ލައިފްސްޓައިލް

ދަންނަ ސޭޓާއެކު ކަންމަތީފިހާރައިން ކުޑަގޮތެއް!

ކަންމަތީ ފިހާރައަށް މަދުވެގެން ދުވާލަކު އެއް ފަހަރު ވަންނަން ދޯއެވެ؟ ސުޕާރީއެއް ގަނެލަން ނޫނީ ގެއަށް ބޭނުން ފުށް ކިލޯއެއް ތެޔޮފުޅިއެއް ވިޔަސް ގަނެލާށެވެ. އަބަދު ގިނަ ބަޔަކު ވަދެ ފިތިގެން ތިބޭ ކަންމަތީ ފިހާރަތަކުގެ ހިދުމަތް ވެސް ދުވަހުން ދުވަހަށް މިހާރު އަންނަނީ ބަދަލުވަމުން ގަދަ ކުރަމުންނެވެ. ބޭނުންވާނެހެން ހީވާ ހުރިހާ އެއްޗެއް ހިމަނާފައި ހުރެ އެވެ. ތޮއްޖެހިފައިވާ މާލޭގައި ޓްރެފިކާއި ދެކޮޅަށް ހަނގުރާމައެއްކޮށް ބޮޑެތި ސުޕަމާކެޓުތަކަށް ދިއުމުގެ ބަދަލުގައި ކަންމަތީ ފިހާރައަށް ދެވެނީ ފަސޭހަވެފައި ކައިރި ވުމުންނެވެ. ރައްޓެހިވެފައި ފެންނަތަނުން ގޮވާލާ ސަމާސާ ވެސްކޮށްލާ ސޭޓް ނޫން ގޮތެއް ނެތިގެނެވެ.

ގިނަ މީހުން މި ފަސޭހަ ލިބިގަތުމަށް ކަންމަތީ ފިހާރަ އިހުތިޔާރު ކުރާއިރު، ކަންމަތީ ފިހާރަތަކަށް ސްކޫލް ގަޑިއާ ދިމާކޮށް އިތުރަށް ބާރު ބޮޑުވެ އެވެ. ކުދިންނަށް ބޭނުންވާ އިންޓަވަލް ގަންނަން ބެލެނިވެރިން ކަންމަތީ ފިހާރައަށް ވަދެއެވެ. މީގެ ކުރިން ފިހާރައިން ޕެކެޓެއް އެކަނި ގަތަސް މިހާރު ކަންމަތީ ފިހާރާގައި ހިސާބުގަނޑުގެ ހުރިހާ ގޭގެއިން ހަދާފައި ހުންނަ ތަފާތު ސޭންޑްވިޗާއި ޕިއްޒާ އާއި ޕަނީނޯ އަދި ބާގާ އާއި ކުދިކުދި ސަބްމެރީން ވެސް ހިސާބުގަނޑު އެންމެނާ ރައްޓެހި ސޭޓްގެ އެހީގައި ބަހައްޓާފައި ހުރެ އެވެ. ބައެއް މީހުން އަތުން ރޯޔަލްޓީއެއް ނަގަ އެވެ. ބައެއް މީހުން އަތުން ނުނަގަ އެވެ. އޭގައި އޮންނަނީ ސޭޓްގެ ހިތަށް އެރުމެވެ.

ކަންމަތީ ފިހާރައިގައި ކުދިން ކާހިތްވާ ކަހަލަ ގޮތަކަށް ހަދާފައި ހުންނަ އެކި ކަހަލަ ފޮނި އެއްޗެހި ހުރެ އެވެ. އެއިން އެއްޗެއް ގަނެލާ އިންޓަވަލް ބޭގަށް ލައިގެން ނޫނީ ދަރިފުޅު ގެންގޮސް ސްކޫލަކަށް ނުލެވެ އެވެ. ކަންމަތީ ފިހާރައިގެ އެއިން ކޮންމެވެސް ބާވަތެއް ދަރިފުޅަށް މާ މީރީ އެވެ.

