ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕެއިންގައި ނާއިބު ރައީސް ފައިސަލް ނަސީމް ހުންނެވީ އެމްޑީޕީއާއެކު ކަމަށް ރައްޔިތުން މަޖިލީހުގެ ރަައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނާއިބު ރައީސް ފައިސަލް ނަސީމާ މިއަދު ބައްދަލު ކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގަ އެވެ.
ހިލާލީގޭގައި ދެ ބޭފުޅުން އެކުގައި ސައިބައްލަވަނިކޮށް ނަންގަވާފައިވާ ފޮޓޯއަކާއެކު ރައީސް ނަޝީދު ޓްވީޓް ކުރައްވާ ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެންޕެއިންގައި ނާއިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީއާއެކު ހުންނެވިކަމީ އެމަނިކުފާނު ރާއްޖެއަށް ހެޔޮ އެދިވަޑައިގަންނަވާ ކަމުގެ ފުރިހަމަ ދަލީލެއް ކަމަށެވެ.
ނާއިބު ރައީސް ފައިިސަލް ނަަސީމަކީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. އެމަނިކުފާނަށް ނާއިބު ރައީސް ކަމުގެ މަގާމު ލިބިވަޑައިގެންނެވީ 2018 ގެ ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު ކޯލިޝަނުން އެކުގައި އިންތިހާބަަށް ނުކުންނަވާ ރަނިންމޭޓްކަން ޖުމްހޫރީ ޕާޓީން ކަނޑައަޅާ ބޭފުޅަކަށް ދިނުމަށް ނިންމުމާ ގުޅިގެންނެވެ.
ފައިސަލް އޭރު ހުންނެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓެއްގައި ކާށިދޫ ދާއިރާގެ މެެންބަރުގެ ގޮތުގަ އެވެ. އިންތިހާބުވެވަޑައިގަތުމާއި ހަމައަށް ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުއްވި ނަަމަވެސް އޭގެ ފަހުން ޖޭޕީން ބާއްވާ އެއްވެސް ހަރަކާތެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ޖޭޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް އެމަނިކުފާނު އެކަށީގެންވާ މަސައްކަތްތަކެއް ކޮށްދެއްވާފައިނުވާ ކަމަށް އިންތިހާބުގައި ވާދަކުރި ޖޭޕީގެ ބައެއް ކެންޑިޑޭޓުން އޭރު ވިދާޅުވި އެވެ.