ހަބަރު

އަލީ ވަހީދު އެމްޑީޕީއިން ވަކިވެ، ޖޭޕީއަށް

އަމިއްލައަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި މިހާރު އުޅުއްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އެ ޕާޓީން ވަކިވާން ނިންމަވައިފި އެވެ.

އަލީ ވަހީދު ޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއެކު އެމްޑީޕީއިން މަސައްކަތްކުރަން ފެށި ހިސާބުންނެވެ. އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ މޭޑޭގެ މުޒާހަރާއަށްފަހު އޭނާ ހައްޔަރުކޮށް ދޫކޮށްލުމުންނެވެ. ޗެއާޕާސަން ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ މާލޭގައި އުޅުއްވާ ބޭފުޅަކަށް އެ މަގާމު ދިނުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެ އެވެ.

އަލީ ވަހީދު ދާދިދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "ލޯބިވާ އެމްޑީޕީގެ ހުރިހާ އާންމު މެންބަރުންނަށް ހިތުގެ އިހްލާސްތެރި ޝުކުރު ދަންނަވާ،" ކަމަށެވެ. ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މިވަގުތު ވަކިވެލީ، އެހެނަސް އަޅުގަނޑުމެންފެ ހިތާ ހިތުގެ ގުޅުމެއް ނުފޮހެވޭނެ،" އަލީ ވަހީދު ވިދާޅުވެފައިވެ އެވެ.

އަލީ ވަހީދު ދެން ވިދާޅުވެފައިވަނީ މިރޭ 9:30 ގައި ވީޓީވީއިން ބައްދަލުކުރައްވާނެ ކަމަށެވެ. އޭނާގެ ޓްވީޓްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކު ނަންގަވާފައިވާ ފޮޓޯއެއް ވެސް ހިއްސާކުރައްވާފައިވެ އެވެ. ބެލެވޭ ގޮތުގައި މިރޭ އަލީ ވަހީދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވާނެ އެވެ.

އެކަމާ ގުޅިގެން ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މިރޭ ވީޓީވީ އިން ދައްކާ ޖަލްސާގައި، "ލޮނު، ފޮނި އަދި ކުޅި ރަހަވެސް ހެޔޮވަރުވާނެ" ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އަލީ ވަހީދު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ރައީސް މައުމޫންގެ އަރިހުގައި ޑީއާރްޕީގަ އެވެ. އެމްޑީޕީއަށް އަލީ ވަހީދު ގުޅިވަޑައިގެންނެވީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. އޭގެފަހުން އަލީ ވަހީދަކީ އެމްޑީޕީގެ ކުރީ ސަފުގައި އުޅުއްވާ ބޭފުޅެކެވެ.