ހަބަރު

ރިޝްމީ އާއި ރަވީ ކައިވެނިކޮށްފި، މަރުހަބާ!

Mar 25, 2019
15

ދިވެހި ފިލްމީ އިންޑަސްޓްރީގެ އެންމެ މަގުބޫލް އެއް ޖޯޑް ކަމަށްވާ އައިޝަތު ރިޝްމީ އާއި ރަވީ ފާރޫގް މިއަދު ކައިވެނިކޮށްފި އެވެ.

އެ ތަރިންގެ ކައިވެނީގެ ހަފުލާ މިއަދު ހަވީރު ރައްޓެހިންނާއި އާއިލާއާއެކު ވަނީ ބާއްވާފަ އެވެ.

ރިޝްމީ މީގެކުރިން ފިލްމީ ތަރި އަހުމަދު އަޒްމީލާ ކައިވެނިކުރި އެވެ. އެ ކައިވެނި ރޫޅުނުއިރު ފިރިހެން ދަރިއަކު ހުއްޓެވެ.

މީގެކުރިން ރަވީ، ލަވަކިޔުންތެރިޔާ ލަހުފާ ފާއިޒާ ކައިވެނިކުރި އެވެ. އެ ކައިވެނި ރޫޅުމަށްފަހު ވެސް ރަވީ އިތުރު ކައިވެންޏެއް ކުރި އެވެ. އެ ކައިވެންޏަށް ރަވީއަށް ވެސް ދަރިއަކު ލިބިފައިވެ އެވެ.

ރަވީ އާއި ރިޝްމީ ވަނީ މިދިޔަ އަހަރުގެ ތެރޭގައި ފިލްމް ވިޝްކާއިން އެކުގައި ފެނިގެން ގޮސްފައިވެ އެވެ. އެފިލްމްގައި ދެ ތަރިންގެ އެކްޓިންއަށް ތައުރީފް ލިބިފައިވެ އެވެ. އަދި އެވޯޑްތައް ވެސް ހޯދައިފައިވެ އެވެ.

އެއް ޒަމާނެއްގައި ދިވެހި ފިލްމީ ދުނިޔޭގައި އެންމެ އަލިގަދަ "ޔާރާ" އާއިލާއަށް އުފަން އައިޝަތު ރިޝްމީ އާއި ނަށަމުން އައިސް ފިލްމީ ދުނިޔެއަށް ވަދެ ޖާދޫ ދައްކަމުން އަންނަ، ރަވީ ފާރޫގްގެ ލޯބީގެ ވާހަކަ ފުރަތަމަ ތިލަވެގެން އައީ މީގެ ތިން އަހަރެއްހާ ދުވަސްކުރިންނެވެ.

އެހެންނަމަވެސް ދޭތެރެއަކުން އެ ދަތިންގެ ދެމެދު އޮތް ލޯބީގެ ގުޅުން ނިމުމަކަށް ގެނަ އެވެ. އަލުން އެ ގުޅުން ފެނިގެން ދިޔައީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގެ ތެރޭގަ އެވެ.

ރަވީ އާއި ރިޝްމީ، މިއަދު ކައިވެނިކޮށްފައިވާއިރު އެ ދެ ތަރިން ވެސް ފާހަގަވަނީ އެކަކު އަނެއްކަކު ދަރިންނާ ވެސް ގާތް ގުޅުމެއް ބާއްވާ ދެ ތަރިންގެ ގޮތުގަ އެވެ.

ރަވީ އާއި ރިޝްމީއަށް އުފާވެރި ކައިވެންޏަކަށް އެދެމެވެ.