ބައެއް ފިހާރަތަކުގައި ކައިރި ހިސާބުގަނޑު ގޭގެއިން ހަދައިގެން ގެންދާ އެފަދަ ހެދިކާގެ ބާއްވަތްތައް ބަހައްޓާށާއި އަތުރަން ވެސް ވަކި ހަރެއް ސޭޓް ބަހައްޓައިދީފައި ހުރެ އެވެ. އަދި ބައެއް ކަންމަތީ ފިހާރަތަކުގައި އެމީހުންގެ ޑީޕް ފްރީޒަރުމަތި ހުސްކޮށްދީފައި އޮންނަނީ ވެސް ހިސާބުގަނޑު ގޭގެއިން ގެންނަ އެ ބާވަތްތަކުގެ ހެދިކާ ތަށިތަކަށެވެ.

ގޭގެއިން ކަންމަތީ ފިހާރައަށް ގެންދާ ބާވަތްތައް ވަކި ވަކީން ޕެކްކޮށްލާފައި ހުންނަނީ ކޮންމެ މީހަކަށް ވެސް ފަސޭހައިން ކާލެވޭނެ ގޮތަށް އަދި ލޭބަލް ވެސް ކޮށްގެނެވެ. މިހާރު ދެން ބާވަތްތައް ގިނަކަމާއި ގާތްގަނޑަކަށް ހުރިހާ ގޭގެއިން ވެސް ކޮންމެވެސް ބާވަތެއް ސޭޓާ ގުޅާލައިގެން ވައްދާތީ އެންމެ ވިކެނީ ކޯންޗެއް ކަމެއް ނޭނގެ އެވެ. އެކަމަކު ކުދި ކުދި ޕިއްޒާ ސޭންޑްވިޗާއި ޖޫސްޕެޓީ ކޮތަޅު ކޮތަޅަށްލާފައި ހުންނަ ހެދިކާ އާއި ކުދި ކުދި ސަބްމެރީން ވަރަށް ވިކެ އެވެ. ކޮންމެ ދުވަހަކުވެސް ހަވީރު ގަޑީ ހުރިހާ ހެދިކާއެއް ހުސްވެ ނުލިބިގެން އުޅެ އެވެ.

ކަންމަތީ ފިހާރައެއްގެ ސޭޓަކު ބުނި ގޮތުގައި ވާދަވެރި ކަމުގައި ގޭގެއިން ފިހާރައިގައި ވިއްކާ ކާއެއްޗެއްސަށް ޑިމާންޑް އޮންނަނީ ސުކޫލް މާކެޓާއި ކޮލެޖްތަކާއި ދެ ޔުނިވާސިޓީއަށް ކިޔަވަމުންދާ ޒުވާނުންގެ މެދުގަ އެވެ. އޮފީހަށް ދާ މީހުންގެ ތެރެއިން ވެސް ވަރަށް ގިނަ އަންހެނުން ކަންމަތީ ފިހާރައިގެ ބްރެކްފާސްޓް ގަނެ އެވެ.

"ބްރޭކް ގަޑީގައި ގޮސް ކަންމަތީ ފިހަރާއަކުން އެއްޗެއް ގަނެގެން ކާލުމަކީ ޖީބަށްވެސް އެންމެ ލުއިގޮތް ކަމުގައި އޮންނަނީ ވެފައި. އެހެންވެ މިއީ ވަރަށް ފޯރި އޮންނަ އަދި ވާދަވެރިވެސް ކަމެއް،" އޭނާ ބުންޏެވެ.

ކަންމަތީ ފިހާރަތަކުގައި ހުންނަ މި ހާއްސަ އިންޓަވަލް ޕެކަށް ޑިމާންޑް ބޮޑުވެ. އޮފީހަށް ދާ ބައެއް މީހުން ކަންމަތީ ފިހާރަތަކަށް ވަދެ ފިހާރައިގެ ތެރޭގައި ހުރެގެން ވެސް ބްރެކްފާސްޓްގެ ކަންކަން ވަރަށް ގިނައިން ނިންމާލަ އެވެ.

