ހަބަރު

މުޣުނީގެ މައްސަލައެއް ނެތަސް، އެމްޑީޕީގެ ނިންމުން ބަދަލެއް ނުވާނެ

ގދ. ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ އަބްދުލް މުޣުނީގެ މައްޗަށް ތުހުމަތުވާ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހަށް ހުށަހަޅާފައި ނުވި ނަމަވެސް އެމްޑީޕީ އިން އޭނާއާ މެދު ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މުޣުނީގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުކޮށް އޭނާގެ ކުރީގެ އަންހެނުންކޮށްފައިވާ ޓްވީޓަކާ ގުޅިގެން މުޣުނީއަށް ކުރާ ތާއީދު އެމްޑީޕީން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އެ ޓްވީޓުގައި ބުނާ ގޮތުން އެ މައްސަލަ ފުލުހުންނަށް ވެސް އޭރު ހުށަހެޅި އެވެ. ނަމަވެސް އެފަދަ މައްސަލައެއް ފުލުހުން ބަލަމުންދޭތޯ ސާފު ކުރަން މުޣުނީގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން ޖަވާބުގައި ފުލުހުން ބުނެފައި ވަނީ އެފަދަ މައްސަލައެއް އެއްވެސް އިރެއްގައި ފުލުހަށް ހުށަހަޅާފައިވާ ކަމަށް ރިކޯޑުތަކުން ނުދައްކާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ޑެޕިއުޓީ ސެކެޓަރީ ޖެނަރަލް އަފްޝާން ލަތީފްއާ "އަވަސް" އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ފުލުހަށް ހުށަހަޅާފައި ނެތަސް އެ މައްސަލާގައި އަދިވެސް ޕާޓީގެ ސްޓޭންޑަކީ ކުރިން ވެސް އޮތް ގޮތް ކަމަށެވެ. އަދި މުޣުނީގެ މައްސަލާގައި ދަންނަވާކަށް އިތުރު އެއްޗެއް ނެތް ކަމަށް ވެސް އަފްޝާން ވިދާޅުވި އެވެ.

މުޣުނީއަށް ކުރި ތާއީދު އެމްޑީޕީ އިން އަނބުރާ ގެންދިޔަ ނަމަވެސް އޭނާ ވިދާޅުވެފައި ވަނީ ކެނޑިޑެސީ އަނބުރާ ނުގެންދާނެ ކަމަށެވެ.