ހަބަރު

ޖޭޕީ ހޫނުވެ، ގާސިމާއި އަލީ ވަހީދުގެ ބަހުގެ ހަމަލާތަކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެންޑިޑޭޓުންނަށް ތާއިދު ކުރައްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވުމާ ދެކޮޅަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ނުކުންނެވި މައްސަލަ ހޫނުވެ އިސްވެރިން ބަހުގެ ހަމަލާތައް ރައްދު ކުރައްވަން ފަށައިފި އެވެ.

ޖުމްހޫރީ ޕާޓީގެ އެންމެ މުހިންމު ގުނަވަން ކަމަށްވާ އެ ޕާޓީގެ ކައުންސިލްގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަށް މިއަދު ގާސިމް ވަނީ ދިގު މެސެޖެއް ފޮނުއްވާފަ އެވެ. އެ މެސެޖްގައި ގާސިމް ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއިދު ކުރައްވައި އެ ބޭފުޅުން ހޮވުމަށް މަސައްކަތް ކުރެއްވުމަށް ޕާޓީގެ ހުރިހާ މެންބަރުންގެ އަރިހުން ވެސް އެދޭ ކަމަށެވެ.

ގާސިމް ނުރުހުން ފާޅު ކުރައްވާފައިވަނީ ރޭ ހުޅުމާލޭގައި ބޭއްވި އެ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޔާޒުގެ ކެމްޕެއިން ޖަލްސާގައި އަލީ ވަހީދު ބައިވެރިވެވަޑައިގެންފައިވާތީ އެވެ. އެ ޖަލްސާގައި އަލީ ވަހީދު ވަނީ ގާސިމްގެ ނިންމެވުމަށް ފާޅުގައި ފާޑުވިދާޅުވެފަ އެވެ. އަދި އޭނާ ވިދާޅުވީ އޭނާ މި ސަރުކާރު ގެންނަން ކުރި އިހްލާސްތެރި މަސައްކަތް ގަބޫލު ނުކުރާނަމަ ޖުމްހޫރީ ޕާޓީގައި ހުންނަން ބޭނުން ނުވާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވުމުގެ ގޮތުން މެސެޖްގައި ގާސިމް ވިދާޅުވީ، އެ ޕާޓީއިން އިސްތިއުފާ ދެއްވުމުގެ ކުރިން އިސްތިއުފާ ދެއްވަން ޖެހޭނީ ސަރުކާރުގެ މަގާމުން ކަމަށެވެ. އެއީ އެ މަގާމަށް ވަޑައިގެންނެވުނީ އެ ޕާޓީގެ ބުރަކަށީގައި އަތް އަޅައިގެން ކަމުގައިވާތީ ކަމަށެވެ. އެހެން ގާސިމް ވިދާޅުވީ އަލީ ވަހީދުގެ ނަން ބޭނުން ނުކުރައްވާ ކަމަށެވެ.

"އެ މަގާމު ލިބިފައިވަނީ ޖުމްހޫރީ ޕާޓީއަށް ސަވާރުވެގެން ހުރެ، ޖޭޕީ ނިކަމެތި ނަމަވެސް ލިބުނު ކަމެއް ލިބިފައިވަނީ ޖޭޕީގައި ހުރެ، ވީއިރު އިހްލާސްތެރިވުމަކީ އަމާނަތްތެރިވުމަކީ އިއްސާނިއްޔަ ވަންތަކަމަކީ މި ނިކަމެތި ޖޭޕީއަށް ހިދުމަތްކޮށްދިނުން،" ގާސިމް ވިދާޅުވެފައިވެ އެވެ.

"މަގާމުގައި ހުންނެވުމުގެ ބޭނުމުގައި ޖޭޕީއިން ވަކިވެވަޑައިގަންނަވާނަމަ ފުރަތަމަ ކުރަންވީ ކަމަކީ ވަޒީފާއިން އިސްތިއުފާ ދެއްވުން ނޫންތޯ؟، އެއީ ނޫންތޯ ފިރިހެން ކަމަކީ ނުވަތަ އަންހެން ކަމަކީ ނުވަތަ އިންސާނިއްޔަތު ކަމަކީ،"

ގާސިމް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް މިގޮތަށް ނުކުންނަން ޖެހުނީ އެމްޑީޕީއިން ވައުދު އުވާލުމުން ކަމަށެވެ. އެހެން ނޫންނަމަ އެ ޕާޓީއިން އިންތިހާބުގައި ވާދަ ކުރީހީ 22 ދާއިރާއަށް ކަމަށެވެ. އެއީ ކޯލިޝަން އެއްބަސްވުމުގައިވާ މިންވަރު ކަމަށެވެ.

މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ގާސިމްގެ މެސެޖަށް ރައްދު ދެއްވަމުން އަލީ ވަހީދު ގުރޫޕަށް ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވަނީ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރެއްވި ޖުމްހޫރީ ޕާޓީ އާއި ގައުމަށް އިހްލާސްތެރި މެންބަރުންނަށް އޭނާ ތާއިދު ކުރައްވާނެ ކަމަށެވެ.

"އަނިޔާ ކުރަން އެ ދުވަހު އެ ތިއްބެވި އަނިޔާވެރިންނަށް ތާއިދެއް ނުކުރާނަން، އެންމެ އުނދަގޫ ދުވަސްވަރު ކިތަންމެ ނިކަމެތި ވިޔަސް ކުޑަ ވިޔަސް ވީ ހާލެއްގައި އަޅުގަނޑުމެން ވެސް ތިބީމު، އެކަން ކައުންސިލްގެ ބައެއް ބޭފުޅުން ހަނދާން ނެތީތީ ހިތާމަ ކުރަން،" އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.

އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ މަގާމުތައް ލިބުނު ޖުމްހޫރީ ޕާޓީގެ މެންބަރުން އަބަދު ބަދުނާމު ނުކުރުމަށް އެދޭ ކަމަށެވެ. އޭނާ ވެސް ހައްގު މިންވަރު ހޯދީ ބުރަ މަސައްކަތުން ކަމަށް ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީއިން ދިން ފުރުސަތާއި ކުރި އިތުބާރު ހަނދާން ނުނެތޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"ހަމަ އެގޮތަށް އަނިޔާވެރިން ކުރި އަނިޔާ ވެސް ހަނދާނެއް ނުނެތޭ، ހެޔޮ ދުއާ!،" އަލީ ވަހީދުގެ މެސެޖް ނިންމަވާލެއްވި އެވެ.

އޭގެ ފަހުން ބައެއް އެހެން ކައުންސިލް މެންބަރުން ވެސް ވަނީ އަލީ ވަހީދަށް ތާއިދު ކުރައްވާ މާރަމުން މެސެޖް ކުރައްވާފަ އެވެ.

އަލީ ވަހީދުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވާފަ އެވެ. އަދި ގާސިމްގެ އަނބިކަނބަލުން އަދި ޓްރޯސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ ގާސިމްގެ ނިންމުމާމެދު ހިތްހަމަނުޖެހޭކަން ހާމަ ކުރައްވާފަ އެވެ. އަދި ރައީސް ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.