ހަބަރު

ގާސިމްގެ ނިންމުމާ ދެކޮޅުވެ، އަލީ ވަހީދު އެމްޑީޕީގެ ޖަލްސާއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބައެއް ކެންޑިޑޭޓުން ޖުމްހޫރީ ޕާޓީގެ ތާއިދު ދިނުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވި ނިންމުމާމެދު ހިތްހަމަނުޖެހުން ފާޅު ކުރައްވައި، އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގައި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ބައިވެރިވެވަޑައިގެންފި އެވެ.

އަލީ ވަހީދު ބައިވެރިވެވަޑައިގެންނެވީ ރޭ ހުޅުމާލޭގައި ބޭއްވި އެ ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޔާޒުގެ ކެމްޕެއިން ޖަލްސާގަ އެވެ. އަލީ ނިޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅެވެ.

ހުޅުމާލެ ދާއިރާއަށް ރައީސް ޔާމީންގެ ތާއިދާއެކު، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް ވާދަ ކުރައްވަ އެވެ. ގާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ތާއިދު ހުޅުމާލެ ދާއިރާއިން އޮންނާނީ ފައިސަލްއަށް ކަމަށް ވިދާޅުވެފަ އެވެ.

އަލީ ނިޔާޒަށް ތާއިދު އޮތްކަން ހާމަ ކުރައްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް ތާއިދު ކުރުމަށް ގާސިމް ނިންމަވާފައިވަނީ ޕާޓީގެ ކައުންސިލްގައި މަޝްވަރާކޮށް އެކަމަށް ރުހުން ލިބިގެން ނޫން ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ގާސިމްއާމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް ތާއިދުކުރަން ނިންމި ނިންމުން ބަލައިނުގަނެވޭ ކަމަށެވެ. އެއްބަސްވުމެއް ނެތި ވެސް ރައީސް ޔާމީންގެ ކެންޑިޑޭޓުންނަށް ތާއިދު ކުރުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ގާސިމް އިބްރާހިމްގެ އެ ނިންމުމާމެދު ޕާޓީގެ އެތެރޭގައި ވަރަށް މައްސަލަ ބޮޑުވެފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. ގާސިމްގެ އަނބިކަނބަލުން އަދި ޓްރޯސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ ގާސިމްގެ ނިންމުމާމެދު ހިތްހަމަނުޖެހޭކަން ހާމަ ކުރައްވާފަ އެވެ. އަދި ރައީސް ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން ކޯލިޝަންގެ ހަތަރު ލީޑަރުންނަށް އެއް ގަލަކަށް ނާދެވުމަކީ ރައީސް ޔާމީންއާއެކު މަސައްކަތް ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެ ކޯލިޝަނުން ފެށި އިސްލާހީ މަސައްކަތް ކާމިޔާބު ވާނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މެޖޯރިޓީ ސަރުކާރަށް ހޯދައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާގެ އެ ސްޓޭންޑް ހާމަ ކުރައްވައި މީގެކުރިން ކުރެއްވި ޓްވީޓަކަށް ކޯލިޝަންގެ އެއް ލީޑަރު ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ތައުރީފް ކުރައްވާފައިވެ އެވެ. ރައީސް މައުމޫން ވަނީ މިވަގުތު ވެސް ކޯލިޝަންގެ ޕާޓީތައް އެކުގައި ތިބުމުގެ މުހިންމުކަން ފާޅު ކުރައްވާފަ އެވެ.

ގާސިމް ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީންއާއެކު މަސައްކަތް ކުރަން ޖެހުނީ، އެމްޑީޕީއިން އެ ޕާޓީ ބިކަކޮށްލުމުންނެވެ. ޖުމްހޫރީ ޕާޓީ އޮތީ ނާށިގަނޑު ހިފައިގެން ކަމަށާއި ލޯ ލާރިއެއް ވައްޓާލާ ކޮންމެ މީހަކާއެކު ވެސް ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. އެކަމަކު އަލީ ވަހީދު ވިދާޅުވީ ނާށިގަނޑަށް އަނިޔާވެރިކަން ވައްޓާލުމުން އެއާއެކު ނުދެވޭނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީއާ ގުޅުމެން ގާސިމް ކައިރީގައި ދެ ޝަރުތެއް ކުރައްވާފައިވާނެ ކަމަށެވެ. އެއް ކަމަކީ އެމްޑީޕީގެ ގައިގާ ކޮޅުން ފައިން ޖަހަން ނޭންގުން ކަމަށެވެ. އެކަމެއް އޭނާއަށް ނުވާނެ ކަމަށެވެ. ދެވަނަ ކަމަކީ ހިތަށް އަރާ ކޮންމެ އެއްޗެއް ބުނުމުގެ މިނިވަންކަން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.