާތަކާއި މަނިކުފާނުގެ އާއިލާއަށް އެތައް ނިކަމެތިކަމެއް ދިމާވެ، އެކަންކަމުގެ އުނދަގޫތައް ތަހަންމަލް ކުރަން ޖެހިވަޑައިގެންނެވި ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް އެބޭނުންވާ އުންމީދުތައް ހާސިލްކޮށްދިނުމަށްޓަކައި އެހައްގުތައް ހޯދައިދިނުމަށްޓަކައި އެއްވެސް ވަރަކަށް ފަސްޖެހިވަޑައި ނުގަންނަވާ،" ފައިސަލް ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ، މިގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް އޮތް ހަމައެކަނި ގޮތަކީ ރާއްޖޭގެ ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުން ތަހަންމަލް ކުރި ކަަންތައްތަކަކީ މީގެ ކުރިން ދުވަހަކުވެސް ތަހަންމަލް ކުރި ކަންތައްތަކެއް ނޫން ކަމަށެވެ.

"މިއަދު ބޭނުންވަނީ މަނިކުފާނާ [ގާސިމް]ވެސް އެކު، މަނިކުފާނުގެ މަސައްކަތުގެ ތެރެއިން ސިޔާސީ ލީޑަރުންނާއި ހުރިހާ ރައްޔިތުން ގުޅިގެން ކުރިއެރުން ހޯދަން، އާއިލާތަކަށް ހިތްހަމަ ޖެހުން ހޯދަން، މިއަދުގެ ޅަދަރީންނަށް މާދަމާގެ މުސްތަގުބަލް އުޖާލާ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން،"

ނައިބް ރައީސް ވިދާޅުވީ، ރައްުޔިތުންނަށް ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފައި، ވަރަށް ރަނގަޅު ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެބަދަލާއެކު މަޖިލީހުގެ އިންތިހާބަށް ރަނގަޅު ބޭފުޅުން ހޮވަންޖެހޭ ކަމަށާއި މިކަމަކީ ދީނީ އަދި ގައުމީ ކަމެއްގެ ގޮތުގައި ދެކެންޖެހޭ ކަމަށްވެސް ނައިބް ރައީސް ވިދާޅުވި އެވެ.