"ބްރެކްފާސްޓްއޮންދަގޯ" ސްޓައިލަކަށް ޕެކްކޮށްފައިވާ ކޮންމެވެސް ކަހަލަ ސޭންޑްވިޗެއް ނުވަތަ ޕަނީނޯއެއް ހިފައިގެން ފިހާރައިތެރޭ ހުރެ ކުޑަގޮތެއް ހަދާލައިގެން އޮފީހަށް ދާން ނައްޓާލާ މަންޒަރު މިހާރު އާންމު ގޮތަކަށް ވަރަށް ގިނައިން ފެންނާނެ އެވެ.

ކަންމަތީ ފިހާރަތަކުގައި ތަފާތު އެކި އެކި ރަށްރަށުން ގެންނަ ހަދިޔާ ވެސް ކޮތަޅު ކޮތަޅަށް އަޅާ ބަންދުކޮށްފައި ހުރެ އެވެ. މިއީވެސް ބޮޑަށް އޮފީހުގައި ހަފާލާނެ އެއްޗެއް ހޯދަންދާ މީހުންނަށް ހާއްސަ ކޮށްގެން ވިއްކާ އެއްޗެއްސެވެ. ގޭގައި ހަދާ މި އެއްޗެހި ކަމުދަނީ، ހޯމްމޭޑް ރަހަ ހުރެފައި ވިއްކަނީ ވެސް ރަނގަޅު އަގެއްގައި ކަމަށްވާތީ އެވެ. އަދި ވަކި ވަކި ރަށްރަށުގެ ބްރޭންޑްތައް ވެސް ހިނގާ ގޮތްވެ އެވެ.

"މިއިން އެއްޗެއް ކާލުމުން ބައެއް ފަހަރު ރަށު ހަނދާންތައް ވެސް އާވޭ، މާމަމެން މަތީން ވަރަށް ހަނދާންވޭ،" އަންހެން ކުއްޖަކު ބުންޏެވެ.

ހެނދުނު ހޭލައިގެން ސައި ނުބޮއެ އޮފީހަށް ވަނުމަކީ ދުވަސް ފަށަން އެންމެ އުފެއްދުންތެރި ގޮތަށް ނުވާތީ ކަންމަތީ ފިހާރައިން އެއްޗެއް ކާލާ ކުޑަގޮތެއް ހަދާލެވެނީ އެވެ. އަދި އަބަދު ފެނިފެނި ސަމާސާވެސް ކޮށްލެވޭ ބަހަކުން ވެސް ޖަހާލާވޭ ސޭޓްގެ ފިހާރައަށް ވަދެވެނީ އެވެ.

ކަންމަތީ ފިހާރަތަކަށް ގޭގެއިން ލާ މިފަދަ ބާވަތްތައް މީރުވެފަައި ހިނގަ އެވެ. ގޭގައި ތިބެ އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރަން ފިހާރަ ސޭޓް ހޯދައި ދޭ މި ފުރުސަތަކީ އެންމެނަށް އޮތް ރަނގަޅު ފުރުސަތެކެވެ. ކުދި ކަންމަތީ ވިޔަފާރީގެ ތެރެއިން މިއީ އާދައިގެ މީހެއްގެ އިގްތިސޯދީ ފުދުންތެރިކަން އިތުރު ކުރަން ސޭޓްމެން ވެދޭ ބޮޑު އެހީއެކެވެ.

ކަންމަތީ ފިހާރަތަކުން ވެސް "ބްރޭކްފާސްޓްއޮންދަގޯ" އަށް މާކެޓެއް އޮތް ކަން ދެނަގެނެ މިކަން ކުރުމުން، ފިހާރަތަކަށް ވެސް ކޮންމެސް އެއްޗެއް ލިބި ހަދާ މީހުންނަށް އާމްދަނީއެއް ލިބި އަހަރުމެންނަށް ޖީބަށް ލުއިގޮތަކަށް ވަގުތު ވެސް ސަލާމަތްވާ ގޮތަށް ކުޑަގޮތެއް ހަދާލެވުނީ އެވެ.