ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ލިބުނު ނާކާމިޔާބީއާއެކު އެ ޕާޓީގެ ކައުންސިލްގެ ތެރޭގައި މައްސަލަ ހޫނުވެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހަމަލާތަކެއް ދެއްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް ވަޓްސް އެޕް ގުރޫޕްގައި މައްސަލަ ހޫނުވީ އެ ޕާޓީއަށް ލިބުނު ބައްޔަކީ "ވަގުން" ޕާޓީއަށް ވެއްދުމުން ލިބުނު ބައްޔެއް ކަމަށް ބުނެ ބައެއް މެންބަރުން ފާޑު ކިޔުމުންނެވެ.
އެ މެންބަރުން އިޝާރާތް ކުރީ ރިޔާސީ އިންތިހާބަށްފަހު އެ ޕާޓީއާ ގުޅުނު މަޖިލިސް މެންބަރުންނަށެވެ. އެއީ ޕީޕީއެމްގައި ކުރިން ތިއްބެވި މެންބަރުންނެވެ. އެ ބަހުސް ހޫނުވެފައިވަނިކޮށް ދިގު މެސެޖެއް ގާސިމް ގުރޫޕަށް ފޮނުއްވާލެއްވި އެވެ.
"ބަލަ 2009 ގައި ވެސް ޖޭޕީއިން ޓިކެޓް ދީގެން އެއްވެސް ބަޔަކާ ބައިވެރިނުވެ 30 މީހަކަށް ހަރަދުކޮށްގެން ހޮވުނީ ގާސިމް އެކަނި، އެއީ ކީއްވެގެން ކާކު ކޮން ވަގަކަށް ވެގެން، ތިޔަކަހަލަ ވާހަކަ ދެއްކުމަކުން ނުސިހޭނެ، ތިޔަ ވާހަކަ ދައްކާ އެކަކު ވެސް މި އިންތިހާބު ކާމިޔާބު ކުރުމަށް ކޮށް ދެއްވި ކަމެއް އެބަ އޮތްތޯ،" ގާސިމްގެ މެސެޖްގައިވެ އެވެ.
ގާސިމް ވިދާޅުވެފައިވަނީ "ކަމެއްކޮށް ނުދީ ތިބެގެން ފާޑުފާޑު ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް" ކަމަށެވެ. އެމްޑީޕީއިން އެންމެ ފަހު ދުވަހު ވާރޭހެން ފައިސާ އޮއްސާލި ކަމަށާއި ސަރުކާރުން އެކި ވަޒީފާތައް ދޭނެ ކަމުގެ ޔަގީންކަން ވެސް ދިން ކަމަށެވެ. އެމްޑީޕީގެ ކާމިޔާބީގެ އަސްލަކީ އެއީ ކަމަށް ގާސިމް ސިފަ ކުރެއްވި އެވެ.
"ވަގުގެ އަތުގައި ހިފައިގެނެއް ނޫން ގޮނޑިތައް ނުނެގުނީ، އެންމެ ފަހު ދެ ދުވަހު އެމްޑީޕީއިން ވާރޭވެހޭ ގޮތަށް ފައިސާ އެޅީ،" ގާސިމް ވިދާޅުވި އެވެ.
"އަނެއްކޮޅުން އަހަރެމެންގެ ތެރެއިން ޖޭޕީއަށާއި ގާސިމްއަށް ބަވަމުން ދިޔައީ އަހަރެމެންގެ ތެރެއިން ނޫންބާ މިހާރު ވެސް ތިޔަ ބަވަނީ ގާސިމަށް ނޫންތޯ، މާ އަޑުގަދަ ކުރައްވާނެ ކަމެއް ނެތް، ތިޔަ ބޭފުޅުންނަށް ފެންނަ ގޮތަކަށް ކަންތައްތައް ކޮށް ލައްވާ،"
ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ގާސިމްގެ އިތުރުން ޖުމްހޫރީ ޕާޓީއިން ކާމިޔާބު ހޯދުނީ ހަތް ކެންޑިޑޭޓަކަށެވެ. އެ ޕާޓީއިން ޖުމްލަ 41 ކެންޑިޑޭޓަކު ވާދަކުރި އެވެ.