ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވައިފި އެވެ.
މިއަދު ނައިބު ރައީސް ފައިސަލް ވަނީ ލ. ގަމަށް ވަޑައިގެންފަ އެވެ. ގަމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ އެމްޑީޕީގެ މެންބަރުންނެވެ.
ނައިބު ރައީސް މިއަދު ހަވީރު ވަނީ ގަމުގައި ބޭއްވި ވެހިކަލް ބުރެއްގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އެ ވެހިކަލް ބުރަކީ ގަމު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރާ، ނޫސްވެރިޔާ މުހައްމަދު ވިސާމަށް ތާއިދު ހޯދުމަށް ބޭއްވި ވެހިކަލް ބުރެކެވެ.
ނައިބު ރައީސް ފައިސަލްގެ ތާއިދު، ވިސާމަށް އޮތްކަން ހާމަ ކުރައްވާފައިވާއިރު އެ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއް ކަމަށްވާ އާދަމް އާސިފް ވެސް ވާދަ ކުރައްވަ އެވެ. އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލެވެ.
ވިސާމްގެ ކެމްޕެއިންގެ ހަރަކާތުގެ އިތުރުން ފޮނަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރާ ގާނޫނީ ވަކީލް މޫސާ ސިރާޖުގެ ކެމްޕެއިން ހަރަކާތްތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަން ވަނީ ނިންމަވާފަ އެވެ. އެ ދާއިރާއަށް ގާސިމްގެ ވެސް ތާއިދާއެކު، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވާދަ ކުރައްވަ އެވެ.
އެކަމާ ގުޅިގެން ގާސިމް އިބްރާހިމް މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ކައުންސިލް ވަޓްސްއެޕް ގުރޫޕަށް މެސެޖެއް ފޮނުއްވަވާފަ އެވެ.
ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ ގާސިމްގެ މެސެޖްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ މަގާމު ލިބިފައިވަނީ ޖުމްހޫރީ ޕާޓީއަށް ސަވާރުވެގެން ކަމަށެވެ. އެހެންކަމުން ޕާޓީއަށް އިހްލާސްތެރިވާން ޖެހޭނެ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން ވާދަ ކުރާ ދާއިރާތަކުގައި އެހެން ޕާޓީތަކުގެ ކެންޑިޑޭޓުންނަށް ޖުމްހޫރީ ޕާޓީގެ ބޭފުޅުން ތާއިދު ނުކުރުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
"އެ މަގާމު ލިބިފައިވަނީ ޖުމްހޫރީ ޕާޓީއަށް ސަވާރުވެގެން ހުރެ، ޖޭޕީ ނިކަމެތި ނަމަވެސް ލިބުނު ކަމެއް ލިބިފައިވަނީ ޖޭޕީގައި ހުރެ، ވީއިރު އިހްލާސްތެރިވުމަކީ އަމާނަތްތެރިވުމަކީ އިއްސާނިއްޔަ ވަންތަކަމަކީ މި ނިކަމެތި ޖޭޕީއަށް ހިދުމަތްކޮށްދިނުން،" ގާސިމް ވިދާޅުވެފައިވެ އެވެ. "މަގާމުގައި ހުންނެވުމުގެ ބޭނުމުގައި ޖޭޕީއިން ވަކިވެވަޑައިގަންނަވާނަމަ ފުރަތަމަ ކުރަންވީ ކަމަކީ ވަޒީފާއިން އިސްތިއުފާ ދެއްވުން ނޫންތޯ؟، އެއީ ނޫންތޯ ފިރިހެން ކަމަކީ ނުވަތަ އަންހެން ކަމަކީ ނުވަތަ އިންސާނިއްޔަތު ކަމަކީ،"
ނައިބު ރައީސް ފައިސަލްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ރޭ ވަނީ އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑޭޓުންނަށް ތާއިދު ކުރަން ގާސިމް ނިންމަވާފައިވާ ނިންމުމަށް ފާޑުވިދާޅުވެފަ އެވެ.
ގާސިމްގެ އަނބިކަނބަލުން އަދި ޓްރޯސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ ގާސިމްގެ ނިންމުމާމެދު ހިތްހަމަނުޖެހޭކަން ހާމަ ކުރައްވާފަ އެވެ. އަދި ރައީސް ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.